"ރައްޔިތުން ކަންބޮޑުވަނީ ރައީސް ޔާމީން މިނިވަން ނުވެގެނެއް ނޫން"

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ފެށި މުޒާހަރާތަކާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.
އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިނިވަން ދުވަހުގެ ރޭ ސިލްސިލާ މުޒާހަރާތަކެއް ފަށާފަ އެވެ. އެ މުޒާހަރާތައް އީދު ބަންދަށް މެދުކަނޑާލީ ފަހުން ފަށާފައެއް ނުވެ އެވެ.
އަވަސްއިން މިއަދު ގެނެސްދިން ހެނދުނުގެ ޝޯ "ފަށަމާ" ގައި މެހެމާނެއްގެ ގޮތު ބައިވެރިވެވަޑައިގެން މިނިސްޓަރު މާރިޔާ ވިދާޅުވީ ރައްޔިތުން ކަންބޮޑުވުން އޮތީ ރައީސް ޔާމީން މިނިވަން ނުވެގެން ނޫން ކަމަށެވެ. އެ މަނިކުފާނުގެ މައްޗަށް އައި ހުކުމާމެދު މެޖޯރިޓީ ރައްޔިތުންގެ ކަންބޮޑުވުމެެއް ނެތް ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަޣުލަބިއްޔަތު ދެކޭ ގޮތުގައި ކުރީ ސަރުކާރުން ހިންގި ހިޔާނާތަށް އަދިވެސް އިންސާފެއް ނުލިބެ އެވެ. އަދި ރައްޔިތުން ބޭނުންވަނީ އިންސާފެވެ.
"ތިޔަ ވިދާޅުވާ ފަންސާހަކަށް މީހުން ނުކުމެ ރަށްމެދުގައި ތިބެގެން ރައީސް ޔާމީންގެ ޝަރީއަތް ނާއިންސާފޭ ބުނާ މީހުންނަށްވުރެ މިއަދުވެސް ރައީސް ޔާމީނަށް ހުކުމް ކުރެވޭނެ ކަމަށް ނުވަތަ އެއަށްވުރެ ގިނަ އަދަދަ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ގަބޫލުކުރާ މީހުން ރަށްމެދަށް އެއްވެލާށޭ ބުނެފި ނަމަ އަދަދު ފެންނާނެ ކަމަށް އަޅުގަނޑު ދެކެނީ،" އިދިކޮޅުގެ މުޒާހަރާއަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވި އެވެ.
ތިޔަ ވިދާޅުވާ ފަންސާހަކަށް މީހުން ނުކުމެ ރަށްމެދުގައި ތިބެގެން ރައީސް ޔާމީންގެ ޝަރީއަތް ނާއިންސާފޭ ބުނާ މީހުންނަށްވުރެ މިއަދުވެސް ރައީސް ޔާމީނަށް ހުކުމް ކުރެވޭނެ ކަމަށް ނުވަތަ އެއަށްވުރެ ގިނަ އަދަދަ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ގަބޫލުކުރާ މީހުން ރަށްމެދަށް އެއްވެލާށޭ ބުނެފި ނަމަ އަދަދު ފެންނާނެ ކަމަށް އަޅުގަނޑު ދެކެނީ،
މާރިޔާ އަހުމަދު ދީދީ | ޑިފެންސް މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ މިދިޔަ ފަސް އަަހަރުގައި ހިނގައިދިޔަ ކަންކަން ރައްޔިތުން ހަނދާން ނުނެތޭ ކަމަށެވެ. މުއައްސަސާތަކަށް ނުފޫޒު ފޯރުވާ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ކުރީ ސަރުކާރުން ހިންގި ކަންކަމަށް އިންސާފު ގާއިމްވާތަން ދެކެން ރައްޔިތުން ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަދިވެސް އިންސާފު ނުލިބޭ ކަމަށް ރައްޔިތުން ބުނަމުން ދަނީ،"
މިނިސްޓަރު ވިދާޅުވީ އިދިކޮޅުން ހިންގާ ކަންކަމާ އެއްޗެއް ނުބުނެ ވަކި ކަންތައްތަކެއް ނަގައިގެން ވާހަކަ ދައްކާ ބަޔަކު ވެސް ރާއްޖޭގައި އުޅެމުންދާ ކަމަށެވެ. އެފަދަ ފަރާތްތަކަށް ފާޑުވިދާޅުމުގެ ގޮތުން އެކަމަނާ މިއަދު ވިދާޅުވީ ރައީސް ޔާމީން އަލުން ވެރިކަމަށް ވަޑައިގެންފިނަމަ ރައްޔިތުންގެ ހައްގުތައް ގެއްލިގެން އަޑު އުފުލަން ތިބޭނީ ހަމަ އެފަރާތްތައް ކަމަށެވެ.
"މާދަމާ ވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފިނަމަ މީޑިއާގެ މިނިވަންކަމާއި އެނޫން ހައްގުތައް ހޯދަން ވެސް އަޑުއުފުލަން ތިބޭނީ އަޅުގަނޑުމެން. މިހާރު ހައްގުތަކުގެ ވާހަކަތައް އެ ދައްކާ މީހުން އެ ދުވަހަކުން ނުފެންނާނެ،" މާރިޔާ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އަވަސް އޮފީހުގައި
-- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
މާރިޔާ ވަނީ ކުރީ ސަރުކާރުން އެއްވެ އުޅުން ހަނިކޮށް ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ހަނދާންތައް ވެސް އާ ކުރައްވާފަ އެވެ. ވިދާޅުވީ "އެއްވަން ބޭނުންނަމަ ހައްޖަށްދާން" ގޮވާލި މީހުން މިއަދު މަޖީދީ މަގަށް ނުކުމެ މުޒާހަރާ ކުރުމުން ހައިރާންވާ ކަމަށެވެ. އަދި ވަކި ތަނެއްގައި ނޫނީ މުޒާހަރާއެއް އަދި ޖަލްސާއެއް ވެސް ނުބޭއްވޭނެ ކަމަށް ބާރުގައި ތިބި ދުވަހު ގާނޫނުތަކުގައި ލިޔެ މިއަދު ބާރު ނެތި ދިއުމުން އެ ގާނޫނުތައް މުގުރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ