އެމްޑީޕީން މަޖިލީހަށް ނިކުންނަނީ އަމިއްލަ ކުންފުނި ބޮޑުކުރަން ނޫން: ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ނިކުންނަނީ އަމިއްލަ ކުންފުނި ބޮޑުކުރަން ނޫން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބަށް ކެމްޕޭނު ފެށުމުގެ ގޮތުން 'އެޖެންޑާ 19' އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ޕާޓީއެއް ކަމަށާއި އެ ޕާޓީން ހިންގާނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މަސްލަހަތު ހިމެނޭ އެތައް ސަތޭކަ މިލިއަން ރުފިޔާގެ މައްސަލަތަކެއް ކޯޓުތަކުގައި ނުހިނގާ ކަމަށާއި، އެމްޑީޕީން ނިކުމެ އޮތީ ޝަރުއީ ނިޒާމް އިސްލާހް ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތެއް ނެތް. އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ޝަރީއަތެއް ނުހިނގާ މި ޕާޓީގެ މަސްލަތު ހިމެނޭ ގޮތަކަށް އެއްވެސް ކޯޓެއްގައެއް. މި ޕާޓީގެ އަތް އޮތީ ދޫވެފައި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް، އަޅުގަނޑުމެންގެ އަތް އޮތީ ބަންދުވެފައެއް ނޫން އަމިއްލަ ކުންފުންޏެއްގެ ފައިދާ ބޮޑު ކުރުމަކަށް. އަޅުގަނޑުމެންނަކީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ޕާޓީއެއް. މި ޕާޓީން ހިންގާނީ ސުލްހަވެރި ސިޔާސީ ހަރަކާތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ނިކުތީ އިސްލާހީ އެޖެންޑާއަކާއެކުގައެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމާއި، މަސްވެރިން ބާނާ މަހަށް ހަމަ އަގެއް ހޯދައި ދިނުމަށާއި މަޖިލިސް ނަޒާހަތްތެރި ކުރުވުން ހިމެނެއެވެ.
"މި ޕާޓީ ކަންބޮޑުވާކަށް ނުޖެހޭ ހެޔޮ އަގުގައި މީހުން މަސައްކަތް ކުރަން ނުލިބުނީމައެއް. މި ޕާޓީ ކަންބޮޑުވަނީ އެންމެ ކުޑަ އުޖޫރަ މީހަކަށް ނުދެވޭތީވީ، އަޅުގަނޑުމެންނަށް އެ މަސައްކަތް ކުރެވޭނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 86 ދާއިރާއަކަށް ވާދަ ކުރުމަށް ނިންމައި އެ ދާއިރާތަކަށް ވަނީ ޓިކެޓް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ