ފައިސާ ހަރަދުކުރުމުގައި އިލެކްޝަންސް އިމުން ބޭރުގައި: އޮޑިޓް ރިޕޯޓް

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެއްވެސް ހަރަކާތެއް ނުހިންގާ ޕާޓީތަކަށް ފައިސާ ދޫނުކުރުމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިފި އެވެ.
ނިޔާޒް ސޮއި ކުރައްވާ އޮޑިޓް އޮފީހުން އިއްޔެ އާންމު ކުރި އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެ ކޮމިޝަނުން ގާނޫނާއި ގަވާއިދާއި ހިލާފަށް ކޮށްފައިވާ 20 ކަމެއް ފާހަގަކޮށް އެކަންތައްތައް އިސްލާހު ކުރުމަށް ވެސް އަންގަވާފައި ވެއެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިޔާޒު ލަފާދެއްވާފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދު އިސްލާހުކޮށް ބަޖެޓުގެ އާމްދަނީން 0.1 ޕަސެންޓާއި 0.2 ޕަސެންޓަށް ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ކަނޑައެޅުމަށާއި ހަރަކާތެއް ނެތް ޕާޓީތަކަށް ފައިސާ ދޫކުރުން ހުއްޓާލައި ރައްޔިތުން މަޖިލީހުގައި ސިޔާސީ ޕާޓީތަކުން މެންބަރުން ތަމްސީލް ކުރާ ނިސްބަތުން ޕާޓީތަކަށް ފައިސާ ދިނުމަށެވެ.
ރިޕޯޓްގައި ބުނަނީ ބައެއް ސިޔާސީ ޕާޓީތަކުން އެތައް ބަޔަކަށް ނޭނގި ޕާޓީތަކަށް މީހުން ވައްދާ ފައިސާ ހޯދަމުން ގެންދާ ކަމަށާއި އެފަދަ ޕާޓީތަކުގެ މަސްއޫލުވެރިންނާ މެދު ފިޔަވަޅު އަޅައި އަދި އެ ފައިސާ އަނބުރާ މާލިއްޔަތަށް ހޯދަން ޖެހޭ ކަމަށެވެ.
ސިޔާސީ ޕާޓީތަކުން ގަވާއިދާއި އެއްގޮތަށް އޮޑިޓް ރިޕޯޓް ހުށަހަޅަމުން ނުދާ ކަމަށާއި އެކަމަށް އިލެކްޝަންސް ކޮމިޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އޮޑިޓް ރިޕޯޓް ހުށަނާޅައިގެން ޖޫރިމަނާ ކުރި ޕާޓީތަކުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާގެ 260،000ރ. ލިބިފައި ނުވާކަމަށް ވަނީ ބުނެފަ އެވެ.
މަޖިލީހުން ފާސްކުރުމެއް ނެތި އިލެކްޝަންސްގެ މެންބަރުން ކޮންމެ މަހަކު 3000ރ. ގެ ފޯން އެލަވަންސެއް ނަންގަވާ ކަމަށާއި ފޯން އެލަވަންސަށް އެކަނި ވެސް މިހާތަނަށް 74155ރ. ނަގާފައިވާ ކަމަށް ރިޕޯޓް ބުނެ އެވެ. އަދި އެ ފައިސާއަކީ ގާނޫނާ ހިލާފަށް ނަގާފައިވާ ފައިސާއަކަށްވުމުން އެ ފައިސާ އަބުރާ ދެއްކުމަށް މެންބަރުންނަށް ވަނީ އަންގަވާފަ އެވެ.
ކޮމިޝަންގެ ހުރިހާ މުވައްޒަފުންނައް ވެސް ފޯނު އެލަވަންސް ދެނީ ފިނޭންސްގެ ލަފައެއް ހޯދައިގެން ނޫން ކަމަށާއި އެއީ ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާ ފައިސާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވެއެވެ. އެހެންކަމުން އެ ފައިސާ ވެސް މާލިއްޔަތަށް އަނބުރާ ހޯދައި އަދި ކޮންމެހެން ކޮމިޝަންގެ މަސައްކަތެއްގައި ފޯނުން މުއާމަލާތް ކުރަން ޖެހޭ މުވައްޒަފުންނަށް ނޫން މީހުންނަށް އެލަވަންސް ނުދިނުމަށް ވަނީ އަންގާފަ އެވެ.
އަދި ކޮމިޝަންގެ މުވައްޒަފުން ލައްވާ އިތުރުގަޑީގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުވާ އިތުރު ގަޑީގެ ލާރީގެ ގޮތުގައި 971807ރ. ހަރަދުކޮށްފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ އަގު ބޮޑު 30 ފޯނެއް ބަޖެޓުން ހޯދައިފައިވާ ކަމަށާއި އޭގެތެރެއިން ފަސް ފޯނެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ ވެސް ހިމަނާފައިވާއިރު އެ ކޮމިޝަންގެ ބޭނުމަށް ގަނެފައިވާ 105 ލެޕްޓޮޕާއި އަދި 250 ނެޓްބުކްގެ ތެރެއިން ނުވަ ލެޕްޓޮޕެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ ވެސް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އަދި އެ ކޮމިޝަނުގެ މެންބަރުންނަށް އައިޕެޑް ނުގަތުމަށް އަންގާފައިވަނިކޮށް އެކަމަށް އިޖާބަނުދީ ފަސް އައިޕެޑެއް ގަތް މައްސަލަ ވެސް ނިޔާޒް ވަނީ ފެންމަތި ކުރައްވާފަ އެވެ. އެކަމަށް 77500ރ. ވަނީ ކޮމިޝަންގެ ބަޖެޓުން ހޭދަކޮށްފަ އެވެ.
ކޮމިޝނުން އިންތިހާބުތަކަށް އެކި އަތޮޅުތަކަށް ފޮނުވާ ފައިސާ ހަރަދުކުރާ ގޮތާއި އެ ފައިސާ ހަރަދުވާ ގޮތުގެ ތަފްސީލްތަށް ފެންނަން ނެތްކަން ފާހަގަކޮށް އެ ފައިސާ ތަފްސީލްކޮށް ހިމެނުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފަ އެވެ.
ކޮމިޝަންގެ ފަސް މެންބަރުންގެ އިންސުއަރެންސަށާއި އެ މެންބަރުންގެ 15 ޑިޕެންޑެންޓުންނަށް 10،000ރ އިންސުއަރެންސް ޕެކޭޖެއް ނެގެން އޮއްވާ އެލައިޑްގެ 35،000ރ. އިންސުއަރެންސް ޕެކޭޖް ނަގައިގެން 753507ރ. ވަނީ ހަމައެކަނި މެޑިކަލް އިންސުއަރެންސަށް ހަރަދުކޮށްފަ އެވެ.
އެ ނިންމުމާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ އެއީ ޒިންމާދާރު ނިންމުމެއް ނޫންކަމަށާއި އެ ފަދަ ނިންމުންތައް ނިންމަން ވާނީ މާލިއްޔަތަށް އެންމެ ފައިދާ ހުރި ގޮތުގައި ކަމަށެވެ.
އަދި ކޮމިޝަންގައި 56 މުވައްޒިފަކު އުޅޭ އިރު 46 ޕްރިންޓަރު ބޭނުން ކުރާ ކަމަށާއި މިއީ މުވައްޒިފަކަށް ޕްރިންޓަރެއް ޖެހޭ ވަރުގެ އަދަދެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ