ބާސެލޯނާ އާއި ރެއާލަށް ވެސް ތަފާތު ބޮޑު މޮޅެއް

މެޑްރިޑް (ސެޕްޓެމްބަރު 24) - ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ހެޓްރިކްތަކާ އެކު ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅުނު މެޗުތަކުން ތަފާތު ބޮޑުކޮށް މޮޅުވެއްޖެ އެވެ. އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް އަތުން 5- 0 އިން ބާސާ މޮޅުވިއިރު އަމިއްލަ ދަނޑުގައި ރަޔޯ ވަޔެސަނޯ އަތުން ރެއާލް މޮޅުވީ 6- 2 އިންނެވެ. މުހިއްމު ޕޮއިންޓްތަކެއް ގެއްލުވާލުމަށް ފަހު ރެއާލުން ކުޅުނު މެޗުގައި ރޮނާލްޑޯގެ އިތުރުން ރެއާލަށް ލަނޑު ޖަހައިދިނީ ގޮންޒާލޯ ހިގައިން އާއި ކަރިމް ބެންޒެމާ އަދި ރަފޭލް ވަރާނޭ އެވެ. މި މެޗުގެ 56 ވަނަ މިނެޓުގައި ރެއާލުގެ އެންހެލް ޑި މަރިއާ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. ވަޔެސަނޯގެ ދެ ލަނޑު ވެސް ޖަހައިދިނީ މިގުއެލް ޕެރޭޒެވެ. މި މޮޅާއެކު ވެސް ރެއާލް އޮތީ 10 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ބާސާ އޮތީ 11 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ރެއާލް ބެޓިސް އެވެ. ތިން ވަނައިގައި 11 ޕޮއިންޓް ލިބި، ނަމަވެސް ލަނޑުގެ ތަފާތުން އޮތީ ސެވިއްޔާ އެވެ. ބާސާ އާއި އެތުލެޓިކޯގެ މެޗުގައި ބާސާ އަށް ލީޑު ނަގައިދިނީ ނުވަ ވަނަ މިނެޓުގައި ޑޭވިޑް ވިޔާ އެވެ. އޭގެ ފަހުން ބާސާގެ ލީޑު ފުޅާވީ އެތުލެޓިކޯގެ މިރަންޑާ ޑި ސޫޒާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ބާސާގެ ތަފާތު ބޮޑުވީ އޭގެ ފަހުން މެސީ ހެދި ހެޓްރިކަކާ އެކު އެވެ. "މެސީގެ ފެންވަރު އަނެއްކާ ވެސް ސާބިތުކޮށްދީފި. އަހަރެމެންނަށް ކުރެވެން އޮތްހާ ވެސް ކަމަކީ އޭނާ އަށް މަރުހަބާ ކިޔުން،" ބާސާގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ. "އޭނާގެ ހުނަރުވެރިކަން ބަޔާންކޮށެއް ނުދެވޭނެ. ޖެހޭނީ އޭނާގެ ކުޅުން ދެކިލަން." ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސެވިއްޔާ ވަނީ ވެލެންސިއާ އަތުން 1- 0 އިން މޮޅުވެފަ އެވެ. އަދި ވިޔަރެއާލް އާއި އެތުލެޓިކް ކްލަބުގެ މެޗު ނިމުނީ 1- 1 އިން އެއްވަރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ