އާންމު އިންތިޚާބަކަށް ގޮވާލައި ލަންޑަނުގެ ރައްޔިތުން މަގުމައްޗަށް

އިނގިރޭސިވިލާތުގައި އާންމު އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އެ ގައުމުގެ ރައްޔިތުން އިހުތިޖާޖުކުރަން ފަށައިފިއެވެ. ލަންޑަނުގެ މަގު މައްޗަށް ނިކުމެ މީހުން ގޮވާލަމުން ދަނީ ވީހާވެސް އަވަހަކަށް އާންމު އިންތިޚާބެއް ބޭއްވުމަށެވެ. ލަންޑަނުގެ އިގުތިސާދީ ހާލަތު ގޯސްވަމުން ދާއިރު، މުސާރަ ކުޑަވުމުގެ މައްސަލަ ހައްލު ކުރުމަށާއި ޔޫނިއަން އުފެއްދުމާ ދެކޮޅު ގާނޫނުތައް އުވާލުމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ. ދެ އަހަރަށް ވުރެ ދިގު ދެމިގެން ދާނެ ރިސެޝަނަކަށް އިނގިރޭސިވިލާތް ތައްޔާރުވަމުން އަންނައިރު، ކޮވިޑް-19އާއި، ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އިގުތިސާދު ކުރިއަރައިގެން ދިއުމަށް ވަގުތު ނަގާނެކަމަށް އިގުތިސާދީ މާހިރުން ލަފާކުރެއެވެ. އިނގިރޭސިވިލާތުގައި ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތް ކުރާ ޖަމުއިއްޔާއެއް ކަމަށްވާ ދަ ޕީޕަލްސް އެސެމްބްލީއިން އިންތިޒާމުކުރާ މި އިހުތިޖާޖުގެ ބައިވެރިއަކު ބުނި ގޮތުގައި މިހާރު އޮތް ސަރުކާރުގެ ސަބަބުން އެ ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ގޯސްވަމުންނެވެ. އަދި އެންމެންވެސް އެކަތިގަނޑަކަށްވެ، ގައުމުގެ ހާލަތު ރަނގަޅުކުރުމަށް އަޑުއުފުލަންޖެހޭކަމަށް އޭނާ ބުންޏެވެ. އިނގިރޭސިވިލާތުގައި އޮންނަ ވެރިކަމުގެ ނިޒާމުގެ ސަބަބުން އާންމު އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީއަކަށް އެ ގައުމުގެ ސަރުކާރު ހިންގުން ހަވާލުވެެއެވެ. އަދި އެ ޕާޓީގެ ލީޑަރަކީ އެ ގައުމުގެ ބޮޑުވަޒީރަކަށްވެއެވެ. ނަމަވެސް މިހާރު ވެރިކަންކުރަމުން އަންނަ ކޮންޒަވޭޓިވް ޕާޓީގެ ފުރަތަމަ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާދެއްވުމުގެ ސަބަބުން ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ޢާންމު އިންތިޚާބަކަށް ނުގޮސް، ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންގެ މެދުގައި ވޯޓުލައި، މިހާތަނަށް ދެ ބޮޑުވަޒީރުން ވަނީ އިންތިޚާބުކޮށްފައެވެ. ބޮރިސް ޖޯންސަނަށްފަހު އިންތިޚާބުވެވަޑައިގަތް ލިޒް ޓްރަސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވުމުގެ ސަބަބުން މިހާރު ބޮޑުވަޒީރުކަމުގެ މަގާމަށް ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންގެ މެޖޯރިޓީއާއެކު އިންތިޚާބުވެފައިވަނީ ރިޝީ ސުނާކް އެވެ. ރިޝީ ސުނާކްގެ އަމާޒަކީ އިނގިރޭސިވިލާތުގެ އިގުތިސާދު ހަމަމަގަށް އަޅުވައި، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ފުރަތަމަ ފަހަރަށް އައްޔަންކުރެއްވި ބޮޑުވަޒީރު، ރިޝީ ސުނާކްގެ ސަރުކާރުންވެސް ރައްޔިތުން އެންމެ އެދޭގޮތަށް ވެރިކަން ނުކުރާކަމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ ބުނަމުންނެވެ. އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު ގޯހުން ގޯހަށް ދާއިރު، އެގައުމުގައި އެންމެ ފަހުން އާންމު އިންތިޚާބެއް ބޭއްވީ 2019ގައެވެ. ކޮންމެ ފަސް އަހަރުން އެއް އަހަރު ބާއްވާ އާންމު އިންތިޚާބު ބައެއް ހާލަތްތަކުގައި އެއަށްވުރެވެސް އަވަހަށް ބާއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ