ރައީސް ޔާމީން ދައުލަތަށް އިންޒާރު ދިނުމުން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި

ވެރިކަމުގެ ބާރުތައް މިހާރުގެ އިދިިކޮޅަށް ލިބޭ ދުވަހަކުން ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް "އެފުށް މިފުށަށް" ޖައްސަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ވައްދައިފި އެވެ.
ރައީސް ޔާމީން އެހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ޖަލްސާގަ އެވެ. އެކަމާ ގުޅިގެން މިއަދު ހެނދުނު ފެށި މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.
އެ މައްސަލަ ހުށަހަޅައްވަމުން ނިހާދު ވިދާޅުވީ އެކަމަކީ ސަރުކާރާ ދެކޮޅަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސް ޔާމީނު އިންޒާރު ދީފައި ވާތީ ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އޭނާ ނިސްބަތްވާ ޕާޓީތަކުން އިންތިޒާމްކޮށްގެން ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަދައްކަވަމުން، މި ސަރުކާރުން އެކި ފަރާތްތަކާއެކު ވަމުންދާ އެއްބަސްވުންތަކުގެ ޝަރުއިއްޔަތާއި މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފައްދަވާ، އޭނާ އަށް ބާރެއް ލިބިއްޖެ ނަމަ، އެ އެއްބަސްވުންތައް އެފުށް މިފުށަށް ޖަހާލާނޭ ކަމަށް ވިދާޅުވެ ދިވެހި ދައުލަތަށް އިންޒާރު ދީފައި ވާތީވެ ހުށަހަޅާ ކުއްލި މައްސަލަ އެއް،" ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ނިހާދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ވަނީ ފާސްވެފަ އެވެ. އެ މައްސަލަ ފާސްވެފައި ވަނީ މަޖިލީހަށް ހާޒިރުވެ ތިއްބެވި 64 މެމްބަރުންގެ ތެރެއިން 54 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
މައްސަލަ ހުށަހަޅަމުން ނިހާދު ވިދާޅުވީ މިއީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ ހުށަހަޅާ މައްސަލައެއް ކަމަށެވެ.
އެ މައްސަލާގައި ބުނެފައި ވަނީ ރާއްޖެ އާއީ ބައިނަލްއަގްވާމީ ގައުމުތަކާ އޮތް ހަރުދަނާ ގުޅުމަށް ރައީސް ޔާމީން ލޮޅުންއަރުވާލި ކަމަށެވެ. އެގޮތުން ރައީސް ޔާމީން ރާއްޖޭގެ ވައިގެ ބަނދަރު ތަރައްގީ ކުރުމަށް ބޭރުގެ ފަރާތްތަކުގެ އަތުން ބޮޑެތި ލޯނުތަށް ނަގާފައިވާ ކަމަށާއި މަސައްކަތްތައް ބިޑް ކުރުން ގެންގޮސްފައި ވަނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް ބުނެފައި ވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުގެ މާލީ ގަވާއިދުތަކަށް ބަދަލު ގެނެސް ލުއި ލޯނު ހޯދައިގެން ނުވަތަ ބޭރު ގައުމެއްގެ އެހީ ލިބިގެން ހުށަހަޅާ މަޝްރޫއުތަކުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގައިި ބީލަންތައް އަގުމަގު ކުރާ އިދާރާ، ޓެންޑާ އިވެލުއޭޝަން ބޯޑުގެ، ހުއްދައެއް ނެތި ހަވާލު ކުރުމުގެ ބާރު ކެބިނެޓުން ނަގާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ނިހާދު ބުނެފައި ވަނީ ރައީސް ޔާމީން އެ އުސޫލު ބޭނުން ކުރެއްވި މަގުދަސަކީ ތަކެއްޗާއި ހިދުމަތްތަކުގެ ގޮތުގައި ދައުލަތަށް ހުށަހެޅޭ އަގުތައް މަތީ ދަރަޖަތަކަށް ބޮޑުކޮށް، އެކަމާ ގުޅުން ހުރި ކަންކަމުގެ އެތެރެ ފެންނަ މިންވަރު ކުޑަކޮށް، ބާޒާރުގެ ވާދަވެރިކަން ގެއްލުވާލަން ކަމަށެވެ.
އޭގެ އިތުރުން 2016 ވަނަ އަހަރު ފާސްކުރި އަބުރާ ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާ، ނޫސްވެރިން ހައްޔަރުކޮށް ހަރުކަށި އަދަބު ދީފައިވާކަން ނިހާދު ވަނީ ފާހަގަ ކުރައްވާފަ އެވެ.
އަދި 2017 ވަނަ އަހަރު ރައީސް ޔާމީން އިއުލާން ކުރެއްވި، ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ އިޖްރާއަތުތަކާއި، އާދަކާދަ އާއި ހިލާފަށް ކަމަށް ކުއްލި މައްސަލާގައި ވެއެވެ. އެއީ ރާއްޖެ އަށް އެތައް ގޮތަކުން ނުރައްކާވެގެން ދިޔަ އެއްބަސްވުމެއް ކަމަށް ވެސް ނިހާދު ވިދާޅުވި އެވެ.
އެ ކަންތައްތަކުގެ އިތުރުން ވެސް ރައީސް ޔާމީނާ ގުޅޭ ރިޝްވަތުގެ މުއާމަލާތްތަށް ކަމަށް ގަބޫލު ކުރެވޭ އެތައް މައްސަލައެއް މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ބަޔާންކޮށްފައި ވެއެވެ.
"ފޭރުމާ ދެކޮޅަށް" ނަމުގައި ކާނިވާ ސަރަހައްދުގައި ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މީގެ ކުރިން ވެސް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ހަރުމުދާ ދިނުމާ ދެކޮޅަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ބާރު ލިބިއްޖެނަމަ އެއްބަސްވުންތައް އެފުށް މިފުށަށް ޖައްސަވާނެ ރައީސް ޔާމީން ވިދާޅުވި އެވެ.
"މާތްﷲގެ ރަހުމަތާ އެކު ސަރުކާރު ބަދަލުވެއްޖެ ނަމަ ނުވަތަ އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެ ނަމަ މި ހުރިހާ އެގްރިމަންޓެއް އެފުށް މިފުށަށް ޖަހާނަން،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ