އަލީ ސޯލިހްގެ ރައްދު ޝިދާތާއަށް: "މަޖިލީހަށް ޖަވާބު ދާރީވާން ނުކުރޭ ބޭފުޅުން، ބޭކާރު ވާހަކަ ނުދައްކަވާ"

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އަމާޒުކޮށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ދެއްކެވި ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ރައްދު ދެއްވައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝީދުގެ ކެމްޕޭނަށް ޤާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ނިންމެވުމުން ޝިދާތާ ވަނީ ޤާސިމަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އެގޮތުން ޤާސިމް މަޖިލީހަށް ވަޑައިނުގެން ކެމްޕޭނަށް ވަޑައިގަންނަވާތީ ޝިދާތާވަނީ ޤާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޝިދާތާގެ ވާހަކަތަކާ ގުޅޭގޮތުން "އައްޑޫލައިވް"އިން ސުވާލުކުރުމުން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން ވިދާޅުވީ މަގާމުގައި ހުންނެވިއިރު ޤާނޫނުން ޖަވާބުދާރީވުމަށް މަތިކޮށްފައިހުންނަ ތަންތަނަށް ޖަވާބުދާރީނުވާން ފިއްލަވާ ބޭފުޅަކު ދައްކަވަނީ ބޭކާރު ވާހަކަތަކެއްކަމަށެވެ.
އަލީ ސޯލިހް ވިދާޅުވީ، ފެންނަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ކެމްޕޭންގައި ޤާސިމް ބައިވެރިވެވަޑައިގަންނަވާތީ އެކަމާ ބަޔަކު ބިރުގަނެ ހާސްވެގެން އުޅޭ މަންޒަރުކަމަށެވެ.
މީގެއިތުރުން އަލީ ސޯލިހް ވިދާޅުވީ ވަޒީރުކަމުގައި ބޭފުޅަކު ހުންނަވާއިރު މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަކީ ޤާނޫނުން ލާޒިމުކުރާ ކަމެއްކަމަށެވެ. އަދި މަގާމުގައި ހުންނެވިއިރު މަގާމުގެ މައްސޫލިޔަތުގެ ގޮތުން މަޖިލީހަށް ޖަވާބުދާރީވާން ޖެހުނު ފަހަރުގައި އެކަމާ ބިރުން ފިއްލަވާ ބޭފުޅަކު ސިޔާސީގޮތުން ދައްކަވާނެ އިތުރު ވާހަކަތަކެއް ނޯންނާނެކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ.
"މިސަރުކާރުގަ އެހެން ވަޒީރުންވެސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްހެދި، ޖަވާބުދާރީ ވީމަ ބައެއްބޭފުޅުން މަގާމުތަކުގައި ދެމިތިއްބެވުނު. އެހެންނަމަވެސް ޖަވާބުދާރީ ނުވާން މައްސޫލިޔަތުން ރެކެންވެގެން އަމިއްލަފުޅަށް ފިއްލެވި ބޭފުޅަކު ދެން ސިޔާސީގޮތުން ދައްކާ ވާހަކައެއްގަ ބުރަދަނެއްވެސް ނުހުންނާނެ. ރައްޔިތުން އެ ބޭފުޅުން ދައްކަވާ ވާހަކަ ގަބޫލެއްވެސް ނުކުރާނެ." އަލީ ސޯލިހް ވިދާޅުވިއެވެ.
ޝިދާތާ ވަނީ މިފަހުން ކާނަލް ނާޒިމްގެ އެމްއެންޕީއާ ގުޅިވަޑައިގެންފައެވެ. އަދި ކޮމަންޑޫ ދާއިރާގެ ކެމްޕޭންގައި ޝިދާތާ އަންނަނީ އެމްއެންޕީގެ ކެނޑިޑޭޓްގެ ކެމްޕޭންގައިވެސް ބައިވެރިވަމުންނެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.
ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ