ޗައިނާއާ ކޯޕްކުރަން ދަތިވާތީ ޑިޖިޓަލް ޓެކްނޮލޮޖީއާބެހޭ ޗައިނާގެ ގިނަ އުފެއްދުންތަކެއް އެމެރިކާގައި މަނާކުރަނީ

ވޮޝިންޓަން (27 ނޮވެމްބަރު 2022): ޑިޖިޓަލް ޓެކްނޮލޮޖީއާބެހޭ ޗައިނާގެ ގިނަ ކުންފުނިތަކެއްގެ އުފެއްދުންތައް އެމެރިކާގައި ވިއްކުން މަނާކުރަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. އެމެރިކާގެ ފެޑްރަލް ކޮމިއުނިކޭޝަން ކޮމިޝަނުން ބުނިގޮތުގައި ޗައިނާގެ "ހުއާވޭ ޓެކްނޮލޮޖީސް" އާއި "ޒެޑްޓީއޭ" އާއި "ހޭންގްޒޫ ހިކްވިޝަން ޑިޖިޓަލް ޓެކްނޮލޮޖީސް" އާއި "ހައިޓެރާ ކޮމިއުނިކޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" ގެ ޑިޖިޓަލް އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުން މަނާކުރަށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މިކުންފުނިތަކުގެ އުފެއްދުންތައް މަނާކުރުމުގެ ގަވާއިދު މިހާރު ނެރެ އެކަން އެގޮތަށް ނިންމާފައިވާ ކަމަށާއި ދާދިއަވަށް ތަންފީޒުކުރަންވެސް ފަށާނެކަމަށް އެމެރިކާގެ ފެޑްރަލް ކޮމިއުނިކޭޝަން ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ. މިއީ ޑިޖިޓަލް ޓެކްނޮލޮޖީގައި ބާރަށް ކުރިއަރަމުން އަންނަ ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން އަޅަމުންގެންދާ މިނިވަން ވިޔަފާރީގެ އުސޫލުތަކާ އިދިކޮޅު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ހަރުކަށި އެއްފިޔަވަޅެވެ. މިފިޔަވަޅު އެމެރިކާއިން އެޅީ ޗައިނާގެ ކުންފުނިތަކުން އުފައްދާ ޑިޖިޓަލް އުފެއްދުންތަކުގެ އަގު ހެޔޮވެފައި އެތަކެތީގެ ކޮލިޓީ ރަނގަނޅުކަމުން އެމެރިކާ ރައްޔިތުންގެ ގިނަބަޔަކު އެތަކެއްޗަށް ޝައުގުވެރިވާއިރު އެމެރިކާގެ މިފަދަ އުފެއްދުންތަކުގެ އަގު ބޮޑުވެފައި އެތަކެއްޗަށް ބާޒާރު ނުލިބޭތީ އެމެރިކާގެ އަމިއްލަ އުފެއްދުންތައް ނުވިކޭތީ އެތަކެތި ހިމާޔަތް ކުރުމުގެ ގޮތުންކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެމެރިކާގެ ފެޑްރަލް ކޮމިއުނިކޭޝަންސް ކޮމިޝަންގެ ވެރިޔާ ޖެސިކާ ރޮސެންވޯސެލް ވިދާޅުވިގޮތުގައި ޑިޖިޓަލް ޓެކްނޮލޮޖީއާބެހޭ ޗައިނާގެ ގިނަ އުފެއްދުންތަކެއް މަނާކުރަން ފެޑްރަލް ލެވެލްއެއްގައި އެމެރިކާއިން ނިންމީ ކޮމިއުނިކޭޝަންސް އާބެހޭ އެމެރިކާގެ ގައުމީ މަސްލަހަތާއި އަދި އެމެރިކާގެ ގައުމީ ސަލާމަތާބެހޭކަންކަން ހިމާޔަތް ކުރުމަށެވެ. ޗައިނާގެ ޑިޖިޓަލް އުފެއްދުންތަކަކީ އެމެރިކާއަށް ޖާސޫސުކުރާނެ ވަސީލަތްތައް ހިމަނައިގެން އުފައްދާފައިވާ ތަކެތިކަމަށްވެސް ޖެސިކާ ތުހުމަތު ކުރެއްވިއެވެ. އަނެއްކޮޅުން އެމެރިކާގެ ދިފާއީ ވުޒާރާގެ ކުރީގެ މުސްތަޝާރެއް ކަމަށްވާ މެތިއު ކޮރެއިންގްވެސް ވަނީ ޗައިނާ އެގައުމުގެ ޑިޖިޓަލް ޓެކްނޮލޮޖީއާބެހޭ އުފެއްދުންތައް ބޭނުންކޮށްގެން އެމެރިކާއަށް ޖާސޫސުކޮށް އެމެރިކާގެ އަސްކަރީ ސިއްރުތައް ހޯދަމުންގެންދާކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް މިކަމާބެހޭ އެއްވެސް ހެއްކެއް މިދެބޭފުޅުންނަށްވެސް އަދި އެމެރިކާ ސަރުކާރުގެ އެހެން ފަރާތަކަށްވެސް ދެއްކިފައެއް ނުވެއެވެ. ޗައިނާ އެގައުމުގެ ހަތިޔާރާ އަދި އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރަމުންގެންދަނީ އެމެރިކާއަށް ނުރައްކާވާހާ އަވަސް މިންވަރަކަށް ކަމަށް މެތިއު ކޮރެއިންގް ސިފަކުރެއްވިއެވެ. އެހެންކަމުން އެމެރިކާގެ މިނިންމުންތަކަކީ ޗައިނާގެ ކުރިއެރުން ހުއްޓުވުމަށް އަމާޒުކޮށްގެން ކުރާ ކަންތައްތަކެއްކަން އޭނާގެ ވާހަކަތަކުން ހާމަވައެވެ. އެމެރިކާ މީގެކުރިންވެސްވަނީ ގައުމީ ސަލާމަތަށްޓަކައި ކަމަށް ބުނެ ޗައިނާގެ "ހުއާވޭ ޓެކްނޮލޮޖީސް" ގެ އެތަށް އުފެއްދުމެއް އެމެރިކާއަށް އެތެރެކުރުން މަނާކޮށްފައެވެ. އެމެރިކާގެ މި ނިންމުމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާގައި ޗައިނާއާ ވާދަކުރަން އެމެރިކާ ނުކުޅެދުމާގުޅޭ ނިންމުންތަކެއް ކަމަށް ބެލެވޭއިރު މިއީ އެމެރިކާ ގަބޫލުކުރާ މާކެޓް އިކޮނޮމީގެ އުސޫލުތަކާވެސް މުޅިން ޚިލާފު ކަމެކެވެ. ޗައިނާގެ ޑިޖިޓަލް އުފެއްދުންތައް އެމެރިކާގެ ޑިޖިޓަލް އުފެއްދުންތަކާ އަޅާބަލާއިރު އަގުހެޔޮކަމުން އެމެރިކާގެ އެތެރޭގައިވެސް އެމެރިކާގެ ތަކެއްޗަށްވުރެ ބޮޑަށް ވިކެނީ ޗައިނާގެ ތަކެއްޗެވެ. އެހެންކަމުން މިދާއިރާގައި ޗައިނާއާ ކޯޕްކުރަން އެމެރިކާއަށް ދަތިވާތީ ޗައިނާގެ އުފެއްދުންތަކުގެ ބޮލުގައި ޖާސޫސީ ތުހުމަތުތައް އެޅުވުމަށްފަހު އެމެރިކާ މި ކުރާކަމަކީ އެމެރިކާގެ އަމިއްލަ އުފެއްދުންތަކާއި އަމިއްލަ ކުންފުނިތައް ބަނގުރޫޓް ވުމުން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ މިނިންމުމާ ގުޅިގެން ޗައިނާ ސަރުކާރުންވެސް އަދި ޗައިނާގެ މިކުންފުނިތަކުންވެސް އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް ޗައިނާގެ ޑިޖިޓަލް އުފެއްދުންތައް ބޭނުންކޮށްގެން ޗައިނާ އިން އެމެރިކާއަށް ޖާސޫސުކުރާކަމަށް އެމެރިކާއިން ކުރާތުހުމަތުތަކަށް ޗައިނާވަނީ އެތައްފަހަރަކު އިންކާރުކޮށްފައެވެ. ޗައިނާގެ މިޑިއާ ބުނާގޮތުން އެމެރިކާގެ މި ނިންމުތައް ދިރާސާ ކުރުމަށްފަހު ޗައިނާއިންވެސް އެމެރިކާއާ ދެކޮޅަށް ވިޔަފާރީގެ ދާއިރާގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ