އޮކްޓޫބަރު މަހު ބިޓްކޮއިންގެ އަގު އަނެއްކާވެސް ދަށަށް!
ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ، ބިޓްކޮއިންގެ އަގު މިދިޔަ އޮކްޓޫބަރު މަހު ދަށްވެ، 2018 ވަނަ އަހަރުން ފެށިގެން އޮކްޓޫބަރު މަހެއްގައި ގެއްލުންވި ފުރަތަމަ ފަހަރަށް ވެގެން ގޮސްފިއެވެ. 'އަޕްޓޯބަރު' ގެ ނަމުން މަޝްހޫރުވެފައިވާ، އޮކްޓޫބަރު މަހު އަގު މަތިވުމުގެ ސިލްސިލާ މިކަމާ އެކު ވަނީ ނިމުމަކަށް އައިސްފައެވެ. މި މަހުގެ ތެރޭގައި ބިޓްކޮއިންގެ އަގުން ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށްވެފައިވާއިރު، މި ދަށްވުން ކުރިމަތިވީ ދުނިޔޭގެ މާލީ މާކެޓްތަކުގެ ހާލަތު ދަށަށް ގޮސް، އިންވެސްޓަރުން ރިސްކު ނެގުމަށް ފަސްޖެހިފައިވާ ދަނޑިވަޅެއްގައެވެ. https://sun.mv/212571 މިގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާއިން އެތެރެކުރާ މުދަލުން 100 ޕަސެންޓްގެ ޓެރިފެއް ނަގާނެކަން އިއުލާންކޮށް، މުހިންމު ސޮފްޓްވެއާތައް އެކްސްޕޯޓް ކުރުން ހުއްޓުވާލާނެކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން، ތާރީޚުގައި މިހާތަނަށް އެންމެ ބޮޑު ކްރިޕްޓޯ ލިކުއިޑޭޝަން (ވިއްކުން) ހިނގާފައިވެއެވެ. މި ހާދިސާގެ ނަތީޖާއެއްގެ ގޮތުން، އޮކްޓޫބަރު މަހުގެ 10 އަދި 11 ވަނަ ދުވަހު ބިޓްކޮއިންގެ އަގު 104,782.88 ޑޮލަރަށް ވަނީ ތިރިވެފައެވެ. މިއީ އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން 126,000 ޑޮލަރުން މަތީގެ ރެކޯޑް އަގެއްގައި ހުރުމަށްފަހު ދަށްވި ދަށްވުމެކެވެ. ޑިޖިޓަލް މާކެޓް ޑޭޓާ ފޯރުކޮށްދޭ 'ކައިކޯ'ގެ ސީނިއާ ރިސާޗް އެނަލިސްޓް، އާދަމް މެކާތީ ވިދާޅުވީ، އޮކްޓޫބަރު މަސް ފެށުނުއިރު ރަނާއި ސްޓޮކްތަކެކޭ އެއްފަދައިން ކްރިޕްޓޯވެސް ހުރީ މަތީ އަގުތަކެއްގައި ކަމަށާއި، ނަމަވެސް މި އަހަރު ފުރަތަމަ ފަހަރަށް ކުރިމަތިވި ނުތަނަވަސްކަމުގެ ތެރޭގައި އިންވެސްޓަރުން ބިޓްކޮއިންއަށް ބަރޯސާވި މިންވަރު ދަށަށް ދިޔައީ ކަމަށެވެ. އޮކްޓޫބަރު މަހު ގެއްލުންވެފައިވީ ނަމަވެސް، މި އަހަރު ފެށުނު ފަހުން ބިޓްކޮއިންގެ އަގު އަދިވެސް 16 ޕަސެންޓަށް ވުރެ މަތީގައިވާކަން ފާހަގަކޮށްލެވެއެވެ. ޓްރަމްޕްގެ ސަރުކާރުން ޑިޖިޓަލް އެސެޓްތަކަށް ތާއީދުކުރަމުން އައުމަކީ މުޅި އަހަރަށް ބަލާއިރު ކްރިޕްޓޯ މާކެޓަށް ހެޔޮ އަސަރެއް ކޮށްފައިވާ ކަމެއްކަމަށް ބެލެވެއެވެ. ކްރިޕްޓޯ މުޖުތަމައުގައި "އަޕްޓޯބަރ"ގެ ނަމުން މަޝްހޫރުވެފައިވާ އޮކްޓޫބަރު މަހަކީ، ތާރީޚީ ގޮތުން ބިޓްކޮއިންގެ އަގަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނަ މަހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މަހެކެވެ. ދެހާސްއަށާރަ ވަނަ އަހަރު ފިޔަވައި، ފާއިތުވި ގިނަ އަހަރުތަކުގެ އޮކްޓޯބަރު މަހު ބިޓްކޮއިންގެ އަގު މަތިވެފައިވުމުން، އިންވެސްޓަރުންގެ މެދުގައި މި މަހާ މެދު އޮންނަނީ ވަރަށް ބޮޑު އުންމީދެކެވެ. ނަމަވެސް، ބިޓްކޮއިން އަކީ އޭގެ ޒާތުގައި އަގަށް އަވަސް އަދި ބޮޑެތި ބަދަލުތައް އަންނަ އެސެޓެކެވެ. ކްރިޕްޓޯގެ އަގަށް ބަދަލު އައުމުގައި އިންވެސްޓަރުންގެ އިތުބާރާއި، ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި، އަދި ސަރުކާރުތަކުގެ ސިޔާސަތުތައް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. އެހެންކަމުން، މި އަހަރުގެ އޮކްޓޫބަރު މަހު ފެނިގެން މިދިޔަ އަގު ދަށްވުމަކީ، މުޅި ދުނިޔޭގެ މާލީ މާކެޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސަރު ކްރިޕްޓޯ މާކެޓަށްވެސް ފޯރަމުންދާ ކަމުގެ ހެއްކެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ