މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްތިބި ދިވެހި ހާޖީން މިނާއަށް ދަތުރުކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނާއާއި އަރަފާތުގައި ދިވެހި ހާޖީންނަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މައްކާ ގަޑިން މިރޭ 9:30 ގައި ދިވެހި ހާޖީން މިނާއަށް ދިއުމަށް ފުރަން ފަށާނެ ކަމަށެވެ. އަދި މިނާގެ އަޅުކަމަށްފަހު، މާދަމާ ރޭގެ ވަގުތެއްގައި ހާޖީން އަރަފާތަށް ދަތުރު ފަށާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހި ތާރީހުގައިވެސް ދިވެހި ހާޖީންނަށް މިހާތަނަށް ލިބޭނެ އެންމެ މަތީ ފެންވަރުގެ ހިދުމަތާއި އެހީތެރިކަން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިނާއާއި އަރަފާތުގެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ.
މީގެ އިތުރުން، ހާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ދުއާ ކުރައްވަމުން ވަޒީރު ވަނީ، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ހިތްވަރާއި އަޒުމާއި ހެޔޮ ސިއްހަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެންމެހައި ހާޖީންނަށް ﷲ ސުބުހާނަހޫ ވަތައާލާ ތައުފީގު ދެއްވައި، މަބްރޫރު ހައްޖެއް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރެއްވިއެވެ.
މިނާއާއި އަރަފާތުގެ އިންތިޒާމުތައް ފުރިހަމަ: ދިވެހި ހާޖީން މިނާއަށް ދަތުރު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ