ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިއަހަރު 282.4 މިލިއަން ޚަރަދުކޮށްފި
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ 'ސްޓޫޑެންޓް ލޯނު'ގެ ގޮތުގައި މިއަހަރު 282.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 982 މިލިއަން ރުފިޔާ ވަނީ ސްޓޫޑެންޓް ލޯނަށް ދޫކޮށްފައެވެ. އެ މުއްދަތުގައި ލޯނު ދޫކުރީ 1،151 ދަރިވަރަކަށެވެ. އޭގެ ތެރެއިން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 282.4 މިލިއަން ރުފިޔާ ވަނީ ލޯނުގެ ގޮތުގައި ދޫކޮށްފައެވެ. އެއީ 274 ދަރިވަރަކަށެވެ. ސަރުކާރުން މި އަހަރު ސްޓޫޑެންޓް ލޯނަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައި ވަނީ 768 މިލިއަން ރުފިޔާއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ދަސްވެނިވެފައި ވަނީ 863 ދަރިވަރުންނެވެ. އޭގެ ތެރެއިން މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް ދަސްވެނިވީ 281 ދަރިވަރުންނެވެ. https://x.com/MoHEmv/status/1946775150118228417 އަދި މިހާރު ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން މަތީ ތައުލީމު ހާސިލުކުރަމުންދަނީ 1،642 ދަރިވަރުންނެވެ. ސްޓޫޑެންޓް ލޯނުގެ ދަށުން ގިނަ ދަރިވަރުންތަކެއް ރާއްޖެއިން ބޭރުން ވެސް މަތީ ތައުލީމު ހާސިލުކުރެއެވެ. ސްޓޫޑެންޓް ލޯނު ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވުމުގެ ކަންބޮޑުވުން ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ މެދުގައި ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވުމުގެ މައްސަލަ އޮތީ ބޮޑުވެފައެވެ. https://sun.mv/207927 ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ ދަށެވެ. އެގޮތުން މިދިޔަ މަހުގެ 19ވަނަ ދުވަހާ ހަމައަށް ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައި ވަނީ 203.1 މިލިއަން ރުފިޔާއެވެ. އަހަރު ދެބައިވެފައިވާއިރު، މިއީ މި އަހަރަށް ބަޖެޓުކުރި އަދަދުގެ 26 ޕަސެންޓެވެ. އަދި އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 39 އިންސައްތައިގެ ދަށްވުމެކެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު: މެލޭޝިއާގައި ދަރިވަރުންނަށް އިތުރުކުރި ޓެކްސް، ސްކޮލާޝިޕާއި ލޯނުގައި ހިމަނައިގެން ދައްކައިދޭނެ ކަމަށް މިނިސްޓްރީން ބުނި -- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ, ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވައި ކަމަށާއި އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށެވެ. https://sun.mv/205413 އޭގެ ފަހުން މެއި 13 ވަނަ ދުވަހު ވެސް މަޖިލީހަށް ވަޑައިގެން ހައިދަރު ވަނީ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި އެ ކުދިންގެ ޝަކުވާތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ފަހުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ސްޓޫޑެންޓް ލޯނުގައި ރާއްޖެއިންބޭރުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުންނަށް ފައިސާ ޖަމާވުން ލަސްވެ، ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. https://sun.mv/207644 ނަމަވެސް, އޭގެ ފަހުން މިއަދާ ހަމައަށް ވެސް ދަރިވަރުންނަށް މިނިސްޓްރީއާ ކޮންޓެކްޓްކުރުމަށް އުނދަގޫވެ، އެކަމުގެ ކަންބޮޑުވުން އެ ދަރިވަރުންގެ ބެލެނިވެރިން ފާޅުކުރާ ކަމަށް މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ