ރައްޔިތުންގެ މަޖިލިސް: ބޭރަށް ފައިސާ ފޮނުވޭނީ ވަކި ވަރަކަށް ކަން ކަނޑައެޅުމަށް މަނިޓަރީ ގާނޫނަށް އިސްލާހު ހުށަހަޅައިފި

މަނީ ޓްރާންސްފާގެ ހިދުމަތްދޭ ތަންތަން މެދުވެރިކޮށް ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭނީ ވަކި އަދަދަކަށް ކަން ކަނޑައެޅުމަށް މަނިޓަރީ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ހުށަހަޅުއްވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، އެކި ގޮތްގޮތުން ރާއްޖެ އަށް ބޭރު ފައިސާ އެތެރެވާ ވަރާއި ބޭރުވަމުންދާ ވަރާއި ތަފްސީލް އެނގޭނެ ގޮތެއް ނޯންނަ ކަމަށެވެ. އަދި އެކަން އެގޮތަށް އޮތުމަކީ، ގައުމުގެ ބޮޑެތި އިންވެސްޓްމަންޓްތައް ވިއްކާލައި ފައިސާ އަށް ހަދައިގެން ގައުމުން ބޭރުކޮށްލިއަސް ނޭނގޭ ފަދަ ނުރައްކާތެރިހާލަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ، އެކަމުގެ ސަބަބުން ގައުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ އިސްލާހުގެ ސަބަބުން ބޭރު ފައިސާގެ ވޮލިއުމް އެތައް ގުނައަކަށް އިތުރުވެ ވަޒީފާތައް އުފެދި، ބޭރު ފައިސާ ހޯދުމަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް އަންނާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ހުށަހެޅުއްވި އެ އިސްލާހްގައި ބުނަނީ، ރާއްޖޭގެ އެއްވެސް ޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ދަތުރުވެރިއަކަށް ނަގުދު ފައިސާގެ ގޮތުގައި ގިނަވެގެން ގެންދެވޭނީ، އެއިރެއްގައި ހުރި އެކްސްޗޭންޖު ރޭޓަކުން އެއްލައްކަ ރުފިޔާ އަށް ޖެހޭ އަދަދަށްވާ ބޭރު ފައިސާގެ މިންވަރު ކަމަށެވެ. އަދި އެއްވެސް ޕޯޓަކުން ރާއްޖެ އެތެރެވާ މީހަކު، އެއްލައްކަ ރުފިޔާ އަށް ޖެހޭ އަދަދަށް ވުރެ އިތުރަށް ފައިސާ އެތުރުކުރާ ނަމަ ކަސްޓަމްސް އިން ޑިކްލެއަކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
އެ އިސްލާހްގައިވާ ގޮތުން، މަނީ ޓްރާންސްފާގެ ހިދުމަތްދޭ ތަންތަން މެދުވެރިކޮށް ދެކުނު އޭޝިޔާ އާއި އެފްރިކާ އާއި ޕެސިފިކްގެ ގައުމުތަކަށް ފޮނުވޭނީ، ކޮންމެ މީހަކަށް ދުވާލަކަށް 1000 ޑޮލަރު ނުވަތަ އެއްހާސް ޑޮލަރަށްވާ ފައިސާ އެވެ. އިރުމަތީ އޭޝިޔާގެ ގައުމުތަކަށް 2000 ޑޮލަރަށްވާ މިންވަރަކަށެވެ. އަދި މެދުއިރުމައްޗާއި ލެޓިން އެމެރިކާގެ ގައުމުތަކަށް ފޮނުވޭނީ، 1500 ޑޮލަރުގެ މިންވަރަށް ކަމަށާއި، ޔޫރަޕާއި އެމެރިކާއަށް ފައިސާ ފޮނުވޭނީ ދުވާލަކު 3000 ޑޮލަރުގެ މިންވަރަށް ކަމަށް ވެސް އިސްލާހުގައިވެ އެވެ. އެ އިސްލާހްގައި، މަނީ ޓްރާންސްފާގެ ހިދުމަތްތަކާ ބެހޭ ގޮތުން އެއިރެއްގައި ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތުގެ މައްޗަށް ބަލައި ހިދުމަތްދޭ ތަންތަން ވަގުތީ ގޮތުން ހުއްޓުވާލުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ