ޕްރޮފެޝަނަލް ތަނަކުން ތަހުގީގު ކޮށްފިނަމަ ޔާމީން ސަލާމަތް ނުވާނެ: މުސްތަފާ

އެސްޓީއޯގެ ޗެއާމަން ކަމުގެ މަގާމުގައި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ހުންނެވި ދުވަސްވަރު 800 މިލިއަން ޑޮލަރުގެ ތުހުމަތު ކުރެވޭ މައްސަލަ ޕްރޮފެޝަނަލް ކޮމާޝަލް ކްރައިމް ބަލާ ތަހުގީގީ އިދާރާ އަކުން ތަހުގީގުކޮށްފިނަމަ ޔާމީން "ސަލާމަތެއް ނުވާނެ" ކަމަށް ޔާމީނާ ދެކޮޅަށް ގަރާރު ހުށަހެޅުއްވި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ޔާމީން މިއަދު ހާޒިރު ކުރުމާ ގުޅިގެން ހަވީރަށް ދެއްވި އިންޓަވިއުއެއްގައި މުސްތަފާ ވިދާޅުވީ އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެއްވެސް ސިޔާސީ މަގުސަދެއްގައި ނޫން ކަމަށާއި އަދި އެކަން ކުރުމަށް އެމްޑީޕީން ވެސް އަންގާފައި ނެތް ކަމަށެވެ.
"މިނިވަން މަޖިލީހެއްގައި، މިނިވަންކަމާއެކު ޔާމީނާ ސުވާލުކުރުމުގެ ފުރުސަތު ދެއްވައިފިނަމަ، 800 މިލިއަން ޑޮލަރުގެ އެ ވިޔަފާރި އަކީ ސައްހަކޮށް ހިންގާފައިވާ ވިޔަފާރިއެއް ނޫން ކަމާއި އެއީ ވަގު ވިޔަފާރިއެއްކަން ޔާމީންގެ އަމިއްލަ ބަހުން އިއުތިރާފް ކުރުވާފަ ނޫނީ އަޅުގަނޑު ގޮނޑިން ނުތެދުވާނަން،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވިނަމަ އެ ހުރިހާ ކަމެއް "ފަޅާ އެރުވީސްކަން ކަށަވަރު" ކަމަށެވެ.
"ހިތާމަ އަކީ ]މަޖިލީހުގެ[ ކޮމެޓީތަކަށް މީހުން ކަނޑައަޅާއިރު އެ މީހާގެ ޕްރޮފެޝަން އަށް ނުބަލައި، އަޅުގަނޑުމެންގެ ޕާޓީން ކޮމެޓީތަކަށް މީހުން ކަނޑައަޅާކަން،" މުސްތަފާ ވިދާޅުވި އެވެ. "އަޅުގަނޑަކީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކް އެންޑް ޕޮލިޓިކަލް ސައެންސުން މާސްޓާސް ހަދައިގެން ހުރި މީހަކަށް ވާކަށް ލާޒިމެއް ނުވޭ. ޔާމީނަށް އެނގޭނެ އަޅުގަނޑުގެ ތަޖުރިބާގެ ކުރިމަތީގައި ތެދުވާން ޖެހޭނެކަން،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވީ، ގްރާންޓް ތޯޓަންގެ ރިޕޯޓަށް ބެއްލެވުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ ވިޔަފާރި ކުންފުންޏެއް ސިންގަޕޫރުގައި ފަސް އަހަރު ދުވަސް ވަންދެން ހިންގަވައި، ކޮންވެންޝަނަލް ޝިޕިންގް އިން 20 އަހަރު ދުވަސް ވަންދެން އިމްޕޯޓް އެކްސްޕޯޓް ވިޔަފާރި ހިންގަވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން އެ ރިޕޯޓް ބެއްލެވިއިރު ސައްހަ ނޫން ކަންތައްތަކެއް ފާހަގަ ކުރެއްވުމުން އެކަން މަޖިލީހަށް ހުށަހެޅުއްވީ ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ޔާމީނާ މިއަދު ކުރިމަތިކުރި ސުވާލުތަކުގެ ޖަވާބުގައި، އދ. ގެ ގަރާރުތަކަށް ބޯލެނބުމަކީ ހަމައެކަނި ސަރުކާރުތަކަށް ލާޒިމްކުރާ ކަމެއް ކަމަށް ޔާމީން ފަދަ މަޖިލީހުގެ މެމްބަރަކު ވިދާޅުވެގެން ނުވާނެ ކަމަށެވެ. އަދި ޔާމީނަށް އެހެން ވިދާޅުވެވުނީ، "ގޮތް ހުސްވެގެން" ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"އެއްވެސް ގައުމެއްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުންޏަކުން އެ ގައުމެއްގެ ދިދައިގެ ދަށުގައި އޮވެގެން އދ. ގެ މުއާހަދާތަކަށް ބޯނުލަނބާ ވިޔަފާރިއެއް ނުކުރެވޭނެ. އދ. ގެ ކޮންމެ މެމްބަރު ގައުމަކަށް ވެސް އދ. ގެ ގަރާރުތަކަށް ބޯލަނބަން މަޖުބޫރުވާނެ،" މުސްތަފާ ވިދާޅުވި އެވެ. "ޔާމީން އެ ވިދާޅުވާ ގޮތުން ނަމަ އަމިއްލަ މީހުންގެ ބޯޓް ފަހަރަށް ވެސް އީރާންގެ ބަނދަރުން ތެޔޮ އެރުވެން ޖެހޭނެ. ކީއްވެތޯ އަމިއްލަ ކުންފުނިތަކަށް އީރާނާ އެކު ވިޔަފާރި ނުކުރެވެނީ؟."
މުސްތަފާ ވިދާޅުވި ގޮތުގައި އެސްޓީއޯ އިން ބަރުމާއާ އެކު ތެލުގެ ވިޔަފާރި ކުރި ދުވަސްވަރު އދ. އިން އޮތީ އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އޭނާ ވިދާޅުވީ އެފަދަ ފިޔަވަޅު އަޅާފައިވާ ދުވަސްވަރެއްގައި ބަރުމާ އާއެކު ތެލުގެ ވިޔަފާރި ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތައް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ