ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 20 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ކުއެޓާ ސިޓީގެ ރޭލު ސްޓޭޝަނެއްގެ ތެރެއަށް، ރޭލެއް ފުރަން ތައްޔާރުވެފައި ވަނިކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 23 މީހުން މަރުވެ، 71 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
ޕާކިސްތާނުގެ މަރުކަޒީ ސަރުކާރުގެ ދަށުން ބަލޮޗިސްތާން ޕްރޮވިންސް މިނިވަންކުރުމަށް ހަނގުރާމަކުރާ، ބަލޮޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ މި ހަމަލާގެ ޒިންމާ އުފުލައިފައެވެ. ފުލުހުންގެ ތަހުގީގުތަކުން ދައްކާގޮތުގައި މިއީ ރޭލު ދަތުރުގެ ވަގުތާ ދިމާކޮށް ގޮއްވާލާފައިވާ ސުއިސައިޑް ބޮމުގެ ހަމަލާއެކެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި އިމަޖެންސީ އޮފިޝަލެއް ކަމަށްވާ މުހައްމަދު ޒީޝާން ބުނިގޮތުގައި، ކާރިސާ ހިނގި ސަރަހައްދުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ދަނީ ކުރަމުންނެވެ. މިހާތަނަށް 23 މީހެއްގެ ހަށިގަނޑު ފެނިފައިވާ އިރު، ޒަހަމްވި މީހުންނަށް ފަރުވާދިނުމަށް ކުއެޓާގެ ހޮސްޕިޓާތަކުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
އެ ސިޓީގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ގާދިރު ގަމްބުރާނީ ވިދާޅުވީ، ހަމަލާގައި މަރުވި ނުވަތަ ޒަހަމްވި މީހުންގެ ޖުމްލަ އަދަދު 100 އަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭތީ، މަރުވި މީހުންގެ އަދަދު އިތުރަށް މަތިވުން އެކަށީގެންވާ ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މި ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން ވިދާޅުވީ، ޓެރަރިޒަމްގެ މިފަދަ ފިނޑި އަމަލުތަކުން ޕާކިސްތާނުގެ ރައްޔިތުންގެ އަޒުމް ގުޑުވައިނުލެވޭނެ ކަމަށެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގެ ހާލަތު ބައްލަވައިލެއްވުމަށް ފަހު އިންޓީރިއާ މިނިސްޓަރު މުހުސިން ނަގްވީ ވިދާޅުވީ، މިއީ އެއްވެސް ކުށެއް ނެތް އާންމު ރައްޔިތުންނަށް އަމާޒުކޮށް ހިންގި ވަރަށް ރަހުމްކުޑަ އަމަލެއް ކަމަށެވެ.
ބަލޮޗިސްތާން ޕްރޮވިންސްގެ ވެރިރަށް ކުއެޓާއަކީ، ވަކިވެގަންނަން އުޅޭ ހަނގުރާމަވެރި ޖަމާއަތްތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދެކެވެ. މީގެ ކުރިން މިއަހަރުގެ ފެބްރުއަރީ މަހު ވެސް ބީއެލްއޭއިން ބަލޮޗިސްތާނުގައި ދިން ބޮމުގެ އަދި ބަޑީގެ ހަމަލާތަކެއްގައި 33 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ