ޔާމީން ވެކްސިން ޖެއްސެވި ކަމަށް ބުނެ ފަތުރަނީ ދޮގެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު ވެކްސިން ޖައްސަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގުކޮށްފި އެވެ.
ރައީސް ޔާމީން މިއަދު މާލެ ގެނެސްފައިވަނީ ފުލުހުންގެ އެދިވަޑައިގަތުމަކަށް އެ އިދާރާއިން ކުރިއަށް ގެންދާ ތަހުގީގަކަށެވެ. އޭގެ ފަހުން އެމަނިކުފާނު ކްލިނިކަކަށް ގެންދެވީ ކޮވިޑް ވެކްސިން ޖެއްސެވުމަށް ކަމަށާ އަދި މިއަދު އެމަނިކުފާނު ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައި ކަމަށް ބުނެ ހަބަރުތައް ދަނީ ފެތުރެމުންނެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ކަރެކްޝަންގެ އޮފިސަރަކު ވިދާޅުވީ ރައީސް ޔާމީން ކޮވިޑް ވެކްސިން ޖައްސަވާފައި ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މިއަދު ކްލިނިކަކަށް ގެންދެވީ އެމަނިކުފާނުގެ އައިނު ބަދަލު ކުރެއްވުމަށެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިން ޖެެއްސެވުމަށް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. ނަމަވެސް ވެކްސިން ޖައްސަވަން ދެކޮޅު ހެއްދެވުމުން އެރޭ އަނބުރާ ޖަލަށް ގެންގޮސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ