ސަފާރީގައި ބޮޑު ރޭޕް ކޭހެއް ނުހިނގާ: މިނިސްޓަރ އިމްރާން

މިއަަހަރުގެ ޖޫންމަހުގެ ތެރޭގައި ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ހިނގައިދިޔައީ އާންމުންގެ މެދުގައި ދެކެވޭފަދަ ބޮޑު ރޭޕް ކޭހެއް ނޫންކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ އެ މައްސަލައިގެ ވިކްޓިމްގެ ބަޔާން އެކި ފަހަރުމަތިން ބަދަލުކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ޕްރޮސީޖަރަލް މައްސަލަތަކެއް ދިމާވެފައިވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން އެ މައްސަލައިގެ ތުހުމަތު ކުރެވުނު މީހުންނަށް ތުހުމަތު ކުރެވިގެން ދިޔަގޮތާއި ގުޅިގެން މައްސަލަ ކުރިއަށް ގެންދިޔުމުގައި ޕްރޮސީޖަރަލް މައްސަލަ ހުރިކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ އެ މައްސަލައިގައި އާންމުންގެ މެދުގައި ވާހަކަދެކެވޭ ފަދައިން ބޮޑު ރޭޕް ކޭހެއް ނެތްކަމަށާއި، ކޮށްފައިވަނީ އާންމު ތަނެއްގައި ހުރެގެންވެސް ކުރެވިދާނެފަދަ ކަމެއް ކަމަށެވެ. ނަމަވެސް އެ ހިނގައިދިޔަ ކަމެއް ހާމަކުރެއްވުމަކީ ފަސޭހަކަމެއް ނޫންކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގެ ތަހުގީގަށް ވިކްޓިމް ދިން ބަޔާން ބަދަލުކުރަން ފުލުހުން މަސައްކަތްކުރާ ކަމަށްބުނެ، އެ އަންހެންމީހާގެ ގާނޫނީ ވަކީލުންގެ ފަރާތުން ވަނީ އެންއައިސީއަށް މައްސަލަވެސް ހުށައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ