ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމަށް ރާވާފައިވާ ކަމަށް ދުނިޔޭގެ މަޝްހޫރު ނިއުސް އެޖެންސީ ބީބީސީއިން ބުނެފި އެވެ.
ބީބީސީގައި މިއަދު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ވެރިކަން ގާނޫނީ ހަމަތަކުގެ ތެރެއިން ވަރަށް އަވަހަށް ނިމުމަކަށް ގެނައުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިމައުލޫމާތު ބީބީސީއާ ހިއްސާކުރީ އިތުބާރު ހުރި ފަރާތަކުން ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް ސަރުކާރު ބަދަލުކުރަން ރާވާ ގޮތުގެ މާބޮޑު ތަފްސީލެއް ނުލިބޭ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
ބީބީސީގެ ރިޕޯޓާ ގުޅިގެން ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސައިން ޝިހާބު މިއަދު މީޑިއާގައި ވިދާޅުވީ ރާއްޖޭގެ ސަރުކާރު ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ސަރުކާރަށް ލިބިފައިވާ ކަމަށެެވެ. ނަމަވެސް މިސަރުކާރު ވެރިކަމަށް އައީ ހުރިހާ ފަރާތްތަކަކުންވެސް ބަލައިގެންފައިވާ މިނިވަން އިންސާފުވެރި އިންތިހާބަކުން ކަމަށްވާތީ އެފަދަ ސަރުކާރެއް ބަދަލުކުރުމަކީ ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފު ކަމެެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ބީބީސީން ޓީވީން ވެސް ދައްކާފައިވާ މި ރިޕޯޓްގައި ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެނެސްގެން ކުރަމުންދާ ކަންކަމަށް ފާޑު ކިޔާފައިވެ އެވެ. އެގޮތުން ރާއްޖޭގެ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. ގާނޫނު އިސްލާހުކޮށްގެން އެއްވެ އުޅުން ހަނިކޮށް މިނިވަން ނޫސްވެެރިކަމަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައިވާ ކަމަށް ބުނެފައިވެ އެވެ.
ރައީސް ޔާމީންގެ ސަރުކާރު ބަދަލުކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބީބީސީގައި މިއަދު ބުނެފައިވާއިރު އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި މާލޭގައި ހަރަކާތްތެރިވާ ރާއްޖޭގެ އިދިކޮޅު އިއްތިހާދުގެ އިސްވެރިން ލަންކާގައި އިއްޔެއިން ފެށިގެން ބައްދަލުކުރަމުން ގެންދާ ކަމުގެ ހަބަރުތަކެއް މީޑިއާގައި ދަނީ ފެތުރެމުންނެވެ. އަދި އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް މާދަމާ ލަންކާއަށް ވަޑައިގަންނަވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައވެ އެވެ.
ރައީސް ޔާމީން ވެރިކަމުން ދުރުކުރަން ރާވާފައިވާ ކަމަށް ބުނެ ބީބީސީގައި ރިޕޯޓެއް ގެނެސްދީފައިވާއިރު ދިވެހި ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނޭ ހިޔާނާތުގެ އަމަލުތަކާއި ގުޅޭ ރިޕޯޓެއް މަޝްހޫރު ނިއުސް އެޖެންސީ އަލްޖަޒީރާ އިންވެސް ވަނީ ތައްޔާރުކޮށްފަ އެވެ. މިރިޕޯޓް މިމަހުގެ 30 ގައި އާންމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ޔާމީން ވަރަށް އަވަހަށް ވެރިކަމުން ދުރުކުރަން ވަނީ ރާވާފައި: ބީބީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ