އިންގިތާލީ އަދާލަތުގެ ބިލަކީ މުޖުތަމައުގައި ސުލްހަ ގާއިމްކުރުމުގެ މަތިވެރި ނިޔަތުގައި ވީ ވައުދެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިގާލީ އިންސާފުގެ ބިލަކީ މުޅި މުޖުތަމައުގައި ސުލްހަ ގާއިމްކުރުމުގެ މަތިވެރި ނިޔަތުގައި އެމްޑީޕީން ވީ ވައުދެއް ކަމަށް އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ-19ގެ އިންސާފުގެ ވައުދުގެ ދަށުން ހަދަންޖެހޭ ގާނޫނުތަކުގެ ތެރޭގައި ހަ ކަމެއް ހިމެނޭއިރު އޭގެ ތެރެއިން ތިން ކަމެއް ކޮށް ނިމިފައިވާ ކަމަށެވެ.
އެގޮތުން މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި ހިޔާނާތުގައި ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލި ކޮމިޝަންތަކުގެ ބިލާއި އިންތިގާލީ އަދާލަތުގެ ބިލު އަދި ޝަރުއީ ދާއިރާގެ އޮނިގަނޑާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލުގެ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ފަނޑިޔާރުންގެ ގާނޫނަށް ގެންނަ ބުނި އިސްލާހުތަކާއި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެންނަން ބުނި އިސްލާހުތަކާއި ގާނޫނީ އެހީތެރިކަން ހޯދައިދިނުމަށް ވީ ވައުދުގެ ގާނޫނު އަދި ނިމިފައިނުވާ ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރެއްވި އިންތިގާލީ އިންސާފުގެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ގާނޫނަކީ މުޅި މުޖުތަމައުގައި ސުލްހަ ގާއިމްކުރުމުގެ މަތިވެރި ނިޔަތުގައި އެމްޑީޕީން ރައްޔިތުންނަށްވީ ވައުދެއް ކަމަށެވެ.
"(އެ ގާނޫނުގެ) ބޭނުމަކީ މައާފު ކުރުން. އެކަކު އަނެކަކަށްވީ ގޮތް އެނގުން. އަނެއް މީހާ ވެސް މައާފަށް އެދުން. އަޅުގަނޑުމެންގެ ތެރޭގައި ސުލްހަ މަސަލަސްކަން ގާއިމްކުރުން. ރުޅިވެރިކަން ނައްތާލުން. ހަސަދަވެރިކަން ފިލުވާލުން،" ނަޝީދު ވިދާޅުވި އެވެ.
އެގޮތުން އެ ގާނޫނުގެ މައިގަނޑު މަގުސަދަކީ ނުވަތަ އާހިރުގައި ހާސިލުކުރަން ބޭނުންވާ ނަތީޖާއަކީ އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާތަކުން ލިބިފައިވާ ގެއްލުމުން ނަޖާވެ، އެކަމަށް ތަސައްލީއެއް ހޯދައިދިނުމާއި މީހުންގެ މެދުގައި އުފެދިފައިވާ ބައިބައިވުމާއި ހިތްހަމަނުޖެހުމާއި ބަދަލު ހިފުމުގެ ރޫހު ނައްތާލައި ޖުމްލަކޮށް މުޅި މުޖުތަމައުގައި ސުލްހަ ގާއިމްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން އެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށެވެ.
އެ ބިލު ރައީސް އިއްޔެ ތަސްދީގު ކުރައްވައި، އެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ "އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް" ވެސް އިއްޔެ ވަނީ އުފައްދަވައިފަ އެވެ.
އިންތިގާލީ އިންސާފުގެ ބިލާ ގުޅޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަނީ ފާޑު ކިޔަވަމުންނެވެ. އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު ވިދާޅުވި ގޮތުގައި އެ ގާނޫނަކީ ކަށްވަޅު ކޮނުން ކަހަލަ ކަމެކެވެ. އަދި އެއީ ފިތުނަ ފަސާދަ އުފައްދައި އިޖްތިމާއީ ހަމަޖެހުން ގެއްލިދާނެ ބިލެއް ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެ ގާނޫނަކީ ވެރިކަންކުރާ ކޮންމެ މީހަކު ޖަލަށްލުމަށް ހެދި ދަންތުރައެއް ކަމަށެވެ. އަދި އެ ދަންތުރައިން އިބްރާހިމް މުހައްމަދު ސޯލިހު ވެސް ސަލާމަތް ނުވާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ