ބައްޝާރުގެ އިސް ހަތަރު އެހީތެރިއަކު މަރާލުމަކީ އޭނާގެ ވެރިކަމުގެ ނިޒާމް ފޫއަޅުވާލުން: އިދިކޮޅު ފަރާތްތައް

ދިމިޝްގު (ޖުލައި 19): ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި އިއްޔެ ދިން ބޮންގޮއްވުމުގެ ހަމަލާއެއްގައި އެޤައުމުގެ ދިފާއީ ވަޒީރު ދާއޫދު ރާޖިޙާ އާއި ދިފާޢި ވަޒީރުގެ ނައިބު އަދި ރައީސް ބައްޝާރުލް އަސަދުގެޅިޔަނެއް ކަމަށްވާ އާސިފް ޝައުކަތު އަވަހާރަކޮށްލުމަކީ ބައްޝާރުގެ ވެރިކަން ފޫއަޅުވާލުން ކަމަށާ އަދި އޭނާގެ ވެރިކަން ނިމުމުގެ ފެށުން ކަމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
ސޫރިޔާގެ އިދިކޮޅު ނެޝަނަލް ކައުންސިލުގެ ރައީސް ޢަބްދުލްބާސިތް ސީދާ މިޙަމަލާ އަށް ތާއީދު ކުރައްވަމުން ވިދާޅުވީ މިއީ ބައްޝާރުގެ ނިޒާމަށް ދެވުނު ވޭންދެނިވި ޙަމަލާއެއްކަމަށާއި ބައްޝާރުގެ ބާރުގަދަ ޖާސޫސީ ނިޒާމާއި ދިމިޝްޤުގެ ޙިމާޔަތުގައިތިބި ޖުމްހޫރީލަޝްކަރުތައް ފޫއަޅުވާލުމުގައި އިދިކޮޅު ހަނގުރާމަވެރިން ކާމިޔާބު ހޯދައިފިކަން މިޙަމަލާ އިން ހާމަވާކަމުގަ އެވެ.
ދިމިޝްޤުގައި ހުންނަ ސޫރިޔާގެ ގައުމީ ސަލާމަތާ ބެހޭ މައިމަރުކަޒަށް އިއްޔެ ޖާނުގޮއްވާލައިގެން ދިން ބޮމުގެ ވަރުގަދަ ޙަމަލާގައި ބައްޝާރުގެ ވެރިކަމުގެ ޢަސްކަރީ އެންމެ އިސްކޮމާންޑްގެ ހަތަރު މަސްއޫލުވެރިއަކު އަވަހާރަވެފައިވާ ކަމަށް ޚަބަރުލިބެ އެވެ. ސޫރިޔާގައި ސަލާމަތީ ފިޔަވަޅުތައްއެންމެ ވަރުގަދަ އަށް އަޅާފައިވާ ޤައުމީ ސަލާމަތާ ބެހޭ މައިމަރުކަޒަށް މިޙަމަލާދީ އެތަން ގޮއްވާލާފައި ވަނީ ސަލާމަތީ ކަންތައްތަކާ ބެހޭ އެންމެ އިސްމަސްއޫލުވެރިން އެޢިމާރާތުގައި ކުރިޔަށް ދިޔަ ބައްދަލުވުމެއްގައި ތިއްބަވަނިކޮށެވެ. ސޫރިޔާގެ ޖާސޫސީ ނިޒާމް ފޫއަޅުވާލެވިގެން ނޫނީ މިބައްދަލުވުން މިތާނގައި ކުރިޔަށްދާ ކަމާ އަދި ހަށިގަނޑުގައި ބޮންހަރުކޮށްގެން ހުރި މީހާ އަށް އެހިސާބަށް ނާދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ޖާނުގޮއްވާލައިގެން ދިން މިޙަމަލާގައި ދިފާއީ ވަޒީރު ދާއޫދު ރާޖިޙާ އާއި އޭނާގެ ނައިބު އާސިފް ޝައުކަތާއި ދާޚިލީ ވަޒީރު މުހައްމަދު އައްޝިޢާރު ބައްޝާރުގެ ޢަސްކަރީ މުސްތަޝާރު ހަސަން އައްތުރްކުމާނީ އަވަހާރަވުމުގެ އިތުރުން ސޫރިޔާގެ ޤައުމީ ސަލާމަތާބެހޭ ވެރިޔާ ހިޝާމް ބަޚްތިޔާރު ވެސް މިޙަމަލާގައި ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވި އެވެ. މިހުރިހާ ބޭފުޅުންނަކީ ސިފައިންގެ އެންމެ އިސް ޖެނެރަލުންނެވެ.
ޖާނުގޮއްވާލައިގެން އިއްޔެ ދިމިޝްޤަށް މިޙަމަލާދީފައި ވަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ސީރިޔަން ފްރީ އާރމީ އަށް ނިސްބަތްވާ ހަނގުރާމަވެރިންކަމަށް ކަމަށް އެޖަމާއަތުން ވަނީ އެއްބަސްވެފަ އެވެ. މިޙަމަލާ ދީފައި ވަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ޓަކައި އޭނާގެ ވެރިކަމުގެ މައިމަރުކަޒުކަމަށްވާ ވެރިރަށް ދިމިޝްގު ހިފުމުގެ ޢަސްކަރީ އޮޕަރޭޝަން އިދިކޮޅު ހަނގުރާމަވެރިން ފެށިތާ ހަތަރު ދުވަހުގެ ތެރޭގަ އެވެ. މިއޮޕަރޭޝަންގައި ތަންތަނަށް ޙަމަލާދިނުމުގެ އިތުރުން ބޮއްވުން ފަދަ ޓެރަރިސްޓް ޙަރަކާތްތައް ވެސް ހިމެނެ އެވެ.
ޖެނެރަލް އާސިފް ޝައުކަތަކީ ބައްޝާރުގެ އެންމެ އިސް ޢަސްކަރީ މުސްތަޝާރުގެ އިތުރުން އޭނާގެ ޅިޔަނެކެވެ. އަދި ޝައުކަތަކީ ސޫރިޔާގެ ޢަސްކަރީ އިސްކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ވަރަށް ތަޖްރިބާކާރު އަދި ޖާސޫސީ ކަންކަމުގައި އަރާހުންނެވި ބޭފުޅެއްގެ އިތުރުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބައްޝާރުގެ ސަރުކާރުން ރާވާރޭވުންތަކުގެ އިސް މޭސްތިރިއެވެ. އެހެންކަމުން އޭނާ އަހަވާރަކޮށްލުމަކީ ބައްޝާރުގެ ސަރުކާރަށް ލިބިގެންދާނެ ވަރަށްބޮޑު ނިކަމެތި ކަމެއްކަމަށް މަސްރަޙް ދިރާސާކުރާ ފަރަތްތަކުން ސިފަކުރެ އެވެ.
ޖާނުގޮއްވާލައިގެން އިއްޔެ ދިން ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއް ކަމަށާއި ޓެރަރިސްޓުންނަށް ސޫރިޔާ އިން ޖާގަ ނުދޭނެ ކަމަށް ބުނެ މިޙަމަލާއަށް ފަހު ސޫރިޔާގެ ސަލާމަތީ ބާރުތަކުންވަނީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ދޭ ޢަސްކަރީ ޙަމަލާތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށް އިދިކޮޅު ހަނގުރާމަވެރިންގެ އެތަށް މަރުކަޒަކަށް ބޮންއަޅައި އެތަންތަން ގޮއްވާލާފަ އެވެ. އިއްޔެ މި ޙަމަލާއަށް ފަހު ސޫރިޔާ ސިފައިން ދިން ވައިގެ ޙަމަލާތަކުގައި އެކަނި ވެސް 180 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. (އަލްޖަޒީރާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ