ކޮރަޕްޝަންގެ ވާހަކަ ހެއްކާ އެކު ދެންނެވުމުން ރައީސް ވިދާޅުވީ ޒާތީ ވަނީ ކަމަށް: ޝަމްއާން

ހޯމް މިނިސްޓަރު އަލީ އިހުސާންއާ ގުޅުން ހުރި ކޮރަޕްޝަންގެ ވާހަކަ ހެއްކާ އެކު ދެންނެވުމުން ޒާތީ ވަނީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. 
ޝަމްއާންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ތުހުމަތުގެ މައްސަލައިގައި ހުކުމް ކުރަން ބާއްވާ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީން ގެނައުމުގައި ހިންގާ ކޮރަޕްޝަންގެ ވާހަކަ މުއިއްޒަށް ދެންނެވި ކަމަށެވެ. 
"ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާމިޓް އެޕްރޫވް ކުރުމަށް މިނިސްޓަރު އިހުސާން ހިންގަމުން ގެންދިޔަ ޖަރީމާ ރައީސްގެ ސަމާލު ކަމަށް 16 ޖެނުއަރީ 2025 ގައި ގެނައިން. ކޮންމެ ކޯޓާ އަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫއެސް ޑޮލަރުގެ މަގުން މިކަން ކުރާ ވާހަކަ ރައީސް އަށް ދަންނަވާ އެކަމުގެ ހެކި ރައީސްއަށް ހުށަހެޅިން،" ޝަމްއާން ވިދާޅުވި އެވެ.
މުއިއްޒަށް އެކަން އެންގެވީ އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާގައި ހުންނެވި ވަގުތެއްގައި ކަމަށާއި އަދި އެ ތުހުމަތަކީ ޒާތީ ތުހުމަތެއް ކަމަށް ވިދާޅުވެ، "ލޯޔަލް ވުމަކީ ތިއެއް ނޫން" ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ޝަމްއާން ލިޔުއްވި އެވެ.
"ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ؛ މިނިސްޓަރ އިހްސާން އާއި ދެކޮޅަށް ޝައްމާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިއްޖެ. އިހްސާން ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ. އަޅުގަނޑަށް އިވުނު ވާހަކަ އެއީ ހަގީގަތެއް ނަމަ ދަންނަވަން. ލޯޔަލް ވުމަކީ ތިއެއް ނޫން،" މުއިއްޒު ވިދާޅުވި ކަމަށް ޝަމްއާންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ. 
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ޝަމްއާނުގެ މައްޗަށް ތިން ދައުވާ ކުރެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ. 
ކޮންޓްރޯލާގެ މަގާމުން މިދިޔަ އަހަރުގެ މާޗު 21، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ. 
ޝަމްއާންއާއެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެސް ހެދި އެވެ.
ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ