އަނީސާ ޢީސާ – ދިވެހި މުޖުރާ ނެށުމުގެ އެންމެ އަލިގަދަ އެއް ތަރި!

ސުލްތާނު މުހަންމަދު ޝަމްސުއްދީނުގެ ރަސްކަމުގައި (1903 ން 1934 އަށް) ރާއްޖެއަށް މިއުޒިކާއި ތަފާތު ނެށުންތައް ފުރަތަމަ ފަހަރަށް ތަޢާރަފުކުރެވުނެވެ. ނެށުންތަކުގެ ތެރޭގައި މުޖުރާ ނެށުންވެސް ހިމެނެއެވެ.
މި ލިޔުމުގައި މި ބަލައިލަނީ ރާއްޖޭގައި އުފެދުނު މުޖުރާ ނެށުންތެރިންގެ ތެރެއިން ރަން އަކުރުން ފާހަގަކޮށްލެވޭ ނެށުންތެރިޔާ މަރްހޫމް އަނީސާ ޢީސާ (ރާ އަނީސާ) އަށެވެ. މަޢުލޫމާތު ނަގާފައި މިވަނީ ވިކިޕީޑިއާ އާއި ތާރީޚް ދިރާސާ ކުރައްވާ ބޭފުޅެއްކަމަށްވާ އަލްފާޟިލް ޢަބްދު ﷲ ސައީދު ލިޔުއްވާފައިވާ ”ދިވެހިރާއްޖޭގެ ޤައުމީ ސަލާމްގެ ތާރީޚް“ މި ލިޔުމުންނެވެ.
ދިވެހި ފިލްމީ ދާއިރާގެ ލިޖެންޑަރީ ތަރި އަޙްމަދު ނިމާލުގެ މަންމަ، އަނީސާ ޢީސާ އަކީ ކުރީގެ ވަރަށް މަޝްހޫރު ނެށުންތެރި އެކެވެ. އަނީސާގެ ނަން އޭރު މަޝްހޫރުވެފައިވަނީ ރާ-އަނީސާގެ ނަމުންނެވެ.
ނަށަން ފެށުން
އަނީސާ ޢީސާ ނެށުމުގެ ތެރެއަށް ވަނީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބައިސްކޯފު ފަރީދީ ސިނަމާ ގައި ހިންދީ ފިލްމްތައް ދައްކަން ފެށި ދުވަސްވަރު އެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 13 އަހަރު އެވެ. އޭނާ ނަށަން ދަސްކުރީ ސިނަމާއަށް ގޮސް ފިލްމު ބެލުމަށްފަހު، އެނެށުން ހިތަށް ނަގައިގެން ގެއަށް އައިސް އެގޮތަށް ފަރިތަކޮށްގެންނެވެ. އޭރުގެ މަޝްހޫރު ހިންދީ ނެށުންތެރިން ކަމަށްވާ ކުކޫ، ކުމްކުމް މެންގެ ނެށުންތައް ބަލައިގެން އަނީސާ ނަށަން ދަސްކުރިއެވެ.
އަނީސާގެ ނެށުން ދިވެހިރާއްޖެއަށް ތަޢާރަފްކޮށްދިނީ މަރުހޫމް ބެއްޔަ ހުއްތު ހިންގެވި ނަށާ ގުރޫޕަކަށް ވައްދައިގެންނެވެ. ބެއްޔަ ހުއްތު އަކީ ކުރީގެ ޑައިރެކްޓަރު އަދި މިހާރު ވިދާލާފައިވާ ޅެންވެރިޔާ ޢީސާ ޝަރީފުގެ ބައްޕާފުޅެވެ.
ބެއްޔަ ހުއްތުގެ ނަށާ ގްރޫޕަށް އަނީސާ ވަން އިރު އޭނާވަނީ ހިންދީ ނެށުންތެރިޔާ ހެލަންގެ ނެށުންތައްވެސް ދަސްކޮށްފައެވެ. ބެއްޔަ ހުއްތުގެ ނަށާ ގުރޫޕްގައި އަނީސާގެ އިތުރުން އުޅުއްވީ ދިއްގާމާގެ ތުއްތު މަނިކު އާއި ދަނޑިގޭ މަރިޔަމް ހަލީލާ، އުލިގަމު ސައީދާ އެވެ. ބެއްޔަ ހުއްތުގެ ގުރޫޕްގައި އުޅުނު ދުވަސްވަރު ޓިކެޓް ވިއްކައިގެން އެކިތަންތަނުގައި ޝޯދީފައި ވެއެވެ. އޭގެ ތެރޭގައި ކޯޒީގެ ކަންމަތި، ލިބަޓީ ތިއޭޓަރު އަދި މެޓްރޯ ތިއޭޓަރު ހިމެނެއެވެ. ބެއްޔަ ހުއްތު ގުރޫޕްގައި 5 އަހަރު އުޅުމަށްފަހު ދެން އަނީސާ ގުޅުނީ މަސްއޮޑި އިބްރާހީމް ފުޅު އުފެއްދި ގުރޫޕް އަކާއެވެ.
ނެށުމާއި އަނީސާ ދުރަށްޖެހިލީ 3 ކުދިން ލިބި އެކުދިންނަށް ވަގުތު ދިނުމަށްޓަކައެވެ. ނަމަވެސް 1990 ވަނަ އަހަރު އެނބުރި މުޖުރާ ޝޯ ތަކުން ނަށަން ފެށިއެވެ. އެއީ ސައިކުރާ ޅަތުއްތު ގެ އެދުމަކަށެވެ. 2 ފިލްމެއްގައި އެކްޓްވެސް ކޮށްފައި ވެއެވެ. މުޖުރާގެ ފަހުން އެސްޓީއޯގެ އަހަރީ ޝޯތަކަށް ވެސް ނަށަން ދަސްކޮށްދީފައި ވެއެވެ.
އެކްޓިން
ދިވެހި ދެ ފިލްމަކުން އަނީސާ ޢީސާ ފެނިފައި ވެއެވެ. އެއީ ސްލޭމް ސްޓޫޑިއޯ އިން މުޙައްމަދު ރަޝީދު (ދޮން އަންނާރޭ) ހެދި ފިލްމަކާއި ހަމަ އެ ސްޓޫޑިއޯގެ އެހެން ފިލްމެއްގައެވެ. ޑައިރެކްޓަރ އަދި އެކްޓަރ ނިމާލް ބުނީ އޭނާގެ މަންމަ ކުޅެފައިވަނީ ދެ ފިލްމެއްގެ ތަންކޮޅެއް ކަމަށެވެ.
އަމިއްލަ ދިރިއުޅުން
އަނީސާގެ ހަޔާތުގެ ފުރަތަމަ ބައިވެރިޔަކީ ހެންވޭރުގެ ފުޓްބޯޅަ ޓީމް ރޭޑިއަންޓް ކްލަބްގެ ފުޓްބޯޅަ ތަރި ކޮޕީ ހަނީފް އެވެ. އެދެމަފިރިންގެ ދަރިފުޅަކީ މިހާރުގެ މަޝްހޫރު ފިލްމީ ޑައިރެކްޓަރު އަހުމަދު ނިމާލް އެވެ. ދެވަނަ ކައިވެނީގެ ބައިވެރިޔަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަސްޢޫދު މޫސާދީދީ އެވެ. ދަރިފުޅު ލިލީތާ އަކީ ވެސް ލަވަކިޔުންތެރި އެކެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ މަސްޢޫދު މޫސާދީދީ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާން މޫސާދީދީ ގެ ބޭބެއެކެވެ.
ނިޔާވުން
އަނީސާ ނިޔާވީ 30 ސެޕްޓެމްބަރު 2016 ގައި އިންޑިޔާގައެވެ. މަރުހޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ