ހުޅުދޫ ގިރާ ސަރަހައްދުގައި ލާ ތޮށިގަނޑުގެ ފުރަތަމަ ފޭހުގެ މަސައްކަތް ނިންމައި ދެވަނަ ފޭސް އިއުލާންކޮށްފި

ސ. ހުޅުދޫ އިރުދެކުނު ފަރާތް ގިރަމުން ދާތީ އެ ސަރަހައްދުގައި ލުމަށް ހަމަޖައްސައިވާ ތޮށިގަނޑުގެ ފުރަތަމަ ފޭހުގެ މަސައްކަތް ނިންމައި ދެވަނަ ފޭހުގެ މަސައްކަތް ކުރާނެ ބަޔަކު
ހޯދުމަށް އިއުލާންކޮށްފި އެވެ.
ހުޅުދޫ އޮފީހުން ބުނިގޮތުގައި ފުރަތަމަ ފޭހުގެ މަސައްކަތް ނިމުމާ ގުޅިގެން ދެވަނަ ފިޔަވަހީގެ ދަށުން ލުމަށް ހަމަޖައްސައިފައިވާ 400 ފޫޓުގެ ތޮށިގަނޑުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި ވަނީ މިދިޔަ ހަފުތާ ތެރޭގަ އެވެ.
"މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އަޅުގަނޑުމެން މާދަމާ ބައްދަލުވުމެއް ބާއްވައި އަނެއް ދުވަހު ޕްރޮޕޯސަލްތައް ހުށަހަޅާ ގޮތަށް ނިންމައިފައި ވަނީ،" ހުޅުދޫ ބޮޑު ކަތީބު މުހައްމަދު ޖަމީލް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް މިމަސައްކަތް އެއްކޮށް ނިންމާލަން."
ހުޅުދޫ ގިރާ ސަރަހައްދުގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 1،200 ފޫޓުގެ ތޮށިގަނޑެއް ލުމަށް ނިންމައިފައިވާ އިރު ފުރަތަމަ ފޭހުގައި ލާ 400 ފޫޓުގެ ތޮށިގަނޑުގެ މަސައްކަތް، އެމަސައްކަތް ހަވާލުކުރި އައިލެންޑް އެކްސްޕްރެސް ޕްރައިވެޓް ލިމިޑެޓުން ވަނީ ނިންމައިފަ އެވެ. އެކުންފުނިން މިމަސައްކަތް ފަށައިފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. މަސައްކަތް ފަށާތާ 50 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެކުންފުންޏާ މަސައްކަތް ހަވާލުކުރި ނަމަވެސް ފުރަތަމަ ފޭހުގެ މަސައްކަތް އެއެކުންފުނިން ވަނީ ވިއްސަކަށް ދުވަހުގެ ތެރޭގައި ނިންމައިފަ އެވެ. މިމަސައްކަތަށް ހަރަދުކޮށްފައި ވަނީ 2.8 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ