ހުޅުމާލޭގައި އިތުރު 114 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލު ކޮށްފި

114 ޔުނިޓުގެ މިކްސްޑް ރެސިޑެންޝަލް ހައުސިން ޕްރޮޖެކްޓެއްގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
އެޗްޑީސީން ބުނީ މާލެ ސަރަހައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށް ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މެދު އަދި މަތީފަންތީގެ ގެދޮރުވެރި ކަމަށް ހާއްސަކޮށްގެން ގިނަ ޕްރޮޖެކްޓް ތަކެއް މީގެ ކުރިން ވެސް ހުޅުމާލޭގައި ހިންގާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ މަޝްރޫއުތަކުގެ ދަށުން 114 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޔުނިޓް އިމާރާތް ކުރުމަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސާސޭ/ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ސަވާދުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ޕްލޮޓް 3-S1ގެ ލޮޓް 11445 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެ ޕްރޮޖެކްޓަކީ ވެސް ވީހާވެސް އަގު ކުޑަކޮށް އާއްމުންނަށް ހުޅުވާލުމަށްޓަކާ ޕްރައިޒް ކެޕް ކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.
އެގޮތުން 60 ޕަސަންޓު ޔުނިޓުތައް ވިއްކޭނެ އެންމެބޮޑު އަގަކީ އަކަފޫޓަކަށް 2185 ރުފިޔާ ކަމަށާއި ބާކީ 40 ޕަސަންޓު މާކެޓު އަގުތަކުގައި ވިއްކުމުގެ ފުރުސަތު ޑިވަލޮޕަރަށް ދީފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ޑީޓެއިލް ޑްރޮވިން އެޕްރޫވްވުމުން 36 މަހުގެ ތެރޭގައި އެ މަޝްރޫއު ނިންމުމަށް އެ އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރެވިގެންދާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް ވެގެން ދާނީ ރަނގަޅު ފެންވަރެއްގައި ގިނަ ހިދުމަތްތަކާއި އެކު އަތްފޯރާފަށުގައި ފޯރުކޮށްދެވިގެން ދާނެ މުހިއްމު ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ