ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ހުރިހާ ރަށެއްގައި ސްކްރީނިން ހަރަކާތްތަކެއް ބާއްވަނީ
މިއަދު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ ރަށެއްގައި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި މަދަނީ ޖަމިއްޔާތަކުން އިސް ނަގައިގެން ސްކްރީނިން ހަރަކާތްތައް ބާއްވަން ނިންމާފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް މާލެ ސަރަހައްދުގެ ސުކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށް މައުލޫމާތު ދިނުމުގެ ސެޝަންތައް ރާވާފައިވާ ކަމަށެވެ. އެގޮތުން، އައިޖީއެމްއެޗް ހޮސްޕިޓަލާއި އެޗްޕީއޭއާ ގުޅިގެން ސޯޝަލް ސެންޓަރުގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ބުންޏެވެ. މާލޭގެ އިތުރަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތްތަކާއި މައުލޫމާތު ދިނުމުގެ ހަރަކާތްތައް ބާއްވަން އިންތިޒާމުތައް ހަމަޖެހިފައިވާ ކަން އެޗްޕީއޭއިން ފާހަގަކުރިއެވެ. މީހަކު ހަކުރު ބައްޔަށް ސްކްރީނިން ކުރަނީ: ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ހުރިހާ ރަށެއްގައި ސްކްރީނިން ހަރަކާތްތައް ބާއްވަނީ --- ފޮޓޯ/ ޓްރީޓޮޕް މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާފައި ވަނީ، "ހަކުރުބަލި – ހަޔާތުގެ އެކި މަރުހަލާގައި" އެވެ. އެޗްޕީއޭއިން ބުނީ، އެ ޝިއާރު އަމާޒުކޮށްފައި ވަނީ، ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި ހަކުރު ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ލިބެންޖެހޭ ފަރުވާ ހޯދައިދެވި، އެކަމަށް މަގުފަހި ކޮށްދޭ ސިޔާސަތާއި ދުޅަހެޔޮ ވެއްޓެއް ބިނާ ކުރުމަށް ކަމަށެވެ. ހަކުރު ބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށް މަތިވުމުން ދިމާވާ ސިއްހީ މައްސަލައަކަށް ވާއިރު، މިއީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ޖެހިދާނެ ބައްޔެކެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، ޢާއިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން ވެސް އެ ބަލި ޖެހުމަށް މަގުފަހިވެއެވެ. ނަމަވެސް، ހަކުރު ބައްޔަކީ ދުރާލާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ސަމާލުކަން ދެވިއްޖެނަމަ ރައްކާތެރިވެވިދާނެ ބައްޔެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ސިއްހީ ގޮތުން ދުޅަހެޔޮ ކާނާ ކެއުމާއި ކަސްރަތު ކުރުމަށް އާދަކުރުމާއި ކެއުމުގެ ވަގުތުތަކާއި ކާ މިންވަރާ މެދު ސަމާލުވުމުގެ އިތުރަށް ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ހަކުރު ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ޓެސްޓުތައް ހަދައި، ބަލީގެ ހާލަތު ކަށަވަރުކުރުން ހިމެނެއެވެ. އެޗްޕީއޭއިން އިތުރަށް ބުނީ، ހަކުރުބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް މި ބަލި ބޮޑުނުވެ، ދިރިއުޅުން ބައްޓަން ކުރަންޖެހޭ ގޮތުގެ ފުރިހަމަ މަޢުލޫމާތު ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ