ވިޔަފާރި ބަނދަރުގައި ކިޔޫގެ ތަރުތީބުން އަމަލުކުރާ ގޮތް ހަމަޖައްސައިދިނުމަށް އެދި ލޮރީ ޑްރައިވަރުންތަކެއް ޕެޓިޝަނެއް ހުށަހަޅައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހަރަކާތްތެރިވާ ލޮރީތައް ކިޔޫގެ ތަރުތީބުން އަމަލުކުރާ ގޮތް ހަމަޖައްސައިދިނުމަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީއަށާއި ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް ޑްރައިވަރުންތަކެއް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދަށާއި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ރައީސް މުހައްމަދު ސޯލިހަށް އެޑްރެސްކޮށް ލޮރީ ދުއްވާ 80 ޑްރައިވަރުން މި ޕެޓިޝަން ފޮނުވައިފައި ވަނީ، އެ ސަރަހައްދުގައި ކިޔޫ ތަރުތީބެއް ގާއިމުކުރުމަށް ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ޓްރާންސްޕޯޓް ކައުންސިލާއި ޑްރައިވަރުން ގުޅިގެން ކުރަމުންދިޔަ މަސައްކަތްތަކަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެންނެވެ.
މި ޕެޓިޝަންގެ ކަންތައްތަކުގައި އިސްކޮށް އުޅޭ ލޮރީ ޑްރައިވަރަކު މިއަދު ބުނީ ވިޔަފާރި ބަނދަރުގައި ލޮރީތަކުގެ ކިޔޫގެ ތަރުތީބެއް ގާއިމުކުރުމަށް ޓްރާންސްޕޯޓް ކައުންސިލާ ގުޅިގެން އެ މީހުން މަސައްކަތްކުރަމުން ގެންދާތާ ދެ އަހަރެއްހާ ދުވަސްވެފައިވާ ކަމަށެވެ.
"މިކަން ކާމިޔާބުވާން ކައިރިވެފައި ވަނިކޮށް، މުދާ ކްލިއަކުރާ އެޖެންޓުން، ލޮރީ ޑްރައިވަރުންގެ ނަމުގައި ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅައިގެން މިކަން ހުއްޓުވާލީ. އެހެން ނަމަވެސް އެއްވެސް ލޮރީ ޑްރައިވަރަކު ކިޔޫ ތަރުތީބާ ދެކޮޅެއް ނަހަދާ. އެ މީހުންނަށް ބިރުދައްކައިގެން އެމީހުން ލައްވާ ޕެޓިޝަނެއްގައި ސޮއިކޮށްގެން ބަޔަކު އެ ޕެޓިޝަން ހުށަހެޅީ ދެތިން މީހެއްގެ އަމިއްލަ ފައިދާ އަށް،" ޕެޓިޝަންގެ ކަންތަކުގައި އެންމެ އިސްކޮށް އުޅޭ އެކަކު، ނޫހުގަ ނަން ނުޖެހުމަށް އެދި ބުންޏެވެ. "އެ ޕެޓިޝަންގައި ސޮއިކޮށްފައި ވަނީ ވެސް މުޅިން ޑްރައިވަރުންނެއް ނޫން."
ކިޔޫ ތަރުތީބަށް ތާއީދުކުރާ ޑްރައިވަރުން ބުނާ ގޮތުގައި އެ މީހުން ކިޔޫ ތަރުތީބެއް ގާއިމުކުރަން ބޭނުންވަނީ، ހުރިހާ ލޮރީތަކަށް ވެސް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށެވެ.
"ވަކި ބައެއްގެ ކޮންޓްރޯލް މިހާރު އޮންނަނީ. އޭގެ ސަބަބުން އެމްޕީއޭގެ މަސައްކަތަށް ވެސް ބުރޫއަރާ. ބައެއް ލޮރީތަކަށް ދަތުރެއް ނުލިބޭ. ކިޔޫ ސިސްޓަމް ހެދީމަ އެމްޕީއޭ އަށް ވެސް، މުދާ ނެރޭ އެހެން ފަރާތްތަކަށް ވެސް އަދި ޑްރައިވަރުންނަށް ވެސް ފަސޭހަވާނެ،" ޑްރައިވަރަކު ބުންޏެވެ.
ޓްރާންސްޕޯޓް ކައުންސިލްގެ ރައީސް މުހައްމަދު ވާހިދު މިއަދު ވިދާޅުވި ގޮތުގައި ލޮރީ ޑްރައިވަރުންގެ އެދުމުގެ މަތިން ވިޔަފާރި ބަނދަރުގަ ކިޔޫ ތަރުތީބެއް ހެދުމަށް ކުރަމުންދިޔަ މަސައްކަތް ކުއްލިއަކަށް ހުއްޓިފައި ވަނީ އެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައި ވަނިކޮށެވެ. އަދި އޭނާ ވިދާޅުވީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) އިން މިކަން ހުއްޓާލައިފައި ވަނީ، ކިޔޫ ތަރުތީބު ގާއިމުކުރުމާ ދެކޮޅަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަޔަކު ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރުގެ އެންގެވުމުގެ މަތިން ކަމަށެވެ.
"އެމްޕީއޭ އިން މަހުދީ (މެނޭޖިން ޑިރެކްޓަރު މަހުދީ އިމާދު) ގުޅައިފައި ވިދާޅުވީ ޓްރާންޕޯޓް މިނިސްޓަރު ވިދާޅުވިއޭ އަކަން އިހަށް މަޑުކޮށްލައްވާށޭ. އަޅުގަނޑުމެންނަށް ލިޔުމުން އެއްވެސް ޖަވާބެއް ނުލިބޭ،" ވާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކިޔޫ ތަރުތީބު ގާއިމު ކުރުމަށްޓަކައި އެމްޕީއޭ އިން ވަނީ ޓްރާންސްޕޯޓް ކައުންސިލުން ބޭނުންކުރާނެ ކައުންޓަރެއް ވެސް ހަދައިދީ އެތަނުގެ 80 ވަރަކަށް ޕަސެންޓް މަސައްކަތް ފުރިހަމަކޮށްފަ އެވެ.
"ކިޔު ތަރުތީބެއް ގާއިމުކުރުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމަ ޑްރައިވަރުން އެދިގެން. ބައެއް ފަރާތަކަށް ހީވަނީ މިއީ އަޅުގަނޑުމެން ފައިދާ އަށް ކުރާ ކަމެކޭ. ފަހަރެއްގައި ވެސް އެހެންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ވާހިދު ވިދާޅުވި ގޮތުގައި ލޮރީ ކިޔޫ ތަރުތީބު ގާއިމުކުރުމަށްޓަކައި އެމްޕީއޭއާ އެކު އެއްބަސްވުމެއް ގާއިމުކޮށް އެކަމަށް ބޭނުންވާ ގަވާއިދުތަކާއި އެކަން ކުރިއަށް ގެންދާނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
"ޓްރާންސްޕޯޓް މިނިސްޓްރީގެ އެއްބާރުލުން އަޅުގަނޑުމެން ބޭނުންވާ ވަރަކަށް ނުލިބޭ. ޓްރާންސްޕޯޓް މިނިސްޓްރީން އެއްބާރުލުން ދޭނަމަ މިކަން ހައްލުވާނެ،" ހުޅުލެ-މާލެ ފެރީގެ ހިދުމަތް ވެސް ދެމުންދާ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މި ކަންތަކާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް ކުރި މަސައްކަތް ވަނީ ތިން ދުވަސް ވީއިރު ވެސް ކާމިޔާބުނުވެފަ އެވެ. އަދި އެ މިނިސްޓްރީގެ ބައެއް ބޭފުޅުން ވަނީ އެއްޗެއް ވިދާޅުވާން އިންކާރު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ