ޤައުމު މި އޮތް ނިކަމެތި ހާލަތުން އަރައިގަނެވޭނީ ވެރިކަމަށް ޔާމީން ގެނެސްގެން: ގައްސާން

ޤައުމު، ވެއްޓިފައި މި އޮތް އަޅުވެތިކަމާ ނިކަމެތި ހާލަތުން އަރައިގަނެ، ރައްޔިތުންނަށް މިނިވަންކަމުގެ ނޭވާއެއް ލެވޭނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ރާއްޖޭގެ ވެރިކަމަށް އަލުން އަނބުރާ ގެނެސްގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ. ގައްސާން މިހެން ވިދާޅުވީ ޕީޕީއެމަށް އަލަށް ގުޅޭ މެންބަރުން ސޮއިކުރުމާ، އަދި އެ ފޯމުތައް ޕާޓީގެ ރައީސަށް ހަވާލު ކުރުމަށް ޓަކައި "މަވެސް ޕީޕީއެމް" ނަމުގައި ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ގައުމު، ވެއްޓިފައި މިއޮތް އަޅުވެތިކަމުގެ ތެރެއިން ނުކުމެ، މިނިވަންކަމާ ތަރައްގީއާ ދިމާލަށް މިސްރާބު އަނބުރާލަން އެބަޖެހޭކަން ފާހަގަ ކުރައްވައި ގައްސާން ވިދާޅުވީ އެކަން ކުރެވޭނީ ރައީސް ޔާމީން، ވެރިކަމަށް އިންތިޚާބު ކޮށްގެން ކަމަށާއި މިކަމަކީ ރައްޔިތުންނަށް މިއަދު ކުރާން ލާޒިމް ކަމެއް ކަމުގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ކުރާނެ ގޮތާ އަދި ގައުމުތަކަށް ތަރައްޤީ އާއި ތަމައްދުނު ގެންނަނީ ކިހިނަކުންކަން ރައްޔިތުންނަށް ދައްކުވައިދެއްވީ ރައީސް ޔާމީންގެ ޒައާމަތުގައި ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުން އުޅުނީ އެއްވެސް ހާސްކަމެއް ނެތި އުފަލާއި އަރާމުގައި ކަމަށެވެ. "ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުން ތިބީ ހިނިތުން ވެފައި. ހިތްހަމަ ޖެހިފައި. ފުދިފަ. ގައުމުގެ އިގްތިސާދު ދިޔައީ ކުރިއަށް. ރައްޔިތުންގެ އަތްމައްޗާ ޖީބުގައި ފައިސާ ހުރި. އެކަމަކު ހިތާމައަކީ މިއަދު އަނެއްކާ ވެސް އަޅުގަނޑުމެން މި ތިބީ އެއްކަަލަ ކަހަލަ ހޮޅި ވާހަކަ ދައްކާ އަނގައިން ހިފަހައްޓާ ދައުރެއްގެ ތެރޭގައިކަން،" ގައްސާން ވިދާޅުވިއެވެ. "ބަހަނާތައް އެއްފަރާތްކޮށްފައި ޒަމާނީ ބަހުރުވައިން ދެންނެވޭނީ ގައުމު އޮތީ ވާނުވާގައޭ،" ވެރިކަމަށް އިޝާރާތް ކުރައްވައި ގައްސާން ވިދާޅުވީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމޭ، އިންސާފޭ ގޮވައި އެތައް ވައުދުތަކެއް ވެގެން ވެރިކަމަށް އައި މީހުންގެ ހިތުގައި އެ ހަނދާނެއް މިއަދަކު ނެތް ކަމަށެވެ. އަދި ވިދާޅުވީ ބޮޑު މަޝްރޫއެއް ނުހިންގޭ ތަނުގައި ބޭރުގެ ފަރާތަކުންދޭ ނަސޭހަތެއް ވިއްޔާ ބޮލާލާ ޖަހަނީ ކަމަށެވެ. އޭގެ ނަތީއަކީ ދިވެހި ރުފިޔާގެ އަގު ވެއްޓި، އަސާސީ ޚިދުމަތްތަކުގެ އިތުރުން މުދަލާ ކައިބޯތަކެތީގެ އަގުތައް ވެސް ދުވަހެއް ދުވަހަކަށް އުފުލެމުން ދިޔުންކަން ގައްސާންގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. ގައްސާން ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ކަންތައް ވަނީ ދާދި އެއްގޮތަކަށް ކަމަށާއި އެއާ ޚިލާފަށް ރައީސް ޔާމީނަކީ ވައުދުވެވަޑައިގެންނެވުމަށްފަހު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ވައުދުތައް ފުއްދެވި އަދި ފުއްދަވާނެ ރައީސް ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ގައުމަށް ގެނެސް ދެއްވި ތަރައްގީއަކީ ހަސަދަވެރީންގެ ބުއްދިތަކުން ގަބޫލުކުރާން ނުކުޅަދާނަވާ ވަރުގެ ތަރައްގީއެއް ކަމަށެވެ. "ކާކުތޯ ހީކުރީ ބްރިޖެއް އަޅާނަމޭ ބުނީމަ މިއޮއް ފެންނަ މާސިންގާ ބްރިޖް، ފަސް އަހަރުގެ ކުރު ދައުރެއްގެ ތެރޭގައި އެހާ ފުރިހަމައަށް ފަރުމާކޮށްދެވޭނެ ކަމަށް. ކާކުތޯ ހީކުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ދެތިން ހަފްތާގެ ތެރޭގައި ހިއްކޭނެކަމަށް. ކާކުތޯ ހީކުރީ އެ ބިމުގައި 25 ބުރީގެ ޓަވަރުތަކެއް ބިނާކޮށްދެވޭނެ ކަމަށް،" ގައްސާން ވިދާޅުވިއެވެ. ގައްސާން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓުތަކާއި ބަނދަރުތަކާއި ސިއްހީ ޚިދުމަތްތަކާ އަދި ކުޅިވަރު ކުޅެވޭނެ އިންތިޒާމުގެ އިތުރުން ވެސް އުމްރާނީ ތަރައްގީ، އެހާ ފުރިހަމައަށް އަތުރާލާދެއްވޭނެ ކަމަށް މީހަކަށް ގަބޫލުވެސް ނުކުރެވޭނެމަށެވެ. މީގެ އިތުރުން 94 ހާސް ވަޒީފާ އުފައްދަވާނެ ކަމަށް ވައުދުވެ، އެއްލައްކަ ހަތަރުހާސް ވަޒީފާ އުފެއްދެވީ ވެސް ރައީސް ޔާމީން ކަމަށާއި ރުހުނަސް ނުރުހުނަސް އެ ކަންތައްތައް އެ ހުރީ ފެންނާން ކަމަށް ވިދާޅުވިއެވެ. "ބޭރުގެ އެއްވެސް އަސްކަރިއްޔާ އަކަށް މި ގައުމުން ޖާގައެއް ނެތް، އިންޑިއާ ސިފައިން ވެސް ޖެހޭނީ ފައިބަން. އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުގެ ވެރިކަމަށް ރައީސް ޔާމީން އަޅުގަނޑުމެން އިންތިޚާބު ކުރާނަން،" ގައްސާން ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ގައްސާން އިތުރަށް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ނިންމާލާނީ ގެއްލިފައިވާ ސިޔާދަތު އަނބުރާ ހޯދުމަށްފަހުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ