އައިއޯއައިޖީ ބޭއްވުމާމެދު ރާއްޖޭން ދެ ވަނަ ވިސްނުމަކަށް!

2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަލް އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ފުރުސަތު ކުޑަކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ސަރުކާރާއި މިނިސްޓަރު މަހުލޫފްގެ ބުރަ މަސައްކަތާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިއޯއައިޖީ ބާއްވާނެ ކަމުގެ އުފާވެރި ހަބަރު ލިބުނީ މިދިޔަ އަހަރުގެ ޖުލައި މަހު މޮރިޝަސްގައި އޮތް ގޭމްސްގަ އެވެ. އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ކުޅިވަރުގެ މި ބޮޑު ހަރަކާތުގެ ބިޑް ރާއްޖޭން ކާމިޔާބުކުރީ މަޑަގަސްކަރަ އާއި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ. އެހެންނަމަވެސް މީގެ ދެ އަހަރު ފަހުން ބާއްވަން ހަމަޖެހިފައިވާ ގޭމްސްގެ އުއްމީދު ފަނޑުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުންނެވެ. ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓިފައިވާއިރު އިގްތިސާދީ އެތައް ދޮރެއް ވަނީ ބަންދުވެފަ އެވެ.
ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މަހުލޫފް ވިދާޅުވީ ގޭމްސް ބާއްވަން ރާއްޖޭން ކުރަންޖެހޭ މަސައްކަތް ދެނުގަވެ، ބޮޑު ހަރަދެއް ކުރަންޖެހުމުން ފުރުސަތު މިހާރު ހަނިވެފައިވާކަމަށެވެ.
“ވަރަށް ބުރަ މަސައްކަތެއްކޮށްގެން ވަރަށް ފޮނި އުންމީދެއްގައި ކާމިޔާބުކުރި ބިޑެއް އައިއޯއައިޖީގެ ބިޑަކީ. އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށްވީ މިއަހަރުގެ ތެރޭގައި މައި ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސް ނިންމާލުން. އަޅުގަނޑުމެންނާއި އެހެން ގައުމުތަކާއި ހުރި ތަފާތަކީ އެ ގައުމުތަކުގައި މިހާރުވެސް ހުރިހާ ފެސިލިޓީތައް ހުރެ ގޭމްސް ބާއްވާކަން. އަޅުގަނޑުމެން މި ޖެހެނީ ފެސިލިޓީސް ގާއިމުކޮށްފައި ގޭމްސް ބާއްވަން. މި ދައްކަނީ އެތައް މިލިޔަން ރުފިޔާއެއްގެ ވާހަކަ” ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގައި މަހުލޫފް ވިދާޅުވި އެވެ.
ހަތް ގައުމަކުން 2000 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާ މި ގޭމްސް އަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ ގޭމްސް އެވެ. މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގައި ރާއްޖޭގެ އެތުލީޓުން ރަނގަޅު ނަތީޖާތަކެއް ހޯދިއިރު 2023 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޮޑު ކާމިޔާބީއަކަށް ރާއްޖޭން ވަނީ އަމާޒު ހިފައިފަ އެވެ. ބިޑް ކާމިޔާބު ކުރުމަށް ފަހު ސަރުކާރުގެ ވިސްނުން ހުރީ މުޅި ރާއްޖެ ޝާމިލްވާނޭހޭ ގޭމްސްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރާނީ އައިއޯއައިޖީ އަށް ވިސްނައިގެން ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މި ޕްލޭންގެ ދަށުން އަތޮޅުތެރޭގެ ރަށްތަކުގައި ބައިނަލްއަގްވާމީ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
މަހުލޫފް ވިދާޅުވީ ގޭމްސް ބޭއްވުމާ މެދު ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އުފައްދަވާފައިވާ މިނިސްޓީރިއަލް ކޮމިޓީން ކަމަށެވެ. މަހުލޫފް ވިދާޅުވީ ކޮމިޓީގެ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ގޭމްސް ބޭއްވުމާމެދު ރާއްޖޭން ކޮންމެ ގޮތަކަށް ނިންމިޔަސް، ކުޅިވަރު އެތުލީޓުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުގެ ވައުދާ އެއްގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ