މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކަށް އެވޯޑެއްދެނީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން "ރަންލާރި އެވޯޑް"ގެ ނަމުގައި އެވޯޑެއް ދިނުމަށް އެ އޮތޯރިޓީން ނިންމައިފި އެވެ.
މީރާއިން ބުނީ އެވޯޑް ދެނީ ތިން ގިންތިއަކަށް ބަހާލައިގެން 11 ފަރާތަކަށް ކަމަށެވެ.
"ވަކި ފަރުދުންގެ ގިންތިން އެންމެ ގިނައިން ފައިސާ ދެއްކި ފަސް ފަރާތާއި، 'ކޯޕަރޭޓް ގިންތި'ން އެންމެ ގިނައިން ފައިސާ ދެއްކި ފަސް ފަރާތާއި، ސަރުކާރު ކުންފުނިތަކާއި ލިސްޓެޑް ކުންފުނިތަކުގެ ގިންތިން އެންމެ ގިނަ ފައިސާ ދެއްކި ފަރާތައް އެވޯޑް ލިބޭނީ" މީރާއިން ބުންޏެވެ.
މީރާއިން ބުނީ ވަކި، ފަރުދުންގެ ގިންތީގައި ހިމެނޭނީ ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވަކި ފަރުދުން ކަމަށާއި އަދި ކޯޕަރޭޓް ގިންތީގައި ހިމެނޭނީ ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި އެ ނޫން ވެސް ތަންތަން ކަމަށެވެ. އަދި އެ ގިންތީގައި ސަރުކާރު ކުންފުނިތަކާއި ލިސްޓެޑް ކުންފުނިތައް ނުހިމެނޭނެ ކަމަށް މީރާއިން ބުންޏެވެ.
"ސަރުކާރު ކުންފުނިތަކާއި ލިސްޓެޑް ކުންފުނިތަކުގެ ގިންތީގައި ހިމެނޭނީ ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންގައި ލިސްޓުކޮށްފައިވާ ކުންފުނިތަކާއި، ސަރުކާރުގެ މަދުވެގެން 20 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތައް" މީރާއިން ބުންޏެވެ.
މީރާއިން އިތުރަށް ބުނީ އެ އެވޯޑްގައި އެންމެ ފުރަތަމަ ދެވޭނީ މިދިޔަ އަހަރު އެންމެ ގިނައިން ފައިސާ ދެއްކި ފަރާތްތަކަށް ކަމަށާއި، މި އެވޯޑް ދެވޭނީ މީރާގެ ހަތަރުވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮގަސްޓް މަހު އަށް ވަނަ ދުވަހު ބާއްވާ ހަފްލާއެއްގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ