މާދަމާ ރޭ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަނީ

ދައުލަތުން މިއަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް ފައިސާ ހޭދަވާނެ ކަމަށް ބެލެވޭތީ ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ކަންކަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގްތިސޯދީ ކޮމިޓީ އެކުވެގެން އުފައްދާ ކޮމިޓީއަކަށް މިއަދު ފޮނުވައިފި އެވެ.
މިއަދު ހެނދުނު ފެށި 19 ވަނަ މަޖިލީހުގެ 38 ވަނަ ޖަލްސާއަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާ ކަމެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ އަމީން އާއްމު އިއްވަވާފަ އެވެ.
ޖުމްލަ 34 މެމްބަރުން ހާޒިރުވެ ތިއްބެވި ޖަލްސާގައި ނަޝީދު ވިދާޅުވީ ބަޖެޓަށް ފައިސާ އިތުރު ކުރުމަށް ގާނޫނު އަސާސީ އާއި މާލިއްޔަތު ގާނޫނުގެ ދަށުން މަޖިލީހުގެ ރުހުން ބޭނުންވާ ކަމަށެވެ. އެހެންވެ، މިއަދު އެއްކޮށް އެކަން ދިރާސާ ކުރުމަށް ފަހު މާދަމާ ރޭ ގޮތެއް ނިންމުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
"އެފަދަ ހުށަހެޅުމެއް ހުށަހަޅަން ޖެހޭ އިޖުރާއަތުގެ ދަށުން، އެއީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާ އާއި މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ބ) ގެ ދަށުން މިކަން މި ހިނގަނީ. އަޅުގަނޑު ތިބޭފުޅުންގެ ސަމާލުކަމަށް ގެންނަން ބޭނުން ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައިވާ އެއްޗެއް،" ނަޝީދު ވިދާޅުވި އެވެ.
އެ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓެއްގައިވާ މިންވަރަށް ވުރެ ހަރަދު އިތުރުކޮށްގެން ނުވާނެ ކަމަށާއި ބަޖެޓުގައި ވަކި ކަމަކަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވާ ނަމަ ހަރަދު ކުރަން ވާނީ އެކަމަށް އެކަނި ކަމަށެވެ.
"އަޅުގަނޑަށް ވެސް އިނގޭ ތިބޭފުޅުން ފަހަރެއްގައި އަޖާއިބުވެދާނެ މީގެ ކުރީ ދައުރުގައި މިކަންކަން ކުރަމުން އައި ގޮތާއި މި ގޮތާ ތަފާތެއް އަންނަތަން ފެނިދާނެތީ. އެހެން ނަމަވެސް މިއީ ގާނޫނުގައި އޮތް ގޮތް،" ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ މިއަދު ކޮމިޓީއިން ދިރާސާކޮށް ނިންމާ، މާދަމާ މަޖިލީހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓު ފޮނުވައި ދިނުމަށާއި، މާދަމާ ރޭގެ ނިޔަލަށް އިސްލާހު ހުށަހަޅާ، މާދަމާ ރޭ އެކަމާ މެދު ގޮތެއް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެއާއެކު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ހުރިހާ ވަގުތެއްގައި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާތީ ހިތްނަމަނުޖެހުން ފާޅުކުރައްވާފަ އެވެ. ޖާބިރު ނެންގެވި ނިޒާމީ ނުކުތާއެއްގައި ވިދާޅުވީ ދައުލަތް އެމެޖެންސީ އަށް އައިސްގެން އުޅޭ ކަމަށެވެ.
އެކަމަކު ނަޝީދު ވިދާޅުވީ އެމެޖެންސީ ދިމާވެގެން ނޫޅޭ ކަމަށާއި، މަޖިލީހުން ކުރަމުންދާ މަސައްކަތަކީ ނުނިމި ހުރި މަސައްކަތްތައް އަވަހަށް ނިންމުމުގެ މަސައްކަތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ