ޑިމޮކްރެސީގެ ނަމުގައި ހިނގަނީ ހުދުމުހުތާރު ވެރިކަމެއް: ތަސްމީން

ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިނުގަތުމާއި ސަރުކާރުގެ ކަންތައްތައް މަޖިލީހަށް ބެލޭނެ ގޮތެއް ނެތިގެން ދިއުމަކީ ޑިމޮކްރެސީގެ ބަދަލުގައި ހުދުމުހުތާރު ވެރިކަމަށް ޖާގަ ދެވިގެންދާ ކަމެއް ކަމަށް އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޑީއާރުޕީގެ ލީޑަރުގެ އަމިއްލަ ވެބްސައިޓުގައި ލިޔުއްވާފައިވާ ގޮތުގައި ހަމައެކަނި ޑިމޮކްރެޓިކް ހައްގުތައް ލިބިދޭ ގާނޫނު އަސާސީއެއް އަދި ރައްޔިތުންގެ މަޖިލީހެއް އޮތުމަކުން ޑިމޮކްރެސީއެއް ނާންނާނެ އެވެ. އަދި ތަސްމީން ވިދާޅުވީ ސަރުކާރުގެ އެކިއެކ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާ މައްސަލަ އަކީ ޑިމޮކްރެސީގެ ރޫހާ ހިލާފު، ޑިމޮކްރެސީއެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް އައްޔަންކުރައްވާފައިވާ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ބޭފުޅުން މަޖިލީހުގެ ކޮމެޓީ އަށް ހާޒިރުވުމަށް ދެންނެވި ދެންނެވުމަށް އެ ބޭފުޅުން ވަނީ އިޖާބަ ނުދެއްވައިފަ އެވެ. ހަމަ އެފަދައިން ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ރައްޔިތުންނަށް މުހިންމު އެތައް ކަމެއްގައި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވާން އެކި ފަހަރުމަތިން ދެންނެވުމުން އެ ކަންކަމަށް ވެސް ވަނީ ސަރުކާރުން އިދިކޮޅު ހައްދަވައިފަ އެވެ. ބައެއް ފަހަރު ތަފާތު އުޒުރުތައް ދައްކަވަ އެވެ. އަނެއްބައި ފަހަރު އެއްވެސް އުޒުރެއް ނުދައްކަވައި ވަޑައިނުގަންނަވާ ފަހަރު އާދެ އެވެ،" ތަސްމީންޑޮޓްކޮމްގައި ލިޔުއްވާފައިވެ އެވެ.
ތަސްމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހާ ހަވާލުކޮށްފައިވާ، ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު އެންމެ ފުރިހަމަ ގޮތުގައި ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީސް ވަނީ ނުކުޅެދިފަ އެވެ.
"މިއީ ޑިމޮކްރެސީއެއްގައި ރައްޔިތުންނަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކޮށްދޭންޖެހޭ އެންމެ މުހިންމު އެއް މަސައްކަތެވެ. ހަމަ އެއާއެކު ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މަޖިލީހުގެ މަސައްކަތަށް ބުރޫއަރައި މަޖިލީހުގެ ވަގުތުތައް ބޭކާރުވެގެންދެ އެވެ،" ތަސްމީން ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ތަސްމީން ވިދާޅުވީ ސަރުކާރުގެ މަންދޫބުން މަޖިލީހަށް ހާޒިރުވެ ވަޑައިނުގަތުމަކީ ޑިމޮކްރެސީއެއްގައި އަދި ވަކިން ހާއްސަކޮށް ރާއްޖެ ކަހަލަ ޑިމޮކްރެސީގެ ޅަފަތުގައި އޮތް ގައުމަކަށް ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ތަސްމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ބައެއް މަންދޫބުން ހާޒިރުވާން އުޒުރުވެރިވާ މައްސަލަ އަކީ ހުދުމުހުތާރު ވެރިކަމަކަށް ފުރޮޅާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންވެ އެ ކަމަށް ޖާގަ ނުދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އުޒުރުވެރިވާ ސަރުކާރުގެ މަންދޫބުންގެ މައްސަލަތައް ޝަރުއީ ކޯޓުތައް މެދުވެރިކޮށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމާ މެދު ވަނީ ސީރިއަސްކޮށް ވިސްނަންޖެހިފައި ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ބައެއް ވަޒީރުން އެ ބޭފުޅުންގެ ޒިންމާގެ ދަށުގައިވާ ވުޒާރާތަކުން ކުރާ މަސައްކަތާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސުވާލުކުރުމުން އެ ކަންކަމާ މެދު ނުރުހުން ފާޅުކޮށް އެއީ އެ ބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަނެއްބައި ވަޒީރުން މަޖިލީހުން ގާނޫނެއް ފާސްކުރުމުން އެއީ މަޖިލީހުން ސަރުކާރު ހިންގަން މަސައްކަތްކުރަނީ ކަމަށް ވިދާޅުވެފައި ތުހުމަތުގެ ބަސްތައް އަމާޒުކުރައްވައިފަ އެވެ،" ތަސްމީން ވިދާޅުވި އެވެ.
"އެހެން ނަމަވެސް ކެމްޕޭން ކުރެއްވި އިރު، ޑިމޮކްރެސީގެ މޮޅުކަމާއި ޑިމޮކްރެސީ ގެންނަންޖެހޭ ކަމާއި ޑިމޮކްރެސީ ނެތުމުން ކުރީގެ ސަރުކާރުން ހުދުމުހުތާރުކޮށް ވެރިކަން ކުރާ ކަމަށް ބުނެ ސަރުކާރު ވައްޓަން މަސައްކަތްކުރި ޕާޓީއަކުން މިއަދު ސަރުކާރު ލިބުމުން އަމަލުތައް އެ ބަހައްޓަވާ ގޮތަކީ ޑިމޮކްރެސީ ނޭނގޭތީ ކަންކުރައްވާ ގޮތެއް ކަމަށް ނުބެލެވޭނެ އެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ