ބައިޑަން ކެންޓަކީއަށް، ފެންބޮޑުވެގެން މަރުވި މީހުންގެ ޢަދަދު 37އަށް

އެމެރިކާގެ އިރުދެކުނުގައިވާ ސްޓޭޓެއް ކަމުގައިވާ ކެންޓަކީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ލިބިފައިވާ ގެއްލުން ބައްލަވައިލެއްވުމަށް ރައީސް ޖޯ ބައިޑަން އެ ސްޓޭޓަށް ވަޑައިގަންނަވައިފިއެވެ. ކެންޓަކީގައި ފެންބޮޑުވެގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 37އަށް އަރާފައެވެ.
ކެންޓަކީއަށް ބައިޑަންނާއި އަނބިކަނބަލުން ޖިލް ބައިޑަން ކުރައްވާ މި ދަތުރުފުޅުގައި، ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންނާއި، ގެއްލުންވި މީހުންގެ ޢާއިލާތަކާ ބައްދަލު ކުރައްވާނެއެވެ. އަދި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ސްޓޭޓްގެ ރައްޔިތުންނާ ހިއްސާ ކުރައްވާނެއެވެ.
ފެންބޮޑުވުމާ ގުޅިގެން ގެދޮރަށް ގެއްލުންވެ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ގާޑުގެ 400 އަށްވުރެ ގިނަ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ހާލުގައި ޖެހިފައިވާ ގިނަ ބަޔަކު. މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.
ދާދި ފަހުން ބައިޑަން ވަނީ، ކެންޓަކީއަށް ކުރިމަތިވެފައި ވަނީ ކާރިސާއެއްގައި ކަމުގައި ކަނޑައަޅުއްވާފައެވެ. މި ނިންމެވުމާ އެކު، އެ ސްޓޭޓްގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފައިސާ ޚަރަދު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.
"ކެންޓަކީއަށް ކުރިމަތިވި ކާރިސާއާއި، އެހެން ސަރަޙައްދުތަކުގެ މޫސުމަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަމުން މި ދަނީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުން. މި ހާދިސާތަކުން ހަނދާން ކޮށްދެނީ، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަން،" ވައިޓް ހައުސްގެ ތަރުޖަމާނު ކެރިން ޜޯން-ޕިއޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ