މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް، ހަބީބް ބޭންކްގެ މެނޭޖަރަށް ހަމަލާދީ ފައިސާ އާއި ބައެއް ތަކެތި ފޭރިގެންފި

10:00މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ގޮސް ހަބީބް ބޭންކްގެ މެނޭޖަރަށް ހަމަލާދީ ފައިސާ އާއި ބައެއް ތަކެތި ފޭރިގެންފި އެވެ.ޕާކިސްތާނަށް އުފަން މުހައްމަދު ޖާމިލް އަންޖުމްގެ ގެއަށް ގްރޫޕަކުން ގޮސް، އޭނާ އަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު، އޭނާގެ ވޮލަޓުގައި އޮތް ހަ ސަތޭކަ ޑޮލަރާއި ހަތަރު ހާސް ރުފިޔާ ފޭރިގަނެގެން ފިލައިފައި ވަނީ އޮފީސް ނިންމުމަށްފަހު އިއްޔެ ހަވީރުގެ ވަގުތެއްގައި އަންޖުމް އޭނާގެ އެޕާޓްމަންޓަށް ވަދެވަޑައިގަންނަވަނިކޮށެވެ. މއ. އުރަހައިގެ ހަވަނަ ބުރީގައި ގިނަކަންޏާ ދިރިއުޅުއްވާ އުމުރުން 56 އަހަރުގެ އަންޖުމް ލިފްޓުން ފައިބައިވަޑައިގަތުމާ އެކު، ސިޑިމަތީގައި ފިލާ ތިބި، މޫނު ނިވާކޮށްގެން އުޅުނު ހަތަރު މީހަކު އޭނާ އަށް ހަމަލާދީ، ކޮޓަރިތެރެއަށް ކޮއްޕާލުމަށްފަހު، އަނގަމަތީގައި ފޮތިގަނޑެއް އައްސައި، އަތްފައި ބަނުމަށްފަހު މޫނުމަތީގައި ތަޅައި، ގޭތެރޭގެ އެކި ތަންތަން ހާވައި، ފައިސާ ހޯދުމަށް މަސައްކަތްކުރި ކަމަށް މައުލޫމާތު ލިބެ އެވެ.އަންޖުމް ބަނދެފައި އޭނާގެ މޫނުމައްޗަށް ހަމަލާދިނުމުގެ ސަބަބުން ނޭފަތް ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ ވަނީ ފައިބައިފަ އެވެ. ފައިސާތައް ހިފައިގަތުމަށްފަހު އެ މީހުން ފިލީ، އޭނާ އެޕާޓްމަންޓުގެ ތެރޭގައި ބަނދެފައި ބޭންދުމަށްފަހު އެޕާޓްމަންޓްގެ ތަޅުދަނޑިފަތި ވެސް ހިފައިގެންނެވެ. ބޭންކުގެ މުވައްޒަފުން އެ އެޕާޓްމަންޓް ހުޅުވީ، އަންޖުމް އަމިއްލަ އަށް ސަލާމަތްވެގެން، ބޭންކަށް ގުޅުމުން، ގެ ސާފުކުރާ މީހާ ގެންގުޅޭ ތަޅުދަނޑިފަތި ހިފައިގެން އެ މީހުން ގޮހެވެ.އަންޖުމް އަށް އޭޑީކޭ ހޮސްޕިޓަލުން މިހާރު ދަނީ ފަރުވާ ދެމުންނެވެ.ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން  އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ ހާދިސާ ތަހުޤީޤްކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ