އެލް ކްލަސިކޯގެ ދެފަޅިއަށް ކުޅުނު އެންމެ މަޝްހޫރު ކުޅުންތެރިން

ކޮންމެ ފުޓްބޯޅަ ސީޒަނެއްގެ ވެސް މެޗު ޝެޑިއުލް އާއްމުކުރުމާ އެކު ފުޓްބޯޅަ ސަޕޯޓަރުން އެއީ ކޮންމެ ގައުމެއްގެ ކޮންމެ ޓީމެއްގެ ސަޕޯޓަރަކަށްވިޔަސް އެންމެ ފުރަތަމަ ނޯޓް ކުރާނޭ އެއް ތާރީހަކީ އެލް ކްލަސިކޯގެ ދެމެޗްގެ ތާރީހުކަން ޔަގީނެވެ. އެއީ ކްލަބު ފުޓްބޯޅައިގައި މުޅިދުނިޔޭގައި ވެސް ކުޅެވޭ އެންމެ ވާދަވެރި، އެންމެ ފޯރިގަދަ އަދި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ދެ މެޗެވެ. ސްޕެނިޝް ލަލީގާގެ އެންމެ ވާދަވެރި ދެ ކްލަބުކަމުގައިވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ވާދަކުރާ މެޗުތަކަށް އެލް ކްލަސިކޯ ނުވަތަ އިނގިރޭސި ބަހުންނަމަ ‘ދަ ކްލަސިކް’ މިނަން ދެވިފައިވަނީ އެފަދަ ދެ ވަނަ ކުރިމަތިލުމެއް ކްލަބު ފުޓްބޯޅައިގެ ދުނިޔޭގައި ނުފެންނާތީ އެވެ. ކޮންމެ ފުޓްބޯޅަ ސީޒަނެއްގައި ވެސް މަދުވެގެން އެލް ކްލަސިކޯ ދެ މެޗު ކުޅެވޭއިރު އެހެން މުބާރާތްތަކުގެ ނަތީޖާތައް ދާގޮތުން އެއަށްވުރެ ގިނަފަހަރު ވެސް އެލް ކްލަސިކޯ ބަލާލުމުގެ ފުރުސަތު ސަޕޯޓަރުންނަށް ލިބެ އެވެ. މިގޮތުން ސްޕެނިޝް ކޮޕަ ޑެލްރޭ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު، ސްޕެނިޝް ސުޕަ ކަޕާއި ޔޫއެފާ ސުޕަ ކަޕްގައި ވެސް މިދެޓީމު ވާދަކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ތާރީހަށް ބަލާއިރު އެލް ކްލަސިކޯ ފުރަތަމަ ކުޅެވުނީ 13 މެއި 1902 ގަ އެވެ. އޭގެފަހުން މި ވޭތުވެދިޔަ ދިގު މާޒީގައި ރަހްމަތްތެރިކަމުގެ 33 މެޗާއި އެކު ޖުމުލަ 277 ފަހަރު މިދެޓީމު ވާދަކޮށްފައިވެ އެވެ. މިމެޗުތަކާއި ގުޅޭ ޝައުގުވެރި އެތައް ވާހަކަތަކެއް ދެކެވެމުންދާއިރު އަދި މިރޭ މިސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯ އަށް ނޫކޭމްޕަށް މިދެޓީމު ނިކުންނައިރު މިލިޔުން މި ހާއްސަކޮށްލަނީ އެލް ކްލަސިކޯގެ ތާރީހުގައި އެލް ކްލަސިކޯގެ ދެފަޅި ތަޖުރިބާކޮށް މިދެޓީމުގެ ޖާޒީގައި ވެސް ދަނޑުމަތިން ފެނުނު އެންމެ މަޝްހޫރު ކުޅުންތެރިންނަށެވެ.
މިދެޓީމުގެ ދެމެދުގައި އޮތް ވަރުގަދަ ވާދަވެރިކަމާހެދި މިތަނުން އެއް ޓީމުން އަނެއް ޓީމަށް ކުޅުންތެރިއަކު ބަދަލުވުން ވެގެންދަނީ ބޮޑު ހަބަރަކަށެވެ. ހާއްސަކޮށް އެކުޅުންތެރިޔާއަކީ ދުނިޔޭގެ ފެންވަރުގެ މޮޅުކުޅުންތެރިއެއް ކަމަށްވާނަމަ އެވާހަކައިން މުޅި ފުޓްބޯޅަ ދުނިޔެ ހަލަބޮލިކޮށްލަ އެވެ. އެލް ކްލަސިކޯގެ ތާރީހުގައި މިހާތަނަށް 39 ކުޅުންތެރިޔަކު މިގޮތަށް ފަޅި ބަދަލުކޮށްފައިވާއިރު އެންމެ ފުރަތަމަ މިގޮތަށް ބަދަލުވި ކުޅުންތެރިޔަކީ 1902 ގައި ބާސެލޯނާއިން ރެއާލް މެޑްރިޑަށް ބަދަލުވި އަލްފޮންސޯ އަލްބެނީޒެވެ. މިހާހިސާބުން މިދެޓީމު ޖާޒީގައި ފެނުނު އެންމެ މަޝްހޫރު 5 ކުޅުންތެރިންނަށް ބަލާލާނަމެވެ.
5- ލުއިސް އެންރީކޭ (ސްޕެއިން)
ބާސެލޯނާގެ ކޯޗުގެ ގޮތުގައި ވެސް އެލް ކްލަސިކޯ ތަޖުރިބާ ކުރި އެންރިކޭ ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފެނުނީ ރެއާލް މެޑްރިޑުންނެވެ. އެއީ 1991 އިން 1996 އަށެވެ. އަދި އޭގެފަހުން 1996 އިން 2004 އަށް އެންރިކޭ ފެނުނީ ބާސާގެ ޖާޒީގަ އެވެ. ރެއާލް މެޑްރިޑަށް 157 މެޗުގައި 15 ގޯލް ޖަހާދީފައިވާއިރު އެންރިކޭ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ބާސެލޯނާގަ އެވެ. އެންރިކޭ ވަނީ ބާސާއަށް ކުޅެދިން 207 މެޗުގައި 73 ގޯލް ޖަހާފަ އެވެ. އެންރިކޭ ރެއާލް މެޑްރިޑާ އެކު 3 ތަށި ހޯދާފައިވާއިރު ބާސެލޯނާއާ އެކު ވަނީ 7 ތަށި އުފުލާލައިފަ އެވެ. އެންރިކޭ އަކީ މިވަގުތު ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗެވެ.
4- ހާވިއޭ ސެވިއޯލާ (އާޖެންޓީނާ)
ދަށް އުމުރުފުރާގެ ގައުމީ ޓީމުގައި ދެއްކި މޮޅުކުޅުމުގެ ސަބަބުން އެއްދުވަސްވަރެއްގައި ޑިއޭގޯ މަރަޑޯނާ ހުސްކުރި ޖާގަ ފުރާނެކަމަށް ބެލެވުނު އާޖެންޓީނާގެ މިކުޅުންތެރިޔާ އެގައުމުގެ ރިވަ ޕްލޭޓުން ބާސެލޯނާއަށް ބަދަލުވީ 2001 ގަ އެވެ. އަދި ބާސާއަށް ކުޅެދިން 123 މެޗުގައި 49 ގޯލް ޖެހި އެވެ. އެހެންނަމަވެސް ފޯމުދަށްވެ ފުރަތަމަ އެގާރައިން ޖާގަ ގެއްލުމުން ލޯން އެއްބަސްވުމުގެ ދަށުން ފްރާންސްގެ މޮނާކޯއަށާއި ސްޕެއިންގެ ސެވިއްޔާއަށް ކުޅުނެވެ. އެއަށްފަހު ސެވިއޯލާ ރެއާލް މެޑްރިޑަށް ބަދަލުވީ 2007 ގަ އެވެ. އެހެންނަމަވެސް އެ ޓީމުގައި ސެވިއޯލާއަށް މާގިނަ ފުރުސަތުތަކެއް ލިބިގެންނުދެ އެވެ. ރެއާލްއާ އެކު ހޭދަކުރި ދެ ސީޒަނުގައި 29 މެޗުގައި 5 ގޯލް ޖެހުމަށް ފަހު ސެވިއޯލާ ބަދަލުވީ ޕޯޗުގަލްގެ ބެންފީކާއަށެވެ.
3- ސެމިއުލް އެޓޫ (ކެމަރޫން)
އެފްރިކާގެ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ފުޓްބޯޅަކުޅުންތެރިޔާ ކަމަށްވާ ކެމަރޫންގެ ސެމިއުލް އެޓޫ ރެއާލް މެޑްރިޑާ ގުޅުނީ 1997 ގައި އުމުރުން އެންމެ 16 އަހަރުގަ އެވެ. އެހެންނަމަވެސް ފުރަތަމަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނީ ދެ ވަނަ ޑިވިޝަނުގެ ލެގަނޭސް އަށެވެ. އެއަށްފަހު މެޑްރިޑާއެކު އެޓޫ ހޭދަކުރި 2 ސީޒަނުގައި ކުޅުނީ އެންމެ 7 މެޗެވެ. އެއަށްފަހު ލޯނު އެއްބަސްވުމުމުގެ ދަށުން އެސްޕަންޔޯލްއަށާއި ރެއާލް މަޔޯކާއަށް ކުޅުނެވެ. އެއަށްފަހު 2000 ގައި މަޔޯކާއަށް ބަދަލުވެ ދެއްކި ކުޅުމުގެ ސަބަބުން 2004 ގައި ބާސެލޯނާއިން އެޓޫ ގެންދިޔަ އެވެ. ބާސެލޯނާގައި އެޓޫ ހޭދަކުރި  5 ސީޒަނުގައި 199 މެޗްކުޅެ 130 ގޯލް ޖެހި އެވެ. އެއަށްފަހު އެޓޫ އިޓަލީގެ އިންޓަ މިލާނަށް ބަދަލުވި އެވެ. އެޓޫ ވަނީ ބާސެލޯނާއާ އެކު ލީގު 3 ފަހަރު އަދި ޗެމްޕިއަންސް ލީގު 2 ފަހަރު ހޯދާފަ އެވެ.
2- ރޮނާލްޑޯ ނަޒާރިއޯ (ބުރެޒިލް)
ބްރެޒިލް އަށް ނިސްބަތްވާ ރޮނާލްޑޯ ނަޒާރިއޯ އަކީ ދުނިޔެދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ރޮނާލްޑޯ އޭރުގެ ރެކޯޑްފީއަކަށް ބާސެލޯނާއާ ގުޅުނީ 1996 ގަ އެވެ. އެންމެ ސީޒަނެއްގައި 49 މެޗުގައި 47 ގޯލް ޖެހުމަށް ފަހު ރެކޯޑް އަގަކަށް އިޓަލީގެ އިންޓަ މިލާނަށް ބަދަލުވީ ކޮންޓްރެކްޓް އާކުރުމުގައި ބާސެލޯނާއާ އެކު އެއްބަސްވުމަކަށް ނާދެވުމުންނެވެ. އަދި އިޓަލީގައި ފަސް ސީޒަން ކުޅުމަށްފަހު އެނބުރި ސްޕެއިނަށް އައިސް ރެއާލް މެޑްރިޑާ ގުޅުނީ 2002 ގަ އެވެ. އަދި ރެއާލްއާ އެކު ހޭދަކުރި ފަސް ސީޒަނުގައި 177 މެޗްކުޅެ 104 ގޯލް ކާމިޔާބުކުރި އެވެ. ރޮނާލްޑޯ ބާސެލޯނާއާ އެކު ކޮޕަ ޑެލްރޭ އެއްފަހަރު ކާމިޔާބުކުރިއިރު ރެއާލް މެޑްރިޑާ އެކު ލީގު އެއްފަހަރު ހޯދި އެވެ. އެންމެ 20 އަހަރުގައި ފީފާގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯ ހޯދާ ރެކޯޑް ހެދީ ބާސެލޯނާގައި ކުޅެމުންނެވެ. އަދި އޭގެ ފަހުން ދެފަހަރު މި އެވޯޑް އުފުލާލި އެވެ. ރޮނާލްޑޯ ވަނީ ބެލެންޑިއޯ ވެސް ދެ ފަހަރު އުފުލާލައިފަ އެވެ. ގިނަބަޔަކު އެއްބަސްވާގޮތުގައި ރޮނާލްޑޯއަށް ކުޅުމުގެ ތެރެއިން ގިނަގުނަ އަނިޔާތަކާއި ކުރިމަތިލާން ނުޖެހުނުނަމަ އޭނާގެ ކާމިޔާބުތައް މިއަށްވުރެ އެތަށް ގުނައެއް އިތުރުވީހެވެ.
1- ލުއިސް ފީގޯ (ޕޯޗުގަލް)
ކުޅުމަށް ބަލާނަމަ ލުއިސް ފީގޯއަށްވުރެ ރޮނާލްޑޯ މޮޅުވެފައި މަޝްހޫރުކަމުގައި ބުނެވިދާނެ އެވެ. އެހެންނަމަވެސް ރެއާލް މެޑްރިޑާއި ބާސެލޯނާގެ ވާދަވެރިކަމަށް ބަލައިގެން ކުޅުންތެރިން ތަރުތީބުކުރާނަމަ މި ލިސްޓްގެ އެއް ވަނަ ދޭންޖެހޭނީ ޕޯޗުގަލްގެ ތަރި ލުއިސް ފީގޯ އަށެވެ. އެއީ މިލިސްޓްގައި ހިމެނޭ ގިނަ ކުޅުންތެރިންނާއި ހިލާފަށް ފީގޯ ވަނީ ދެޓީމުވެސް ދިގުމުއްދަތަކަށް ތަމްސީލުކޮށްފަ އެވެ. އަދި ހަމައެއާއެކު ފީގޯގެ ޓްރާންސްފާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ހުރެ ދުނިޔޭގެ ރެކޯޑް ފީއަކަށް އެހެން ދިމާލަކަށް ދިއުމެއްނެތި އެއް އޮޑިން ސީދާ އަނެއް އޮޑިއަށް ފުންމާލައިގެން ހެދި އެންމެ އާދަޔާހިލާފު، އެ ޓްރާންސްފާ އެއްގެ ވާހަކަ އެންމެ ގަދައަށް ދެކެވުނު އެއްޓްރާންސްފާ ކަމަށް ވާތީވެސްމެ އެވެ. ފީގޯ ބާސެލޯނާއާއި ގުޅުނީ 1995 ގަ އެވެ. އަދި އެޓީމާއެކު ފަސް ސީޒަނުގައި 249 މެޗު ކުޅެ 45 ގޯލް ޖަހާފައިވެ އެވެ. އެއަށް ފަހު 2000 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވެ ކުޅުނު ފަސް ސީޒަނުގައި 239 މެޗްކުޅެ 57 ގޯލް ޖަހާފައިވެ އެވެ. ފީގޯ ވަނީ ބާސެލޯނާއާ އެކު ލީގު ދެފަހަރު އަދި ރެއާލް މެޑްރިޑާ އެކު ލީގު ދެފަހަރު ހޯދާފައިވެ އެވެ. ބާސެލޯނާއާ އެކު ޔޫއެފާ ކަޕް ވިނާސް ކަޕް ހޯދާފައިވާއިރު ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ހޯދާފައިވެ އެވެ. ލުއިސް ފީގޯ ބެލެންޑިއޯ 2000 ވަނަ އަހަރު ހޯދިއިރު ޖެހިގެން އައި އަހަރު ފީފާގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.
އަލްފްރެޑޯ ޑި ސްޓެފާނޯ (އާޖެންޓީނާ، ސްޕެއިން)
މި ލިސްޓްގައި ނުހިމެނުނު ނަމަވެސް އެލް ކްލަސިކޯގެ ވާހަކަ ދެކެވޭއިރު 1950 އާއި 1960 ގެ އަހަރުތަކުގައި ދުނިޔެދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަލްފްރެޑޯ ޑި ސްޓެފާނޯގެ ނަން ކޮންމެހެން ވެސް ފާހަގަކޮށްލަންޖެހެ އެވެ. ޑި ސްޓެފާނޯ އަކީ އާޖެންޓީނާއަށް އުފަން ކުޅުންތެރިއެކެވެ. ޑި ސްޓެފާނޯ އެގައުމުގެ ރިވަ ޕްލޭޓަށް ކުޅުނު އިރު އާޖެންޓީނާގެ ލީގަކީ ޕްރޮފެޝަނަލް ލީގަކަށް ނުވާތީ ކުޅުންތެރިން ޖެއްސި ސްޓްރައިކްގެ ސަބަބުން ޑި ސްޓެފާނޯ އާޖެންޓީނާ ދޫކޮށް ކޮލްމަބިއާގެ މިޔޮނާރިއަސް އަށް ބަދަލުވި އެވެ. އަދި މިއީ ރިވަ ޕްލޭޓާއި މިޔޮނާރިއަސް އާއި ދެމެދު ހެދުނު އެއްބަސްވުމަކަށް ނުވުމާއެކު ފީފާގެ ރެކޯޑްތަކަށް ބަލާއިރު ޑި ސްޓެފާނޯ އަކީ އޭރު ވެސް ރިވަ ޕްލޭޓްގެ ކުޅުންތެރިއެކެވެ. މިހާލަތުގައި އޮއްވާ ރެއާލް މެޑްރިޑުން މިޔޮނާރިއަސްއާ ވާހަކަދައްކާ ޑި ސްޓެފާނޯގެ އެޓީމަށް ބަދަލުވުމުގެ އެއްބަސްވުން ހެދި އެވެ. އަދި ބާސެލޯނާ އިން ރިވަ ޕްލޭޓާއި ވާހަކަދައްކާ ޑި ސްޓެފާނޯ އެޓީމަށް ބަދަލުވުމުގެ އެއްބަސްވުން ހެދި އެވެ. މައްސަލަ ހައްލުކުރުމަށް މިދެޓީމުގެ ދެމެދަށް ވަނީ ފީފާ އެވެ. އެންމެ ފަހުން ފީފާ އިން ނިންމީ ވަރަށްވެސް އާދަޔާހިލާފު ނިންމުމެކެވެ. އެއީ ޑި ސްޓެފާނޯ 55-1954 ގެ ސީޒަންގައި ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު 56-1955 ގެ ސީޒަނުގައި ބާސެލޯނާ އަށް ކުޅޭގޮތަށެވެ. އަދި 57-1956 ގައި ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު 58-1957 ގައި އަނެއްކާ ވެސް ބާސެލޯނާ އަށް ކުޅޭގޮތަށެވެ. މިގޮތަށް ފުޓްބޯޅަ ފެޑެރޭޝަނުންނާއި ކްލަބުތަކުން އެއްބަސްވެސްވި އެވެ. އެހެންނަމަވެސް ޑި ސްޓެފާނޯ ރެއާލް މެޑްރިޑަށް ފުރަތަމަކޮޅު ކުޅުނު މެޗްތަކުގައި މާބޮޑު ތަފާތެއް ނުފެނުމުން ކަންނޭނގެ އެވެ. ބާސެލޯނާ އިން ޑި ސްޓެފާނޯ ހޯދަން ހެދި އެއްބަސްވުން އުވާލައި ރެއާލް މެޑްރިޑަށް އެކުޅުންތެރިޔާ ދޫކޮށްލި އެވެ. އެހެންކަމުން ދެން އައި އެގާރަ ސީޒަންގައި ޑި ސްޓެފާނޯ ފެނުނީ ރެއާލްމެޑްރިޑްގެ ޖާޒީގަ އެވެ. އޭނާވަނީ ރެއާލް މެޑްރިޑަށް 396 މެޗްގައި 308 ގޯލް ޖަހައިދީފަ އެވެ. ޑި ސްޓެފާނޯ ވަނީ ރެއާލް މެޑްރިޑާ އެކު 8 ފަހަރު ލީގު ހޯދާ ޔޫރަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން 5 ފަހަރު ހޯދާފަ އެވެ. އަދި އޭނާ ވަނީ 1957 އަދި 1959 ގައި ބެލެންޑިއޯ ހޯދާފަ އެވެ. މީގެ އިތުރުން ޑި ސްޓެފާނޯގެ ހިދުމަތްތައް ފާހަގަކޮށް 1989 ގައި އޭނާއަށް ސުޕަ ބެލެންޑިއޯ އެވޯޑް ދެވުނެވެ. މިއީ މިހާތަނަށް މިއެވޯޑް ދެވުނު ހަމައެކަނި ފަރާތެވެ. ޑި ސްޓެފާނޯ ވަނީ އާޖެންޓީނާ، ކޮލަމްބިއާ އަދި ސްޕެއިންގައި ވެސް ގައުމީ ޓީމަށް ކުޅެފަ އެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ޑި ސްޓެފާނޯ އަށް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ