ކާނިވާ ސަރަހައްދު ހަ މަހުގެ ތެރޭގައި ހުސްކުރުމަށް މުނިސިޕަލްޓީން އަންގަވައިފި

އަލިމަސް ކާނިވާ ސަރަހައްދުގައި ހަދާފައި ހުރި ކެފޭތަކާއި ރެސްޓޯރަންޓްތައް އަދި އެހެނިހެން ތަންތަން ހުސްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް މާލޭ މުނިސިޕަލްޓީން ދެއްވައިފި އެވެ.
ކާނިވާ ސަރަހައްދުގައި ހިންގާ ހުރިހާ ތަންތަނަށް މަޖީދިއްޔާ އަލިމަސް އުފާ އޮފީހުން މިދިޔަ އާދީއްތަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ މި އަހަރުގެ ޑިސެމްބަރު 31 އިން ފެށިގެން އެ ސަރަހައްދާ ހަވާލުވާނީ މާލޭ މުނިސިޕަލްޓީން ކަމަށެވެ.
މަޖީދިއްޔާ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އުފެއްދެވި ސްޓިއަރިން ކޮމެޓީގެ ޗެއާޕާސަން އުމަރު ޒާހިރު މިއަދު ވިދާޅުވީ ކާނިވާ ސަރަހައްދުގައިި ހަދާފައި ހުރި ތަންތަން ހުސްކުރުމަށް އެންގެވީ އެ ތަންތަނުގެ އެގްރީމަންޓް މި އަހަރުގެ ނިޔަލަށް ހަމަވާތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ ބިން ދޫކުރައްވާފައި އޮތީ މި އަހަރުގެ ނިޔަލަށް. އޭގެ ފަހުން މުނިސިޕަލްޓީން އެ ސަރަހައްދުގައި ކުރައްވާ ކަމެއް ކުރައްވާނީ،" އުމަރު ޒާހިރު ވިދާޅުވި އެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސް އަލީ ހުސެއިން ދީދީ މިއަދު ވިދާޅުވީ ކާނިވާ ސަރަހައްދުގައި މިހާރު ކޮންޓްރެކްޓް ހަދާފައިވާ ހުރިހާ ތަނެއް ހަ މަސް ދުވަހުގެ ތެރޭގައި ހުސް ކުރަންޖެހޭނެ ކަމަށެވެ.
"ޑިސެމްބަރު މަހުގެ ނިޔަލަށް އެ ތަންތަނުގެ މުއްދަތު ހަމަވާނެ. އެހެންވެ އެ ތަންތަން ހުސްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް އަޅުގަނޑުމެން މިދިނީ،" އޭނާ ވިދާޅުވި އެވެ.
ކާނިވާ ސަރަހައްދު ހުސްކުރައްވަން އެންގެވިއިރު، އެ ސަރަހައްދުގެ ބައެއް އެމްޓީސީސީ އަށް ވެސް ދޭގޮތަށް ވަނީ ނިންމަވައިފަ އެވެ. އެއީ މިހާރުގެ ބާޒާރު ބެންކޮކް ހިމެނޭ ސަރަހައްދެވެ.
އަލީ ހުސެއިން ދީދީ ވިދާޅުވީ ބާޒާރު ބެންކޮކާއި، އެ ސަރަހައްދުގައި ހިމެނޭ ތަންތަން ވެސް ހަ މަހުގެ ތެރޭގައި ހުސްކުރަން ޖެހޭ ކަމަށެވެ.
ކާނިވާ ސަރަހައްދުގައި ހުރި ތަންތަން ހުސްކުރެއްވުމަށް ފަހު ދެން އެ ސަރަހައްދުގައި ކުރައްވާނީ ކޮންކަމެއްތޯ ދެންނެވުމުން އަލީ ހުސެއިން ދީދީ ވިދާޅުވީ އެ ސަރަހައްދު ތަރައްގީ ކުރައްވާނީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ޑިޒައިން ކުރައްވާ ގޮތަކަށް ކަމަށެވެ.
ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އިބްރާހިމް ރަފީގު މި އަހަރުގެ ޖުލައި މަހު ވިދާޅުވެފައި ވަނީ ކާނިވާ ސަރަހައްދުގައި ބޮޑެތި އިމާރާތްތައް ހެދުމުގެ ބަދަލުގައި ވީހާ ވެސް ބޮޑަކަށް މުނިފޫހިފިލުވޭނެ ހަރަކާތްތައް ހިންގުމަށް، ހުސްކޮށް ބޭއްވުމަށް ރާއްވަވާފައިވާ ކަމަށެވެ.
"އަލިމަސް ކާނިވަލާ ދިމާލަށް އިރުމަތީ ފަރާތް ހާމަކޮށް އޮންނަ ގޮތަކަށް އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތީ. އެ މަގުގެ އިރުމަތީ ފަރާތަށް އެއްވެސް ބޮޑެތި އިމާރާތްތަކެއް އަންނާކަށް އަޅުގަނޑުމެން ނޭދެން. ހުސްބިންތަކުގެ ތެރެއިން ބައެއް ބިންތައް ރިޒާވް ކުރަން އަޅުގަނޑުމެން ބޭނުންވޭ،" ރަފީގު ވިދާޅުވެފައި ވެ އެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން 2000 ވަނަ އަހަރު ދޫކޮށްފައިވާ ތަނެކެވެ. ނަމަވެސް އެ ތަނުގައި ހުރި އިމާރާތްތައް އެގްރީމަންޓެއްގެ ދަށުން ދޫކުރައްވާފައި ވަނީ 2004 ވަނަ އަހަރުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ