ވެރިކަން ވައްޓާލީ ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓު އާއްމުކުރަން އޮތް ދުވަހު: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012ވަނަ އަހަރު ވައްޓާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް ހުންނަވައިގެން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު އާއްމު ކުރަން ތައްޔާރުވެފައި އޮތް ދުވަހު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ވަނީ ތެލުގެ ވަގު ވިޔަފާރި އާއި ގުޅޭ މައްސަލައެއް ހުށަހަޅާފައެވެ. އެ ހުށަހެޅުއްވި މައްސަލައިގައި ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ވަހީދު ފައިސާ އަށް ބައްލަވައިގެންފައިވާ ކަމަށް ވަނީ ތުހުމަތު ކުރައްވައިފައެވެ. ފަލާހު ހުށަހެޅުއްވި މައްސަލާގައި އެ ރިޕޯޓު ސަރުކާރުން ހޯދައިދީ މަޖިލީހަށް އެ ރިޕޯޓު ހަވާލު ކޮށްދިނުމަށް ވަނީ އެދިފައެވެ.
އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަން ބަދަލުވެ އެމްޑީޕީ އަށް ވެރިކަން ލިބުމާއި އެކު 2009ވަނަ އަހަރު ބޭރުގެ ބަޔަކާއި ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ހަވާލު ކުރެވުނު ކަމަށެވެ. އެ ފައިސާތައް ހޯދުމަށް އެ ކުންފުނިން މަސައްކަތް ފެށީ އެ ކުންފުނިން ހިންގާ މަސައްކަތުން ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ފެނުމުން، އެ ފައިސާގެ 10 ޕަސެންޓު އެ ކުންފުންޏަށް ދޭގޮތަށް ކަމަށެވެ.
އަދި އެނޫން ގޮތަކަށް އެ ކުންފުނީގެ މަސައްކަތް ހުއްޓާލާނަމަ، ދިވެހި ދައުލަތުން އެ ކުންފުންޏަށް 10 މިލިއަން ޑޮލަރު އެ ދޭން ޖެހޭ ގޮތަށް ކަމަށެވެ.
"އެކަން ބެލުމަށް އޭރުގެ ސަރުކާރުން ކޮންޓްރެކްޓު ކުރެވި އެ މަސައްކަތް ހިންގުނީ. ހަގީގަތުގައި ހަތެއް ފެބުރުއަރީ ވަނަ ދުވަހަކީ އެ ރިޕޯޓު ނެރެން އޮތް ދުވަސް،" ނަޝީދު ވިދާޅުވިއެވެ.
އެސްޓީއޯ ޕަބްލިކް ލިމިޓެޑްގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި ސިންގަޕޫރުގައި ރަޖިސްޓްރީކުރި، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ރާއްޖޭން ބޭރުގައި ހިންގި ވަގު ވިޔަފާރިއާއި މަނީ ލޯންޑްރިންގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދުމަށް 2010ވަނަ އަހަރުގެ ޖޫން މަހުގެ 8ވަނަ ދުވަހު ބޭރުގެ އެކައުންޓިން ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބޭރުގެ ޝަރުއީ ނިޒާމުގެ ތެރެއިން ގެއްލިގެން ދިޔަ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔައީ ކަމަށް އެ މައްސަލާގައިވެއެވެ.
އެކަން އޭރުގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ފަޒީލް ނަޖީބަށާއި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް އެނގިވަޑައިގަންނަވާނެ ކަމަށް ފަލާހު ހުށަހެޅުއްވި މައްސަލައިގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ