25 އަހަރު ހަމަވަންދެން ޖީއެމްއާރު ތިބެންޖެހޭނެ: ނަޝީދު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ޖީއެމްއާރާ އެކު އެއްބަސްވެފައިވާ 25 އަހަރު ހަމަވަންދެން، އެއާޕޯޓް ތަރައްގީކުރުމުގައި އެ ކުންފުނިން ދެމިތިބެންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ވައުދުގެ ދަތުރުގައި ހދ. މަކުނުދު އަށް ވަޑައިގެން ނަޝީދު ވިދާޅުވީ "މިރެއަކީ ވަރަށް ކަންބޮޑުވާން ޖެހޭ ރެއެއް" ކަމަށެވެ. އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ޖަލްސާގައި ނަޝީދު ވިދާޅުވީ ދީނާއި ގައުމިއްޔަތާއި ގުޅުވައިގެން ދެއްކި ދޮގު ވާހަކަތަކަކަށް ޖީއެމްއާރުގެ އެއްބަސްވުން އުވާލީ ވަކި ބަޔަކު ރުއްސަން ކަމަށެވެ. ސަރުކާރުން އެގްރިމަންޓް އުވާލިކަމަށް ބުނި ނަމަވެސް، އެގްރިމަންޓާއެއްގޮތަށް އެއާޕޯޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނަޝީދު ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ. "ތިޔަބޭފުޅުންގެ 25 އަހަރު ހަމަަވަންދެން އެތަނުގައި ތިއްބަވަންޖެހޭނެއޭ. އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ [އެމްޑީޕީ] ސަރުކާރާ އެކުގައި ދިވެހި ދައުލަތާ އެކުގައި އެ ކުންފުނީގެ ފަރާތުން ވެފައިވާ އެއްބަސްވުން ފުރިހަމަކޮށްދެއްވަން ޖެހޭނެއޭ. އެތަނުގައި ދުނިޔޭގެ ފެންވަރުގެ އެއާޕޯޓެއް އަޅައިދިނުމަށް ވާނީ ޝަރުތުކޮށްފައި،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްބަސްވުން ފަރުމާކޮށް ޖީއެމްއާރަށް އެއާޕޯޓް ދޫކޮށްފައި ވަނީ 25 އަހަރުގެ ތެރޭގައި 45 ބިލިއަން ރުފިޔާ ދިވެހި ދައުލަތަށް ވަންނާނެ ގޮތަށެވެ. އެ ފައިސާ އަކީ ދައުލަތަށް ވަންނަން ޖެހޭ ފައިސާއެއް ކަމަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއާޕޯޓް އާ ޓާމިނަލް ހެދުމުގެ މަސައްކަތް ވެސް ޖީއެމްއާރުން ހުއްޓާލާއިގެން ތިބުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން އާ ޓާމިނަލްގެ މަސައްކަތް ވެސް ބާރަށް ކުރިއަށް ގެންދެވުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ. އެއާޕޯޓް އެއްބަސްވުން އުވާލާފައި ވަނީ ބޭރުގެ ލަފައާ އެކު ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ނަމަވެސް އެއީ "ހެއްދެވި އިތުރުފުޅެއް ކަމަށް" ނަޝީދު ވިދާޅުވި އެވެ. އެއްބަސްވުން އުވާލުމަށް ލަފާދެއްވާފައި ވަނީ ކޮން ގައުމެއްގެ ކޮން ބައެއްތޯ ނަޝީދު ވަނީ ސުވާލު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ހިތްތަކާ ކުޅެލެވެނީ ދެ ވާހަކައެއް ދައްކައިގެން ކަމަށާއި ބައެއް ސިޔާސީ ބޭފުޅުން އެ ވާހަކަ ދައްކަވަނީ ދީނީ ފޮށާއަޅުއްވައިގެން ކަމަށެވެ. "އެ ހުރިހާ ބޭފުޅުންނަށް ވެސް އެނގޭ ދިވެހިންގެ ހިތްތަކާ ކުޅެލެވެން އޮތީ މާތްވެގެންވާ އިސްލާމްދީނުގެ ވާހަކަދައްކައިގެން ކަމާއި ގައުމިއްޔަތުގެ ވާހަކަ ދައްކައިގެންކަން،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމަށް ފާޑުވިދާޅުވުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ހަތިޔާރަކަށް ހެއްދެވީ އިސްލާމްދީނެވެ. މައުމޫން ވެރިކަމަށް ވަޑައިގެން ބަނގުރާ އާއްމުކުރެއްވި ކަމަށް ތުހުމަތުކުރައްވައި ނަޝީދު ވިދާޅުވީ އިގްތިސާދު ބަނގުރަލުގެ މައްޗަށް ބަރޯސާވާންދެން އެކަން ކުރިއެރުއްވި ކަމަށެވެ. ދީނާއި ގައުމިއްޔަތާ ގުޅިފައި ވަނީ އެއާޕޯޓު ކަމަށް ބުނެ ދޮގުތައް ހަދައިގެން ތަފާތު ވާހަކަތައް ދައްކާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެ ދޮގަކީ ތެދުގެ ގޮތުގައި ބައެއް މީހުންނަށް ގަބޫލުކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ބޮޑެތި ކުންފުނިތަކުން އިންވެސްޓްކުރުން މުހިންމު ކަމަށެވެ. ފޮރިން އިންވެސްޓްމަންޓަކީ މި ރާއްޖޭގެ ގައުމިއްޔަތަށް ލޮޅޫން އަރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ޖީއެމްއާރު މި ރާއްޖެއަކުން ނުފޭބޭނެ. އެއީ އެބޭފުޅުން [ސަރުކާރުން]ކަނޑައެޅިގެން ދައްކަވާ ދޮގު ވާހަކައެއް. އެ ބޭފުޅުންނަށް ކަނޑައެޅިގެން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ އެއީ އެއްގޮތަކަށް ވެސް ވާން އޮތް ކަމެއް ނޫންކަން،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑަށް ފާހަގަވި އެއްޗަކީ އިމްރާން [އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ] ހިތްހަމަޖައްސާލަން މި ނާނާ ކިޔާލީއޭ، މި ކުޅެނީ ބަތްކައްކާ. [ސަރުކާރުން] މި ކިޔަމުން ދަނީ ނާނާ." ސަރުކާރުން ކިޔާ ލަވައަކަށް އެމްޑީޕީ ނުހެއްލޭނެ ކަމަށާއި ޖީއެމްއާރުން އެއާޕޯޓް ހިންގުމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއަރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުނުކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މަކުނުދު އަށް ބޭނުންވެފައިވާ ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެއާޕޯޓެއް އޮތުމަކީ ރާއްޖޭގެ މަސްލަހަތާއި އިސްތިގުލާލާއި އިގްތިސާދީ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ސަރުކާރެއްގައި އެ ރަށުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ