ވެރިކަން ވައްޓައިލީ ހިޔާނާތުގެ ރިޕޯޓް ނެރެން އޮތް ދުވަހު: ރައީސް ނަޝީދު

ހަތެއް ފެބްރުއަރީ 2012 ގައި އޭރުގެ ރައީސް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓައިލީ، އެސްޓީއޯ ސިންގަޕޫރުން ބޭރުގެ ކުންފުންޏެއް ކަމަށްވާ މޯކޮން ކުންފުންޏާއެކު ކޮށްފައިވާ ކަމަށްބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަަލައި އެކަމުގެ ރިޕޯޓް އެ ދުވަހު ނެރެން އޮއްވައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.އެސްޓީއޯ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން އެ މައްސަލައިގެ ރިޕޯޓެއް އެކުލަވާލަން ހަވާލު ކޮށްފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން، އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެން ބޭރުގެ އެކައުންޓިން ފާމްއިން ފައިސާ ބައްވަލައިގަތުމަށް ފަހު، ރިޕޯޓް ފޮރުވާފައިވާ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް މިއަދު ހުށަހެޅުއްވި އެވެ.މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ވޯޓަށް އެހުމުގެ ކުރިން ވާހަކަފުޅު ދައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުންފުންޏަށް މަސައްކަތް ހަވާލު ކުރެވުނީ ވެސް ތަހުގީގު ހުއްޓާލަން ސަރުކާރުން އެދިއްޖެނަމަ 10 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭ ގޮތަށް ކަމަށެވެ."މި ކުންފުންޏާ އެކު އެއްބަސްވުން ހެދުނު އިރުގައި އަޅުގަނޑުގެ ހިތަށް ވަން، ކާކު ބާއޭ މި ހުއްޓާލަން ވެގެން މި އުޅެނީ، ހުއްޓާލައިފިއްޔާ 10 މިލިއަން ޑޮލަރު ދޭން ޖެހޭނެ ވާހަކަ މީގަ މި އަޅަމުން މި ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.އެމަނިކުފާނުގެ ވެރިކަމުގައި އެ ގޮތަށް އެ ކުންފުންޏާއެކު އެއްބަސްވެވިފައިވާއިރު ތަހުގީގު ހުއްޓާލަން ބޭނުންވާ މީހަކު އޮވެދާނެ ކަމަށް ވިސްނުމަށް އައިސްފައިނުވާ ކަމަށާއި ނަމަވެސް ހުއްޓާލަން ބޭނުންވާނަމަ ބޭނުންވާނީ ކާކުތޯ ހިތަށް އެރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ."އެ ކަން (އެސްޓީއޯ މެދުވެރިކޮށް ހިންގި ވަގު ވިޔަފާރީގެ މައްސަލަ) ބެލުމަށް އޭރުގެ ސަރުކާރުން އެ ކަން ކުރުމަށް ކޮންޓްރެކްޓް ކުރެވި މި ކުންފުންޏާ ހަވާލު ކުރެވުނީ، ހަގީގަތުގައި ހަތެއް ފެބްރުއަރީ ދުވަހަކީ އެ ރިޕޯޓް ނެރެން އޮތް ދުވަސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައިސްފައި ވަނީ ރާއްޖެއަށް އެތެރެކުރާ ތެލަށް ވުރެ ރާއްޖެއިން ބޭރުކުރާ ތެޔޮ ބޮޑުތަނުން އިތުރުވެފައި އޮތުމުން ކަމަށެވެ."އެކަން ބެލުމަށް އޭރުގެ ސަރުކާރުން ކޮންޓްރެކްޓު ކުރެވި އެ މަސައްކަތް ހިންގުނީ. ހަގީގަތުގައި ހަތެއް ފެބުރުއަރީ ވަނަ ދުވަހަކީ އެ ރިޕޯޓު ނެރެން އޮތް ދުވަސް،" ނަޝީދު ވިދާޅުވި އެވެ.ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު ވެރިކަން ނިމުމަކަށް އައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒަހާރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ވަހީދެވެ. ނަޝީދު ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ކަމަށެވެ.ރައީސް ވަހީދާ ގުޅޭ ކަމެއް ރައްޔިތުންގެ މަޖިލީހަށް މި ފެންމަތި ކޮށްފައިވަނީ، އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރަކަށް އެމަނިކުފާނު އައްޔަން ކުރިތާ އެއް ދުވަސް ފަހުންނެވެ. އެސްޓީއޯ މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތު ކުރާ މުއާމާލަތަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ކުންފުނީގެ ޗެއާމަންގެ ގޮތުގައި ހުންނެވިއިރު ހިންގި ކަމަށް ތުހުމަތު ކުރާ މުއާމަލާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ