ޤާނޫނުލް އުޤޫބާތުގެ ދަށުން ފުރަތަމަ ފަހަރަށް ޤަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ!

ޤާނޫނުލް އުޤޫބާތުގެ ދަށުން ފުރަތަމަ ފަހަރަށް ޤަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ މީހެއްގެ މައްޗަށް އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ދައުވާ އުފުލާފައިވަނީ 01 ޖުލައި 2020 ދުވަހު އަންހެނަކަށް މަރުގެ އިންޒާރުދީ، އަނިޔާކޮށް، އެ އަންހެންމީހާގެ އަނގަޔަށް ފާހާނާ ފަދަ ތަންތަން ސާފުކުރުމަށް ބޭނުންކުރާ ބާރުގަދަ ކެމިކަލްއެއް އެޅި މައްސަލައިގައި ކަމަށެވެ. އެގޮތުން އެ އަންހެންމީހާގެ ހަށިގަނޑަށް ގެއްލުންދީ، މަރާލަން އުޅުނު މައްސަލާގައި، އެ އަންހެންމީހާގެ ކުރީގެ ފިރިމީހާ، ރ. އަލިފުށި، ކަސްތޫރިގެ، ޢަލީ އަމީންގެ މައްޗަށް ދަޢުވާ ކުރުމަށް ރ. އަލިފުށި މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި، އެ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން ޤަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ ކަމަށެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން 10 އަހަރުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އޭގެ އިތުރުން، ހަމަ އެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (ii) ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާވެސް އުފުލާފައިވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާވެސް އޭނާގެ މައްޗަށް އުފުލާފައިވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
އެކަމާ ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ޤާނޫނުލްއުޤޫބާތުގެ ދަށުން މީހެއްގެ މައްޗަށް މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އޭނާގެ މައްޗަށް އިތުރު 3 ދައުވާއެއްވެސް އުފުލާފައިވާކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، ގެވެށި އަނިޔާއާ ގުޅިގެން ފެންމަތިވާ މިފަދަ ޖިނާއީ މައްސަލަތަކަށް އިންސާފު ހޯދައިދިނުމުގައި ޤާނޫނުގެ ފުރިހަމަ ބާރު ބޭނުން ކުރައްވާނެ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން އޭރު ބުނެފައިވަނީ، މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ސީންއަށް ގޮސް އަނިޔާ ލިބުނު މީހާ ވަގުތުން އަލިފުށި ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާދިން ކަމަށެވެ. އަދި އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އޭރު ހެލްތް ސެންޓަރުން މައުލޫމާތުދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ