ވަގު ކޭޝް ކާޑު ހެދި ފަސް މީހުންގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ވަގު ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ހައްދައިގެން ވައްކަންކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ފަސް މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓަ ޖެނެރަލް )ޕީޖީ( އަށް ފުލުހުން ފޮނުވައިފި އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބޭންކުތަކުގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ވަގު ކޭޝް ކާޑާއި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ފައިސާ ނަގައި ބޮޑެތި ވައްކަންތައް ކުރަމުންދިޔަ މައްސަލައިގައި ޕީޖީ އަށް ފޮނުވި ފަސް މީހުންނަކީ މިދިޔަ އަހަރުގެ ސެެޕްޓެމްބަރު މަހު ދިވެހި ފުލުހުންނާއި ސްރީލަންކާގެ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެކެވެ.
އެއީ މއ. ކަނޑޫގޭ އަލީ އަހުމަދު ،28 ސ. މަރަދޫ ނަރުގިސްމާގޭ އަބްދުލް ޣަނީ އަބްދުލް އަބްދުލް މަޖީދު، ،30 މއ. ނާރެސް ތޯރިގު ޖަމީލު، 30 އެވެ. މި ތިން މީހުން ހައްޔަރުކުރީ ސްރީ ލަންކާއިންނެވެ. މި މައްސަލައިގައި އަލީ އަހްމަދުގެ ކޮއްކޮ އަބްދުﷲ އަކުރަމް، ، 22 އަދި މ. ޓްރެންކްލިޓީ ނަދީމް މަސްއޫދު، 32 ވެސް ހައްޔަރުކުރި އެވެ.
ފުލުހުން ބުނާ ގޮތުގައި މި މީހުން ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގައި ހިންގާ ބޭރުގެ ބައެއް ބޭންކްތަކުގެ ބައެއް ކަސްޓަމަރުންގެ ނަމުގައި ވަގު ކްރެޑިޓް އަދި ޑެބިޓް ކާޑު ހައްދައިގެން އެތައް ލައްކަ ރުފިޔާއެއް ރާއްޖޭގެ އޭޓީއެމްތަކުން ނެގުމުގެ އިތުރުން އަގުބޮޑު ބައެއް ސާމާނު ވެސް ގަނެފަ އެވެ. އަދި ރާއްޖޭގެ އޭޓީއެމްތަކުން އެ މީހުން ނެގި ފައިސާގެ އަދަދު 700،000ރ. އަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ރާއްޖެ އިން ބޭރުގެ ބޭންކުތަކުގެ ކަސްޓަމަރުންގެ ނަމުގައި ވެސް ވަގު ކާޑު ހައްދާފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުން އަތުގައި ހުރި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ހަދާ މެޝިންތަކާއި ސާމާނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ