އައިއޯއައިޖީއަށް އަންހެން ހޭންޑްބޯލް ޓީމް ތައްޔާރު

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްގައި ހޭންޑް ބޯލް ޓީމްގެ އަމާޒަކީ މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން
އެއް ޓީމްނަމަވެސް ބަލިކޮށް ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މޮޅެއް
ހޯދުންކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ. 
މިއަދު އޮތް ނޫސްވެރިންގެ
ބައްދަލުވުމުގައި ވަހަކަދައްކަމުން ހޭންޑްބޯލް އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރ
އަދި ޤައުމީ އަންހެން ހޭންޑްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗް މުހައްމަދު ޝާން ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ހޭންޑް ބޯލް ޓީމް އޮތީ ވަރަށް ރަނގަޅަށް
ތައްޔާރުވެފައިކަމަށެވެ. އަދި އިންޑިއާ ކޯޗެއްގެ އިރުޝާދުގެ ދަށުން ޓީމް އޮތީ
ހިތްހަމަޖެހޭ ފެންވަރަކަށް ކުރިއަރާފައިކަމަށެވެ. މިދިޔަ މަހު ޗެންނާއީއަށް ކުރި
ޓްރޭނިންގ ކޭމްޕްގައި ޓީމަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށާއި،
ކުޅުންތެރިންގެ ފިޓްނެސްއާއި ހުނަރު ވަރަށް ބޮޑުތަން ކުރިއަރައިފިކަމަށް ޝާން ވިދާޅުވިއެވެ.
މުބާރާތައް ތައްޔާރުވާއިރު ދިމާވާ މައިގަނޑު ދައްޗަކީ މުބާރާތް ކުޅޭއިރު
ބޭނުން ކުރާ ތެރަސް ރާއްޖޭގައި ލިބެން ނުހުންނަ މައްސަލަކަމަށާއި، މިމަހުގެ
ފަހުކޮޅު ބަނގްލަދޭޝްގައި ޓީމް މުބާރާތުގެ ކުރިން ފަހު ތަމްރީންތައް ފުރިހަމަކުރާއިރު ބަނގްލަދޭޝްގައި ތެރަސް ބޭނުންކޮށްގެން ތަމްރީން ހަދަން ޓީމަށް ފުރުސަތު
ލިބިގެންދާނެކަމަށްވެސް ޝާން ފާހަގަކުރެއްވިއެވެ.
ޤައުމީ އަންހެން ހޭންޑްބޯޅަ ޓީމުގެ ގޯލްކީޕަރ
އައިމިނަތު ލީލާ ބުނީ އިންޑިއާ ކޯޗްގެ އިރުޝާދުތަކުން ހުރިހާ ކުޅުންތެރިންނަށްވެސް
ފާހަގަވާވަރަށް ކުރިއެރުން ލިބިފައިވާކަމަށާއި، ހުރިހާ ކުޅުންތެރިންގެ ވެސް
އުއްމީދަކީ މި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުންކަމަށެވެ. މި މުބާރާތަކީ
މިދިޔަ ދެ އަހަރުގެ ތެރޭގައި ހޭންޑް ބޯލް ޓީމް ހޯދާފައިވާ ކުރިއެރުން ދައްކާލަން
ލިބޭ ރަނުގެ ފުރުސަތެއްކަމަށާއި، ދިވެހި ހޭންޑް ބޯލް ޓީމުގައި މުސްތަޤްބަލެއް
އެބައޮތްކަން މި މުބާރާތުން ސާބިތުވެގެންދާނެކަމަށްވެސް ލީލާ ބުންޏެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް އެންމެ ފަހުގެ ތަމްރީންތަކަށް ގައުމީ އަންހެން ހޭންޑް ބޯލް ޓީމް ބަންގްލަދޭޝަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނަވާރަވަނަ ދުވަހު.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ