ކޮވިޑް-19އަށް ފަސް މަރުކަޒެއް، އެންމެން މާލެ ނުގެންނާނެ!

ކޮރޯނާވައިރަހުގެ ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެ، ހަރުކަށި ފިޔަވަޅުތައް ދޫކުރުމާ ދިމާލަށް ރާއްޖޭގެ މިސްރާބުވެސް ހުރި އިރު ދެން އޮތް އެންމެ ބޮޑު ނުރައްކަަލަކީ، މާލެއެކޭ އެއްގޮތަށް ރާއްޖޭގެ އެތައް ރަށެއްގައި އެއް ފަހަރާ ބަލި ފެތުރިގެން ދިޔުމެވެ. މިއީ މިހާރު ވެސް ނާޒުކު ސިއްހީ ނިޒާމެއް އޮތް ރާއްޖެއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. ޒަމާނުއްސުރެ ރާއްޖޭގެ ހެލްތް ނިޒާމް ތަރުތީބުވެފައި އޮތީ ބޮޑު ބައްޔެއް ވެއްޖެ ނަމަ، މާލެ އަންނަން ޖެހޭ ގޮތަށެވެ. ނޫނީ އަވަށްޓެރި ގައުމަކަށް ގޮސް ފަރުވާ ހޯދުމެވެ. "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް ވިދާޅުވި ގޮތުގައި މާލެއެކޭ އެއްގޮތަށް މުޅި ރާއްޖޭގެ އެކި ރަށްރަށުގައި އެއްފަހަރާ ބަލި ފެތުރިއްޖެ ނަމަ، އެ ވާނީ ރާއްޖެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ ކާރިސާއަށެވެ. އެ ހިސާބަށް ނުގޮސް ރާއްޖެ ސަލާމަތް ކުރަން ސަރުކާރުން ވަނީ މިހާރު ޕްލޭންތަކެއް ރާވާ އެވެ. މި ވައިރަހުން ސަލާމަތް ވެވޭނެ ދުވަހެއް ނޭނގޭ އިރު ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި، މާލެއިން ބޭރުން ރާއްޖޭގެ އެކި ރަށްރަށުގައި ބަލި ފެތުރިދާނެ ހާލަތަކަށް މިހާރު ވަނީ ތާއްޔާރުވެފަ އެވެ. އެއީ ކޮވިޑް-19 ފަރުވާގެ ސެންޓަރުތަކެއް ރާއްޖޭގެ ފަސް ސަރަހައްދަކަށް އަމާޒުކޮށްގެން ގާއިމްކުރުމެވެ. މިނިސްޓަރު ވިދާޅުވީ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ވެސް، ބަލި ޖެހޭ އެންމެން މާލެ ސަރަހައްދަށް ޖަމާކުރުމެއް ނޫނެވެ. އަދި މިވަގުތަށް ރަށްރަށުން ބަލި ފެންނަވަރު މަދުވުމުން މީހުން މާލެއަށް ގެނެސް ފަރުވާދެވުނު ނަމަވެސް، މުސްތަގުބަލުގައި ކޮވިޑް-19 ފަރުވާގެ ނިޒާމް ލާމަރުކަޒީ ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވެސް އެއްބަސްވެލައްވަ އެވެ. މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި އެކަމަކަށް އޮތް ވިސްނުމަކީ ރީޖަނަލް ލެވަލްގައި ކޮވިޑް-19 ފަރުވާގެ މަރުކަޒުތަކެއް ގާއިމް ކުރުމެވެ. އެތަންތަނުގެ މަސައްކަތް ފަށާ މިހާރު ވަނީ އެތަންތަން އެކީ ނިންމާލުމާ ވަރަށް ގާތްވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަރުކަޒުތަކުގައި ކްރިޓިކަލް ފަރުވާ އާއި އައިސީޔޫ އެނދުތައް ގާއިމް ކުރުމާއި މީހުން ކަރަންޓީނު ކުރެވޭނެ ނިޒާމް ގާއިމް ކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އެތަންތަނުގައި އެކަށީގެންވާ ވަރަށް ރައްކާތެރި ކަމަށް ބޭނުން ކުރާ ޕީޕީއީ އާއި ފަރުވާދެވޭނެ އެހެން ވެސް ސާމާނު ދަތި ނުވެ ލިބޭ ގޮތަށް އިންތިޒާމްތައް ރާވަމުން ދާ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ. "އެންމެން މާލެއަށް ޖަމާކުރުމެއް ނޫން އަޅުގަނޑުމެންގެ ވިސްނުމުގައި އޮތީ. ފަރުވާ މަރުކަޒީ ސެންޓަރުތަކެއްގެ ތެރެއިން ދިނުން. ފަސް މަރުކަޒެއް އަޅުގަނޑުމެން މި ގާއިމް ކުރަނީ. އެ ތަންތަނުގައި ކުރިޓިކަލް ކެއާ، އައިސީޔޫ ބެޑް، އައިސޮލޭޝަން މި ހުރިހާ ކަމެއް ހަމަޖެހިފައި ހުންނާނެ. އަޅުގަނޑުމެންގެ ތައްޔާރީތައް މި ހުރީ ރަށްރަށަށް ބަލި ގޮސްފި ނަމަ މި ތަންތަނުގެ ތެރެއިން ފަރުވާގެ ނިޒާމު ރޭވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ. ކޮވިޑް-19 ފަރުވާގެ ފަސް ސެންޓަރު ރާއްޖޭގައި ގާއިމް ކުރަނީ؛ ޒޯން އެކެއް - ށ. ފުނަދޫ ޒޯން ދޭއް - ބ. އޭދަފުށީ ޒޯން ތިނެއް - ލ. ގަން ޒޯން ހަތަރެއް - ގއ. ވިލިގިލީގައި ޒޯން ފަހެއް - އައްޑޫ ސިޓީ މިނިސްޓަރު ވިދާޅުވީ އެ ސެންޓަރުތަކުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ގޮތް ވިލަރެސް ކުރުމަށް އައިޖީއެމްއެޗްގެ ދަށުން ކޮވިޑް-19 ފަރުވާގެ ކުލިނިކަލް އެޑްވައިޒަރީ ބޯޑެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ސެންޓަރުތަކުގައި ފަރުވާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާއި، ބަލި މީހަކު ވަރަށް ބޮޑަށް ހާލު ބޮޑުވާ ދަނޑިވަޅުގައި ކަންކުރާނެ ގޮތުގެ އިރުޝާދު އެ ޓީމުން ފަސް ސަރަހައްދުގެ ސެންޓަރުތަކަށް ދެމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އެ އެޑްވައިޒަރީ ބޮޑުން މި ފަސް ސެންޓަރާ ގުޅިގެން މަސައްކަތް ދާނީ. އެބޭފުޅުން ދުވަހެއް ދުވަހަށް އިރުޝާދު ދެއްވާނެ ދޭން ޖެހޭ ފަރުވާ ތަކާއި ފަރުވާއަށް އަންނަ ބަދަލާ މި ހުރިހާ އެއްޗެއް. އަދި ބަލި މީހަކު މާލެ ގެންނަން ޖެހިއްޖެ ހިދެއްގައި އެކަން ވެސް މި ނިޒާމްގެ ތެރެއިން އިންތިޒާމް ވެެގެން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ. ރަށްރަށުގައި މިހާރުވެސް ގެންދަނީ ޓާސްކް ފޯސްތަކެއް ހަދައިގެން ކޮވިޑް-19ގެ ކަންކަން އެ ރަށެއްގައި އިންތިޒާމް ކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކާ ގުޅިގެން ޓާސްކް ފޯސްތަކުން ވަރަށް މުހިންމު އަދި ބުރަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ރަށްރަށުގައި ބަލި ފެތުރިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ ކަންކަން ރާވާނެ ގޮތްތައް ޓާސްކް ފޯސްތަކަށް ބްރީފްކޮށް މީހުން ތަމްރީންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ނިއުނޯމަލްއަކަށް ދާއިރު ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކުން ބަލި މީހަކު ފެނިއްޖެ ނަމަ ރަށު ލެވަލްގައި ކަންކުރާނެ ގޮތާއި އަތޮޅު ލެވަލްގައި ކަންކުރާނެ ސާފު އުސޫލުތައް ކަނޑައެޅި އެ ކަންކަމަށް ޓާސްކް ފޯސްތައް ތައްޔާރު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އަތޮޅުތަކުން ޕީޕީއީ ލިބޭނެ ގޮތާއި އެހެން ވެސް ކަންކަން ކުރަން ޖެހޭ ގޮތްތައް ވަނީ އެކަށައެޅިފައި. އެ ނިޒާމުތައް އެކުލަވާލެވިފައި. އެ ކަންކަމުގެ ތެރެއިން އަތޮޅުތައް މި ބައްޔަށް ވަނީ ތައްޔާރު ކުރެވިފައި. އަދިވެސް އިތުރަށް އެ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު ކޮމިޔުނިޓީ ސްޕްރެޑެއް އޮތުމުން، ސަރުކާރުގެ މިހާރު އަމާޒަކީ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމެވެ. އެގޮތުން އަތޮޅުތަކުގައި ވެސް، ޓެސްޓް ކުރެވޭނެ އިންތިޒާމް މި މަހުގެ ފަހުކޮޅު ނޫނީ އަންނަ މަހުގެ ތެރޭގައި ގާއިމް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަތޮޅު ތެރޭގައި މިހާރުވެސް ބައްޔަށް ޓެސްޓް ކުރެވޭނެ ކަހަލަ މެޝިންތައް ހުރުމުން އެތަކެއްޗަށް ބޭނުންވާ ކާޓްރިޗް ގަނެ، މިހާރު ވަނީ ރާއްޖެ ގެނައުމުގެ މަގުމަތީގަ އެވެ. "މިމަހުގެ ނިޔަލަށް ނުވަތަ ޖޫންމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ޑަބްލިއުއެޗްއޯ މެދުވެރިކޮށް އަޅުގަނޑުމެންނަށް ޖީންއެކްސްޕާޓް ކާޓްރިޖްތައް ރާއްޖެއަށް އައުމާއެކީގައި އަތޮޅު ތެރޭގައި ޓެސްޓްކުރުން ފެށިގެންދާނެ. މީގެއިތުރުން ޕީސީއާރު މެޝިންތައް ބޭނުންކޮށްގެންވެސް އަތޮޅުތަކުގައި ޓެސްޓްކުރުމުގެ އިންތިޒާމްތައް މި އަންނަނީ ހަމަޖައްސަމުން" މިނިސްޓަރު އަމީން ވިދާޅުވި އެވެ. މިވަގުތު ބައްޔަށް ހަމައެކަނި ޓެސްޓް ކުރެވެނީ މާލޭގަ އެވެ. ސަރުކާރުގެ އަމާޒުވެެސް މިހާރު ހުރީ އަންނަ ބުރާސްފަތި ދުވަހަށް ފަހު މިހާރު އޮތް ފުރަބަންދަށް ލުއިތަކެއް ދިނުމަށެވެ. އެކަމަކު، އެކަން ކުރަނީ ބޮޑެތި ހިފެހެއްޓުންތަކާ އެކު އެވެ. އެއާ އެކު ކޭސްތައް ގިނަވުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ދުވަހަށް ވާއިރަށް މުޅި ރާއްޖެ އެ ބައްޔަށް ތައްޔާރު ކުރުން ވަރަށް މުހިންމެވެ. ވިސްނަން ޖެހޭނީ މާލެ ނޫނަސް އެތަށް ރަށެއްގައި ބަލި ފެތުރިދާނެ ހާލަތަށެވެ. އެ ހާލަތަށް ތައްޔާރު ނުވެ ތިއްބާ އެ ހާލަތު ކުރި މަތިވެއްޖެ ނަމަ އެއީ ރާއްޖޭގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ފަދަ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ