މަހުންމަހަށް ބޭންކު ރިކޮންސައިލް ސްޓޭޓްމަންޓް ހުށަނާޅާނަމަ ކައުންސިލްތަކަށް ފައިސާ ދޫ ނުުކުރާނަން: މިނިސްޓަރު

ކޮންމެ މަހެއްގެ ބޭންކު ރިކޮންސައިލް ސްޓޭޓްމަންޓް ހުށަނާޅާ ނަމަ ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ރިލީޒް ނުކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބުރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި މިއަދު ބޭއްވި "އެމްޑީޕީ ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ކައުންސިލްތަކުގެ ފަރާތުން އޮޅުން ފިލުވުމަށް ބޭނުންވާ މައުލޫމާތު ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކުން ކޮންމެ އަހަރަކު ހަދަން ޖެހޭނީ ތިން އަހަރުގެ މެދު ރާސްތާގެ ބަޖެޓެއް ކަމަށެވެ. އަދި ކައުންސިލްތަކުގެ ޖުމުލަ ބަޖެޓުގައި ދައުލަތުން ދޭ ހިލޭ އެހީ، ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ، ޓްރަސްޓް ފަންޑުތަކުގެ އާމްދަނީގެ ބައިތަކާއި، ކުރާ ހަރަދު ވަކި ވަކިން ބަލަހައްޓަން ޖެހޭނެ ކަމަށެވެ.
"ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ ހިލޭ އެހީން ކުރާ ހަރަދު، މީގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުން، ބޯފެން ފޯރުކޮށްދިނުން، ފެންވިއްކައިގެން އާމްދަނީ ހޯދުން، މިސްކިތްތަކުގެ މަރާމާތު އަދި އާބާތުރަ ފިލުވުން، މަގުބައްތި ޖެހުން، ބަނދަރުފަދަ ތަންތަނުގެ މަރާމާތު، ރަށު ފެންވަރުގައި ރަސްމީ މުނާސަބަތުތައް ފާހަގަ ކުރުން، މީ ބަޖެޓްގެ ތެރެއިންދޭ ހިލޭ އެހީގެ ތެރެއިން ކުރެވޭނެ ކަންތައްތައް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގެ ޒިންމާ ތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މާލީ ބާރުވެރިކަން ދިނުމަށްޓަކައި ވަރަށްބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލްތައް އިތުރަށް އެކައުންޓަބަލް ކުރެވޭނެ މެކޭނިޒަމެއްވެސް މިނިސްޓްރީން އެކަށަ އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކުގެ އާމްދަނީ އަދި ހަރަދުގެ ތަފްސީލް ގަވައިދުން ފައިނޭންސް މޮޑިއުލަށް އަޅައި ހިސާބުތަކުގެ ސައްހަކަން ކައުންސިލްތަކުން ކަށަވަރު ކުރަންވާނެ ކަމަށެވެ. އަދި ކައުންސިލްތަކުގެ ބަޖެޓް ޕްރޮސެސްގައިވާ ކަންކަން ކަނޑައެޅިފައިވާ ތާރީހުތަކަށް ފުރިހަމަކުރަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ