ވަތަނިއްޔާ އާއި ފޯކަސްގެ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލައިފި

އެންމެ މަތީ ފެންވަރުގެ މުއާސަލާތީ ހިދުމަތް ދިނުމަށްޓަކައި ވަތަނިއްޔާ އާއި ފޯކަސް އިންފޯކޮމް އިން އަޅާ ސަބްމެރިން ކޭބަލްގެ ކޮޅު މިއަދު ރާއްޖެއާ ގުޅާލައިފި އެވެ. މިއީ ރާއްޖޭގެ ތާރީހުގައި އެޅި ފުރަތަމަ ސަބްމެރިން ކޭބަލެވެ.
ވަތަނިއްޔާ އާއި ފޯކަސް އިންފޯ ކޮމް އަދި އިންޑިޔާގެ ރިލަޔަންސް އިންފޯކޮމް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ވާފް ޓެލެކޮމް އިންޓަނޭޝަނަލް އިން އަޅާ ކޭބަލް މިއަދު މެންދުރު ރާއްޖެއާ ގުޅައިލީ ހުޅުމާލޭގައި ހުންނަ ލޭންޑިން ސައިޓަށެވެ. ކޭބަލްގެ ގުޅައިލުމުގެ މަސައްކަތްކުރީ ކޭބަލް ވަޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރަންސޭސީވިލާތުގެ އަލްކަޓޭލް ކުންފުނީގެ ތަޖުރިބާކާރުންގެ ޓީމަކުންނެވެ. ކަނޑު އަޑީގައި ކޭބަލް ވަޅުލަނީ އެކަމަށް ހާއްސަކޮށް ބަނދެފައިވާ ބޯޓެއްގަ އެވެ.
ވަތަނިއްޔާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޮޕްޓިކަލް ފައިބާ ސަބްމެރިން ކޭބަލް އިންޑިޔާ އިން ފެށިގެން ކަނޑު އަޑިން އަޅަމުން އައިސް ރާއްޖެ އަށް މި ގުޅައިލެވުނީ ހަފުތާއެއްގެ މަސައްކަތަށް ފަހު ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކޭބަލް ހުޅުމާލޭގެ މެއިން ހޯލުން ވައްދައި ލޭންޑިން ސައިޓާ ގުޅާލުމަށް ފަހު ދެން މަސައްކަތްކުރާނީ ހުޅުމާލެ އާއި މާލެއާ ދެމެދު ކޭބަލް އެޅުމަށް ކަމަށެވެ. އޭގެ ފަހުން ޓެސްޓް ކުރުމާއި އެހެން މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ.
"ހުކުރު ދުވަހު މާލެއާ ގުޅައިލާނެ. އޭގެ ފަހުން ދާނީ ޓެސްޓް ކުރުމާއި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން. މި ކޭބަލްގެ ސަބަބުން އިންޓަނެޓާއި ފޯނުގެ ހިދުމަތް ވަރަށް ބޮޑުތަން ހެޔޮވެ ފަސޭހަވާއިރު އިންޓަނޭޝަނަލް ކޯލްތަކުގެ އަގުތައް ވަރަށް ހެޔޮވާނެ. އަދި އާ ފުރުސަތުތައް ހުޅުވި އާ ވިޔަފާރިތައް ތަރައްގީވެގެންދާނެ،" އޮފިޝަލު ވިދާޅުވި އެވެ.
ވަތަނިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ސީއީއޯ މާކް ހަނާ ވިދާޅުވެފައި ވަނީ މިއީ މުއާސާލަތުގެ މަތީ ފެންވަރުގެ ހިދުމަތް ހެޔޮ އަގުގައި އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހުޅުވުނު ދޮރެއް ކަމަށާއި ހިދުމަތް ފެށުމުން ވަރަށް ބޮޑަށް އަގުހެޔޮ ވެގެންދާނެ ކަމެއް ކަމަށެވެ.
ވަތަނިއްޔާ އާއި ފޯކަސް އިން ވެސް މި މަޝްރޫއަށް ހަރަދުވާ ފައިސާގެ އަދަދެއް ނުބުނެ އެވެ.
ވަތަނިއްޔާގެ ސަބްމެރިން ކޭބަލްގެ މަސައްކަތް މުޅިން ނިމި މި އަހަރު ނިމުމުގެ ކުރިން ހިދުމަތްދޭން ފަށާނެ ކަމަށް ވަތަނިއްޔާ އިން ކުރިން ވަނީ ބުނެފަ އެވެ.
ފުރަތަމަ ސަބްމެރިން ކޭބަލް މިއަދު ރާއްޖެއާ ގުޅައިލިއިރު ދެވަނަ ސަބްމެރިން ކޭބަލެއް އެޅުމުގެ މަސައްކަތް މުއާސަލާތީ ހިދުމަތްދޭ އަނެއް ކުންފުނި ދިރާގުން ވެސް ވަނީ ފަށައިފަ އެވެ. ދިރާގުގެ ކޭބަލުން ލަންކާ އާއި މާލެ ގުޅައިލާނީ އަންނަ މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ