ޔާމީން ރަޝީދުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ދެ ފުލުހުންގެ ހެކިބަސް ނަގައިފި

އަނިޔާވެރިގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ދެ ފުލުހުންގެ ހެކި ބަސް މިއަދު ނަގައިފިއެވެ.
އެ މައްސަލައިގަ މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ ޔާމީން ރަޝީދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ތަނުން އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ދެ ފުލުހުންގެ ހެކިބަހެވެ.
އެރޭ، ފުލުހުންގެ ވެހިކަލްގައި ޑިއުޓީގައި އުޅުނު އަހްމަދު ނައުޝާދާއި ވެހިކަލް ދުއްވަން އިން މުހައްމަދު އިގްބާލް، ޔާމީން ރަޝީދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ގެ (މ. ސްޕެޓިއުލާ) އަށް ދިޔައީ ދަންވަރު 2:55 ހާއިރު ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ސަރަހައްދަށް ދިޔަ އިރު އެ ގެ ކައިރީގައި އިތުރު ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެ ދެ މީހުން ވަނީ ބުނެފަ އެވެ. އަދި އެ ދެ މީހުން އެ ތަނަށް ދިޔައިރު މ. ސްޕެޓިއުލާގެ ސިޑިގޮޅި ނިއްވާލާފައި ހުރުމުން ފޯނުގެ ބައްތި ދިއްލައިގެން ވަތް އިރު މީހަކު އޮތީ ވެއްޓިފައި ކަމަށާއި ވަރަށް ބައިވަރު ލޭ ވެސް އޮތް ކަމަށް ހެކިބަސްދިން ފުލުހުން ބުނެފައިވެއެވެ. އަދި ވެހިކަލުގައި ހޮސްޕިޓަލަށް ގެންދިޔައީ ކަމަށާއި ޔާމީންގެ ހަށިގަނޑު ނެގިއިރު ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށް އަހްމަދު ނައުޝާދު ބުނެފައިވެއެވެ.
ޔާމީން ރަޝީދު ނެގިއިރު އޭނާގެ ވިންދު ހުރިތޯ ސުވާލު ކުރުމުން ނައުޝާދު ބުނީ، އެކަންތައް ޗެކް ކޮށްފައިވަނީ ސީންއަށް ފުރަތަމަ ދިޔަ ފުލުހުން ކަމަށާއި އެ މީހުންގެ މަސްއޫލިއްޔަތަކަށްވީ ޒަހަމްވެފައިވާ ހަށިގަނޑު ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާދޭ ތަނަކަށް ގެންދިއުން ކަމަށެވެ.
ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން ހުސައިން ޒިޔާދުގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ، މިއަދު ދެ ހެކިން ހާޒިރު ކޮށްފައިވަނީ ސީން އޮތްގޮތް ބުނެދިނުމަށް ކަމަށާއި ޔާމީން ރަޝީދުގެ ހަރަކާތް ހުއްޓިފައި އޮތްކަން ސާބިތު ކޮށްދިނުމަށް ކަމަށެވެ. އެހެން ނަމަވެސް އެ ދެ މީހުންގެ ވާހަކަތަކުން އެއިން އެއްވެސް ކަމެއް އެނގިފައި ނުވާކަމަށް ޝާއިރު ވިދާޅުވި އެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވަނީ ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދުގެ މައްޗަށެވެ.
ޔާމީން ރަޝީދަށް ހަމަލާދީފައި ވަނިކޮށް، މ. ސްޕެޓިއުލާ ގެ އަށް ފުރަތަމަ ދިޔަ ދެ ފުލުހުންގެ ހެކިބަސް ނެގުމަށް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެ ދެ މީހުން މާލެއިން ބޭރުގައި ތިބުމުން އަދި ހާޒިރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ވީޑިއޯ ކޮންފަރެންސްގެ އެހީގައި ނަމަވެސް އެ ދެ މީހުންގެ ހެކިބަސް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ