ސީލައިފަށް ފައިސާ ދެއްކި މީހުންނަށް، ވިނަރެސް ފްލެޓަށް އެދެން އަލުން ހުޅުވާލައިފި
ސީލައިފް ގްލޯބަލް އިންކުން ފްލެޓު ގަތް މީހުންނަށް "ވިނަރެސް" އިން އެޕާޓްމެންޓް ގަތުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޮޕަރޭޝަން (އެޗްޑީސީ) އިން އަލުން ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ ވިނަރެސް އެޕާޓްމެންޓް ގަތުމުގެ ފުރުސަތު އަލުން ދީފައި ވަނީ ފްލެޓު ގަތުމަށް ސީލައިފަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށަހަޅާ، އެޗްޑީސީން އެ ފައިސާ ރީފަންޑު ކޮށްދީފައިވާ މީހުންނަށް ކަމަށެވެ. އެޗްޑީސީން ބުނީ މީގެ ކުރިންވެސް އެ ފުރުސަތު ހުޅުވާލި ނަމަވެސް، ރަޖިސްޓްރީ ކުރުމަށް ދިން ފުރުސަތުގައި ގިނަ ބަޔަކަށް ރަޖިސްޓްރީ ނުކުރެވުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން ސީލައިފް ކަސްޓަމަރުންނަށް ވިނަރެސް ފްލެޓަށް އެދެން އަލުން ފުރުސަތު ހުޅުވާލީ ކަމަށެވެ. އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ވިނަރެސް އިން އެޕާޓްމެންޓު ގަތުމަށް ޝައުގުވެރިވާ މީހުން، އެޗްޑީސީން ފޯރުކޮށްދީފައިވާ ލިންކް އިން އަންނަ ހޯމަ ދުވަހުގެ 15:30 ގެ ކުރިން ރެޖިސްޓްރީ ވުމަށް އެދިފައެވެ. މީގެ އިތުރުން، ސީލައިފް ގްލޯބަލްއަށް އެޕާޓްމެންޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ފައިސާ އަނބުރާ ލިބިފައި ނުވާ މީހުން، ފައިސާދެއްކިކަން އަންގާ ލިޔުން އެޗްޑީސީގެ މެއިލް [email protected] އަށް މެއިލް ކުރުމަށް ފަހު ރެޖިސްޓެރީވުމަށް އެޗްޑީސީ އިން ނެރުނު ބަޔާނުގައި ބުންޏެވެ. ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީން ސީ-ލައިފް ގްލޯބަލްއާ ހަވާލުކުުރީ 2014 ވަނަ އަހަރެވެ. ނަމަވެސް އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އެޗްޑީސީން ލަފާ ކުރާ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިމޭނީ 2022 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައިއެވެ. ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރު ކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެއެވެ. ވިނަރެސް ފްލެޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ