ގޫގުލްއިން 1.75 މިލިއަން ނުރައްކާތެރި އެޕްލިކޭޝަން ބްލޮކްކޮށްފި

އެންޑްރޮއިޑް ފޯނުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، 2025 ވަނަ އަހަރު ގިނަ އަދަދެއްގެ ނުރައްކާތެރި އެޕްލިކޭޝަންތަކާއި ޑިވެލޮޕަރުން ބްލޮކްކޮށްފައިވާކަން ގޫގުލްއިން ހާމަކޮށްފިއެވެ. ބުރާސްފަތި ދުވަހު ގޫގުލްއިން ނެރުނު އަހަރީ ސެކިއުރިޓީ ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނީގެ އުސޫލުތަކާ ޚިލާފުވި 1.75 މިލިއަން އެޕްލިކޭޝަނެއް ޕްލޭ ސްޓޯރަށް ލުމުގެ ކުރިން ވަނީ ހުއްޓުވައިފައެވެ. މީގެ އިތުރުން، މަކަރާއި ހީލަތް ހަދާ އަދި ނުރައްކާތެރި ހަރަކާތްތަކާ ގުޅުންހުރި 80,000 އަށްވުރެ ގިނަ ޑިވެލޮޕަރުންގެ އެކައުންޓު ވަނީ ބޭންކޮށްފައެވެ. ގޫގުލްއިން ބުނި ގޮތުގައި، ޔޫޒަރުންގެ ޒާތީ މައުލޫމާތަށް ނުބައި ގޮތުގައި ވާސިލްވާން މަސައްކަތްކުރި 255,000 އެޕްލިކޭޝަނެއް ވެސް ވަނީ ހުއްޓުވާފައެވެ. އަދި އެޕްލިކޭޝަންތަކުގެ މަގުބޫލުކަން އޮޅުވާލުމަށްޓަކައި ދީފައިވާ 160 މިލިއަން "ސްޕޭމް" ރޭޓިންގްއާއި ރިވިއު ވެސް ވަނީ ފާހަގަކޮށް ބްލޮކްކޮށްފައެވެ. އެންޑްރޮއިޑް ޔޫޒަރުންގެ ސަލާމަތީކަންކަން ވަރުގަދަކުރުމަށް ގޫގުލްއިންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން --- މި ނުރައްކާތައް ދެނެގަތުމަށްޓަކައި ގޫގުލްއިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެޕްތައް ރިވިއުކުރާ ނިޒާމު ވަރުގަދަކޮށްފައެވެ. މީގެ ސަބަބުން، މެލްވެއާ އަދި ފައިސާގެ މަކަރު ހަދާ އެޕްތައް ޕްލޭ ސްޓޯރަށް ހުށަހެޅުމުގެ ކުރިން ދެނެގަތުމަށް ފަސޭހަވެގެންދެއެވެ. އެންޑްރޮއިޑްގެ ސެކިއުރިޓީ ސިސްޓަމް ކަމަށްވާ "ގޫގުލް ޕްލޭ ޕްރޮޓެކްޓް" މެދުވެރިކޮށް 266 މިލިއަން ނުރައްކާތެރި އިންސްޓޯލްކުރުމުގެ މަސައްކަތް 2025 ވަނަ އަހަރު ވަނީ ހުއްޓުވާފައެވެ. މި ހިދުމަތް މިހާރު ދުނިޔޭގެ 185 މާކެޓެއްގައި 2.8 ބިލިއަން ޑިވައިސްއަށް ދަނީ ފޯރުކޮށްދެމުންނެވެ. ގޫގުލްއިން އަލަށް ތައާރަފުކުރި އެންމެ މުހިންމު އެއް ފީޗާއަކީ ފޯނު ކޯލެއްގައި ހުންނަ ވަގުތު ގޫގުލް ޕްލޭ ޕްރޮޓެކްޓް ނިއްވާލުމުގެ ފުރުސަތު ބަންދުކުރުމެވެ. މިއީ މަކަރު ހަދާ މީހުން ކޯލް މެދުވެރިކޮށް ޔޫޒަރުންނަށް އޮޅުވާލައިގެން، ފޯނުގެ ސަލާމަތީ ފިޔަވަޅުތައް ނިއްވާލުވުމަށްފަހު ނުރައްކާތެރި އެޕްތައް އަޅުވަން ކުރާ މަސައްކަތް ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ވެސް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ގޫގުލްއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ