ދެން ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނޭދެން: ރައީސް ނަޝީދު

ދެން ރާއްޖޭގެ ރައީސްކަން ކުރެއްވުމަށް އެދިވަޑައިނުގަންނަވާ ކަމަށް، ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކޮންމެ ފޮއި ދުވަހަކުން ނެރޭ އެމްޑީޕީގެ ހަބަރު ސިޓީގެ މިއަދު ނެރުނު އަދަދުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.
ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މައްސަލަޖެހިފައިވާ މައްސަލަޔަށް އިޝާރާތް ކުރައްވައި އެ ލިޔުއްވުމުގައި އެމްޑީޕީގެ ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. ޕާޓީން އެ މަނިކުފާނަށް ދީފައިވާ އެންމެބޮޑު މަގާމަކީ އެމަނިކުފާނަށް ފެންނަ ގޮތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެންމެ މުހިއްމު އެއް ވަޒީރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމުން ވަކިކުރުމަށް ކުރައްވާ މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ވަޒީރަކާ ގުޅޭ ގޮތުން "އަޅުގަނޑު ނުރުހުން ފާޅު ކުރުމަކީ ފަސޭހަ ކަމެއް ނޫން، ރައީސަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ،" ކަމަށެވެ.
ނަމަވެސް ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅު ކުރައްވަނީ ވެރިކަމުގެ އިތުރު އުއްމީދަކާއެކުއެއް ނޫންކަން ކަށަވަރު ކޮށްދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ކަށަވަރު ކޮށްދެން. އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުއްމީދަކާއި އެކުއެއް ނޫން. އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނޭދެން، އަޅުގަނޑު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަންކޮށްދިނުން،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެމަނިކުފާނު ވިދާޅުވީ، "ސީދާ ސީދަލަށް ދަންނަވާ ނަމަ ބައެއް ބޭފުޅުންގެ ނަޒަރުގައި އަޅުގަނޑު ފާހަގަކުރާ ނުކުތާ ތަކަކީ، ސަރުކާރު ނިކަމެތި ކުރުމަށް ފާހަގަ ކުރާ ކަންކަން، ހާދަހާވާ ބޮޑު އޮޅުމެކެވެ،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ