ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ޝަމްއާނުގެ މައްޗަށް ތިން ދައުވާއެއް ކުރި އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ތުހުމަތުގެ މައްސަލައިގައި ހުކުމް ކުރަން ބާއްވާ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ އޭނާގެ މައްޗަށް ހުކުމް ކުރަން އުޅެނީ އޭނާ ފްރޭމްކޮށްގެން ކަމަށެވެ.
"މިނިސްޓަރު އިހުސާނު ލައްވާ ބަގްލަދޭޝްގެ ވާރކް ޕާމިޓް އެޕްރޫވްކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8000 ރުފިޔާ ނަގާކަށް ޔަގީންކޮށް ރައީސް އަށް އެވާހަކަ ދެންނެވުމުން މިކަން ފެށިގެން އައީ. އޭރު އަޅުގަނޑުގެ ބޮލުގައި އަޅުވަމުން ދިއަ ތުހުމަތާ އެކު މިކަން ހިނގާ ގޮތް ބެލީ،" އޭނާ ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ރައީސް މުހައްމަދު މުއިއްޒަށް ވެސް އެނގޭނެ ކަމަށެވެ.
ކޮންޓްރޯލާގެ މަގާމުން މާޗު 21، 2025، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ.
ޝަމްއާންއާއެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެސް ހެދި އެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތްކޮށްގެން، ހެޔޮ އެދިގެން ގެނައި ސަރުކާރެއް. މި ސަރުކާރަކީ މިވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫން،" ޝަމްއާން ވިދާޅުވި އެވެ.
އިތުރު ތަފުސީލު އަންނަނީ ---
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ