"އެެއްފަރާތުން ގެސްޓުހައުސްގެ ވިޔަފާރި ފުޅާކުރާނެ ކަމަށް ބުނާ އިރު އަނެއްފަރާތުން ޓޫރިޒަމް ބޮއިކޮޓް"

ރާއްޖޭގައި އިތުރު ގެސްޓް ހައުސްތަކެއް އަޅައި އެ ވިޔަފާރި ތަރައްގީކޮށް ފުޅާކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުންދާ އިރު ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓްކުރުމަށް އެމްޑީޕީން ކެމްޕޭން ކުރަމުން ގެންދާ ކަމަށް ގައުމީ އިއްތިހާދު ޕާޓީގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގެސްޓް ހައުސްގެ ވިޔަފާރި ތަރައްގީ ކުރާނެ ކަމަށް އެކި ރަށްރަށަށް އަރާވަޑައިގެން ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ ކަމަށާއި އެއީ ރިޔާސީ އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށް ދައްކަވާ ވާހަކަތަކެއް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އަދި އެ ވާހަކަތަކާ ދޭތެރޭ ރައްޔިތުން ފުންކޮށް ވިސްނަންޖެހިފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"ރާއްޖޭގައި ގެސްޓުހައުސްގެ ވިޔަފާރި ފުޅާކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވަމުންދާ އިރު އެ ގެސްޓް ހައުސްތަކަށް ގެސްޓުން ނުވަނުމަށާއި އެއީ ލާދީނީ ބަޔަކު އުޅެމުންދާ ތަނެއް ކަމަށާއި ރާއްޖެ އަންނަން ތިބި ޓުއަރިސްޓުން ވެސް ނައުމަށް އެމަނިކުފާނު އެ ގެންދަ ވަނީ ރާއްޖެ އިން ބޭރުގައި ކެމްޕޭން ކުރައްވަމުން. އެކަމަކީ ނަޝީދުގެ އިޚްލާސްތެރިކަން ރައްޔިތުންނަށް ފާޅުވަމުންދާ ކަމެއް،" އައްބާސް ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ ރައްޔިތުންގެ ވިންދާއި އިހްސާސްތަކަށް ބަލައިގެން ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ އެ ވަގުތަކަށް ސިޔާސީ ގޮތުން މަންފާ ލިބޭނެ ގޮތަކަށް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
އެމްޑީޕީން މިފަހަރު އެކުލަވާލައިފައިވާ މެނިފެސްޓޯގެ މުހިންމު ވައުދެއްގެ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ގެސްޓު ހައުސްގެ ވިޔަފާރި ފުޅާކުރުމަށް ވަނީ ހިމަނާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ