މަސްވެރިންގެ ދަތިތައް ހައްލުކޮށް ދިނުމަށް ޑީއާރުޕީން ސަރުކާރަށް އިލްތިމާސްކޮށްފި

މަސްވެރިންނަށް ސަބްސިޑީ ދީ، މަސްވެރިންނަށް ދިމާވެފައިވާ އެހެން ދަތިތައް ހައްލުކޮށް ދިނުމަށް ޑީއާރުޕީން ސަރުކާރަށް އިލްތިމާސްކޮށްފި އެވެ.
ޑީއާރުޕީގެ މަސްވެރިންގެ ގޮފީގެ ރައީސް އަދި އެ ޕާޓީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހް، ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މަސްވެރިންގެ ބަޔަކު އެދިގެން މި މަހުގެ 24 ގައި ޑީއާރުޕީ އާއި ގައުމީ ޕާޓީގެ އިސް ވެރިންގެ ޓީމެއް މަސްވެރިންނާ ބައްދަލުކުރި ކަމަށާއި މަސްވެރިން ފާހަގަކުރި ގޮތުގައި "މި ވަގުތު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ ސަބްސިޑީގެ މައްސަލަ" ކަމަށެވެ. އެހެންވުމާ އެކު މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ސަބްސިޑީ ލަސްނުކޮށް މަސްވެރިންނަށް ދޫކޮށްދިނުމަށް ޑީއާރުޕީން ވަނީ އެދިފަ އެވެ.
ޑީއާރުޕީން ސަރުކާރުގައި އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކުން މަސްވެރިންނަށް އައިސް ލިބޭނެ މަގުތައް ތަނަވަސްކޮށް ދިނުމާއި ހުޅުމާލޭގައި މިހާރު ބަހައްޓާފައިވާ ޕްލާންޓުތަކުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުއުފެއްދޭތީ، އެތަނުގައި އައިސް އުފެއްދޭ މިންވަރު އިތުރުކޮށްދިނުން ހިމެނެ އެވެ. އަދި ހުޅުމާލޭގައި މަސްވެރިންނަށް ހަދާފައިވާ ބަނދަރުން އައިސް ލިބުމުގެ އިތުރުން ތެލާއި ފެން އަދި ކަބޯތަކެތި ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދިނުމަށް ޑީއާރުޕީން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ